މީގެ ދިހަ އަހަރު ދުވަހުގެ ކުރިން ހެދިފައިވާ އަންހެނުން ހެދުން އަޅާނެ އުސޫލާއި، ބުރުގާ އަޅަން މަޖުބޫރުކުރުވާ ގާނޫނު މުރާޖައާ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް އީރާނު ސަރުކާރުން ހާމަކޮށްފިއެވެ.

އީރާން ސަރުކާރުން މިފަދަ މަސައްކަތެއް ފަށާފައިމިވަނީ، ބުރުގާ އެޅުމުގެ ގަވާއިދުތަކާއި ހިލާފުވެގެން ހައްޔަރު ކުރި ޒުވާނަކަށް އަނިޔާކޮށް މަރާލުމުގެ ތުހުމަތުގައި އީރާނުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުގައި މުޒާހަރާތައް ކުރިއަށްދާތާ އެތައްދުވަހެއްފަހުންނެވެ.

އެގޮތުން އީރާނުގެ އެޓާނީ ޖެނެރަލް މުހައްމަދު ޖަފަރު މޮންޓަޒޭރީ ވިދާޅުވީ މިގަވާއިދަށް އިސްލާހެއް ގެންނަން ޖެެހޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިމަސައްކަތް ކުރަމުންދަނީ އީރާނުގެ ގާނޫނު ހަދާ މަޖިލީހާއި ގުޅިގެންކަމަށް އީރާނުގެ އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

އީރާނުގެ އެޓާނީ ޖެނެރަލް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މުހިންމު ކޮމިޓީ އަކާއެކު މަސައްކަތް ފަށާފައިވާ ކަމަށާއި، މިމަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުން ފެންނާނެކަމަށެވެ.



އީރާނުގައި އަންހެނުން ހެދުންއެޅުމާއި ގުޅޭ ގޮތުންް އަޅާފައިވާ ހަރުކަށި ގަވާއިދުތަކަކީ އެތައް އަހަރެއްވީ ގަވާއިދުތަކެކެވެ. މިގަވާއިދުތައް ތަންފީޒު ކުރުމުގައި ހާއްސް ފުލުހުންގެ ޓީމެއްވެސް ހަރަކާތްތެރިވެއެވެ.

މިހާއްސަ ފުލުހުންގެ ޓީމުން، ގަވާއިދާ ހިލާފަށް ހެދުން އެޅުމާއި ބުރުގާ އަޅާފައިވާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި އަދަބުދޭ ވާހަކަ ތަކަކީ މީގެ ކުރިންވެސް އީރާނުގައި ދެކެވެމުންދާ ވާހަކަތަކެކެވެ. ނަމަވެސް މިކަންކަން ހައްދުން ނައްޓައި، އަނބި ދަރީންނަށް އަނިޔާކުރާ ހިސާބަށް ދިއުމުން އީރާނުގެ ކުދިބޮޑު ގިނަ ބަޔަކު ދަނީ މިގަވާއިދުތައް އުވާލައި އަންހެނުންގެ ހައްގުތައް ހޯދުމަށް އަޑުއުފުލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން