ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މެޗުތަކުގައި އެންމެ އާންމު ކަމެއްގެ ގޮތުގައި ފެނިގެން ދަނީ ފަލަސްތީނު މިނިވަން ކުރަން ގޮވާލާ އަޑެވެ. މުބާރާތުގެ ގިނަ މެޗުތަކެއްގައި ކުޅިބަލަން ވަންނަ އަރަބި ގައުމުތަކުގެ މީހުން މެޗުގެ ފޯރިއާއި އެއްވަރަށް ނުވަތަ އެއަށްވުރެ މާ ޖީށާއި ފޯރީގައި ގޮވަމުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރުމުގެ ބަސްތަކާއި ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ އަޑެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލުން އިންގާ ލާއިންސާނީ އަނިޔާގެ ވާހަކައާއި މަންޒަރުތައް ބައިނަލްއަގުވާމީ މީޑިއާތަކުން ނުގެނެސް ދޭތީ، ދުނިޔޭގެ ގިނަބަޔަކު ބަލަމުންދާ ވޯލްޑްކަޕުގެ ކޮންމެ މެޗެއްގައިވެސް ފަލަސްތީނަށް ތާއީދުކުރާ އެތައްބަޔަކު ދަނީ ފަލަސްތީނަށް ސަޕޯޓުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ފަލަސްތީނުގެ ދިދަ ހިފައިގެން ފަލަސްތީންގެ ރައްޔިތުންނަށް ހިތްވަރުދީ އެމީހުންނާއެކު ތިބިކަން ހާމަކުރުމާއެކު އަރަބި ދުނިޔޭގެ ވެރިންނަށް ފާޑުކިޔާ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އުކަމުންދާ އަޑެއް ދަނޑަކުން ނުކެނޑެއެވެ.

މީގެއިތުރުން ޓިއުނީޝިއާ ފްރާންސް ބައްދަލުކުރި މެޗު ކުރިއަށް ދަނިކޮށް ފަލަސްތީނުގެ ދިދަ ހިފައިން ހުރި މީހަކު ވަނީ ދަނޑުމައްޗަށްވެސް އަރާފައެވެ.



ދެން ފާހަގަކޮށްލެވޭ ކަމަކީ، ވޯލްޑް ކަޕް މެޗުތައް ކުރިއަށްދާ ގަތަރުގައި ހަރަކާތްތެރިވާ އިޒްރާއީލުގެ މީޑިއާތަކަށް ގިނަބަޔަކު ދޭ ބީރުކަންފަތެވެ. އެގޮތުން އިޒްރާއީލުގެ މީޑިއާއެއްކަން އެނގޭއިރަށް ގިނަބަޔަކު ފަސްދީދާތަން ފެނެއެވެ. އަދި މީޑިއާގެ ކުރިމަތީގައި އިޒްރޭލުގެ އަނިޔާވެރިކަމަށް ފާޑުކިޔައި ފަލަސްތީނު މިނިވަން ކުރަން ވެސް ގޮވަމުން ދެއެވެ.



ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލާ މީހުންގެ މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ލޯތައްވަނީ އެމީހުންނަށް އަމާޒުވެފައެވެ. އަދި މީސް މީޑިއާގައި އެފަދަ ވީޑިއޯތައް ދައުރުވުން ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ގޮސް ކޮންމެ ދުވަހަކު ކުށެއްނެތް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް ހައްޔަރުކޮށް ބޮޑެތި އަނިޔާތައް ދަނީ ދެމުންނެވެ. އެގޮތުން ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުކޮށް ހުރަގޭގައި ބަންދުކޮށް އަންހެނުންނަށާއި އަންހެން ކުދިންނަށާއި ޒުވާނުންނަށް ގޯނާކޮށް އަނިޔާވެރިކަމާއެކު ހައްޔަރު ކުރަމުންދާ މަންޒަރާއި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ ފަލަސްތީނު ރައްޔިތުންގެ ގެދޮރު ހަލާކުކޮށް އެގެތަކުގެ މީހުން ނެރެ މަގުމަތިކުރަމުންދާ މަންޒަރު ކޮންމެ ދުވަހަކު މީސްމީޑިއާގައި ދައުރުވަމުންދާ ވިޑިއޯ ތަކުން ފެންނައިރު ވެސް ބައިނަލްއަގްވާމީ މީޑިއާތަކުން އެޚަބަރުތަކާއި މަންޒަރުތައް ނުގެނެސްދޭތީ ފަލަސްތީނަށް ތާއީދުކުރާ ދުނިޔޭގެ އެތައްބަޔަކު ދަނީ އެމީޑިއާތަކަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން