ޗައިނާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ސިޔާސަތުތަކާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ ވެރިކަމުން ފޭބުމަށް ގޮވާލައިފިއެވެ.

ޗައިނާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ސިޔާސަތުތަކާއިމެދު އާންމުން ހިތްހަމަ ނުޖެހި މުޒާހަރާ ކުރަން ފަށާފައިވަނީ އުސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތައްބަޔަކު މަރުވުމުންނެވެ. ބުރާސްފަތި ދުވަހު ހިނގާދިޔަ މިހާދިސާއިން ސަލާމަތް ނުވެވި ގިނަބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވަނީ އަލިފާނުން ސަލާމަތްވުމަށް އެއިމާރާތުން ނުނިކުމެވުމުންނެވެ.

އަލިފާނުހެ ހާދިސާ ހިނގި އިމާރާތުގައި ކޮވިޑް ޖެހިފައިވާ މީހުން ތިބުމާއެކު ޗައިނާ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ސިޔާސަތުތަކުގެ ދަށުން އެ އިމާރާތުގައި ވަނީ މީހުންނަށް ވަދެ ނުނިކުމެވޭ ގޮތަށް ބޮޑުތަޅު އަޅުވާފައެވެ. މިހާދިސާގައި 10 މީހުން މަރުވެފައިވާއިރު، އާންމުން ދަނީ މިމީހުން މަރުވެފައިވަނީ ސަރުކާރުން ގެންގުޅޭ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ތުހުމަތުކުރަމުންނެވެ.

ކޮވިޑާ ގުޅިގެން އަދިވެސް ޗައިނާގެ ގިނަ ސިޓީތަކެއް ހަރުކަށިކޮށް ލޮކްޑައުންކޮށްފައިވާއިރު، އެތަކެއް ރައްޔިތުން ގެއިން ނިކުތުން ވަނީ ޗައިނާ ސަރުކާރުން މަނާކޮށްފައެވެ.

ޗައިނާ ސަރުކާރުން އެގައުމުން ކޮވިޑް ނައްތާލުމަށް ބޭނުންކުރަމުންދާ ހާއްސަ ސިޔާސަތުތަކާއި، ގަވާއިދުތަކާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ޗައިނާގެ ފުލުހުން ވަނީ ޕެޕަރ ސްޕްރޭވެސް ބޭނުންކޮށްފައެވެ. މިމުޒާހަރާގައި ބައިވެރިވި 300 އެއްހާ އާންމުން ވަނީ ބުރާސްފަތި ދުވަހު ހިނގާދިޔަ އަލިފާނުހެ ހާދިސާގައި މަރުވި މީހުންގެ ހަދާނުގައި ޕޯސްޓަރުތަކާއި އުއްބައްތިތައްް ބޭނުންކޮށްފައެވެ.

އަދި މިމުޒާހަރާ ތަކުގައި ޗައިނާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ސިޔާސަތުތައް އުވާލުމުގެ އިތުރުން، ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ ވެރިކަމުން ފޭބުމަށް ގޮވާލަމުންދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން