ބޭނުން ނުކުރެވޭގޮތް ހަދާފައިވާ ނުވަތަ ބޭން ކޮށްފައިވާ ކުރީގެ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް އަލުން ބޭނުން ކުރެވޭގޮތް ހަދަން ނިންމައިފިއެވެ.

މިނިންމުން ނިންމައި ޓްވިޓާ ކުންފުނީގެ މިހާރުގެ ވެރިޔާ އީލަން މަސްކް ބުނީ މިއީ ގިނަބަޔަކު ބޭނުންވާ ގޮތްކަމަށެވެ. އަދި މިނިންމުން ނިންމާފައިވަނީ އާންމުންގެ މެދުގައި ވޯޓެއް ނެގުމަށް ފަހުގައި ކަމަށެވެ.

ބްލޮކް ކޮށްފައިވާ ޓްރަމްޕްގެ ޓްވިޓާ އެކައުންޓް އަލުން ބޭނުން ކުރެވޭގޮތް ހަދަން މަސައްކަތް ކުރަމުންދާކަމާ ބެހޭގޮތުން ޓްރަމްޕްގެ ހިޔާލަކީ ކޮބައިތޯ އެހުމުން ޓްވިޓާ އަލުން ބޭނުން ކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޓްރަމްޕްގެ އަމިއްލަ އެޕް "ޓްރުތު ސޯޝަލް" ގެ ކާމިޔާބީ ފާހަގަކޮށް، މީސްމީޑިއާ އެޕެއްގެ ގޮތުގައި އޭނާގެ އަމިއްލަ އެޕް ބޭނުންކުރައްވަން ހިޔާލުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ޓްވިޓާގެ އިތުރުން މީސްމީޑިއާ އެޕްތަކުން ޓްރަމްޕް ބްލޮކްކޮށް އެ އެޕްތައް އޭނާއަށް ބޭނުން ނުކުރެވޭ ގޮތް ހަދައިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ކެޕިޓޯލް ނުވަތަ ގާނޫނު ހަދާ މަޖިލީސް ކުރާގޭ ދޮށުގައި މުޒާހަރާކޮށް ދިން ހަމަލާއާއި ގުޅިގެންނެވެ.

ޓްރަމްޕް ވަނީ މިމުޒާހަރާގެ ބައިވެރިންނަށް ޓްވިޓަރ، ފޭސްބުކް އަދި ޔޫޓިއުބް މެދުވެރިކޮށް ހިތްވަރުދެއްވާފައެވެ. މިމައްސަލައިގައި ޓްރަމްޕް ބްލޮކް ކުރުމާއެކު އަމިއްލަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ބުނެ މީސްމީޑިއާ އެޕްތައް ހިންގާ ކުންފުނިތަކަށް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ.

މީސްމީޑިއާ އެޕްތަކުން ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބްލޮކްކޮށް ބޭނުން ނުކުރެވޭ ގޮތް ހެދުމުން ޓްރަމްޕް ވަނީ އަމިއްލަ އެޕެއް އުފައްދައި ލޯންޗުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން