މަޝްހޫރު ވިޔަފާފި ވެރިޔާ އަދި ބިލިއަނަރު، އީލަން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގައި ކުރިން މަސައްކަތްކުރި މުވައްޒަފުންތަކެއް ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން އީލަން މަސްކާއި ދެކޮޅަށް ޝަކުވާ ހުށަހަޅައިފިއެވެ.

ޝަކުވާ ހުށައަޅާފައިވަނީ ސްޕޭސްއެކްސް ކުންފުނީގެ ކުރީގެ އަށް މުވައްޒަފަކެވެ. އެމީހުން ވަނީ ގާނޫނާ ހިލާފަށް މަސައްކަތްތެރިން ވަކިކުރި ކަމަށް އީލަން މަސްކަށް ތުހުމަތުކޮށްފައެވެ. އެމީހުން ވަޒީފާއިން ވަކިކުރީ ސޯޝަލް މީޑިއާގައި އީލަން މަސްކްގެ އުޅުން ހުންނަގޮތާމެދު ކަންބޮޑުވެ، ކުންފުނީގެ ނަމުގައި އެއަމަލު ކުށްވެރިކޮށްދިނުމަށް އެދި ކުންފުނީގެ މެނޭޖްމަންޓަށް ފޮނުވި ސިޓީއެއްގެ ސަބަބުންކަމަށްވެއެވެ.

އީލަން މަސްކްގެ މުވައްޒަފުން ވަނީ ސޯޝަލް މީޑިއާގައި އީލަން މަސްކްގެ އުޅުން ހުންނަގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، މީސްމީޑިއާގައި އީލަން ބުނެލާ ބައެއް އެއްޗެހިން ލަދުގަންނަން ޖެހޭކަންވެސް ފާހަގަކޮށްފައެވެ. އަދި މިކަންކަން ލިޔެ ކުންފުނީގެ މެނޭޖްމަންޓަށް ފޮނުވި ސިޓީގައި 400 އެއްހާ މުވައްޒަފުން ސޮއިކުރިކަމަށްވެއެވެ.

މިމައްސަލައާއި ބެހޭގޮތުން އީލަން މަސްކްގެ ކުންފުނި ސްޕޭސްއެކްސްއިން ރަސްމީ ބަހެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

2002 ވަނަ އަހަރު ވުޖޫދައް އައި ސްޕޭސްއެކްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ވިޔަފާރި ކުރާ ޖައްވީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. މިކުންފުނިން ވަނީ އެމެރިކާގެ އަސްކަރިއްޔާ އާއި ނާސާއާ އެކު ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓްތަކެއް ހަދާފައެވެ. މީގެތެރޭގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އެސްޓްރޮނައުޓުންނާއި މުދާ ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއްވެސް ހިމެނެއެވެ. އަދި އެކުންފުނިން މިހާރު ދަނީ ޖައްވުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން