ސަރުކާރުން ށ. ބިލެތްފަހީގައި އެޅުމަށް ނިންމާފައިވާ އެއަރޕޯޓްގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިފަދައިން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއިއެކު މަޝްވަރާ ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބިލެތްފަހި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއަރޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަން ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވެން ހުރި ކަންކަން އެކަމާއި ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައި ސާވޭކުރުމަށްފަހު ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ށ. ބިލެތްފަހި ކައުންސިލުންވަނީ އެ ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަ ކޮށްފައެވެ. އަދި ކައުންސިލުންވަނީ ބިލެތްފައްސަށް ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަ ކަންކަމުގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ.

ބިލެތްފަހީގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ބިލެތްފަހީގެ ބަނދަރު މަޝްރޫޢު ކުރިއަށްދާއިރު އެމަޝްރޫއުގެ ތެރެއިން ރައްޔިތުން ކުރަން ބޭނުންވާ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައެވެ.

ސަރުކާރުން ށ. ބިލެތްފަހީގައި އެއަރޕޯޓެއް އެޅުމަށް ނިންމާ މިދިޔަ އޯގަސްޓް މަހު ވަނީ އެއަރޕޯޓް ތަރައްގީ ކުރަން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން