ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ކުރީގެ ނައިބު ރައީސް ފައިސަލް
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ކުރީގެ ނައިބު ރައީސް ފައިސަލް
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމަނިކުފާނުގެ ރަނިންމޭޓް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ، ޕްރައިމަރީގެ ކެމްޕޭން މަސައްކަތްތައް ކުރިއަށް ގެންދަވަނީ ރައީސް ޞާލިޙުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކުގައި ކަމަށެވެ.

މި ހިނގާ މަހުގެ 8 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރެއްވި ފައިސަލް އިތުރަށް ވިދާޅުވީ، ޕްރައިމަރީގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ޕާޓީގެ ޓިކެޓް ކާމިޔާބުކުރައްވާ ބޭފުޅަކާއެކު ސާބިތުވެ ހުންނަވައި، އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވަރުގަދައަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ، ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ފައިސަލް ނަސީމްގެ އިތުރުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް ވަނީ މި ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. މިކަމާ ގުޅިގެން ޕާޓީގެ އިސް ސަފުގެ ބޭފުޅުންގެ މެދުގައި ވެސް މިހާރު ވަނީ އެކި ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމުގައި ބައިބައިވުންތަކާއި ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު