ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމާއި ގުޅިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ޕްރައިމަރީ ސްކޫލްތައް ބަންދުކޮށްފިއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ޕްރައިމަރީ ކްލާސްތައް ބަންދުކޮށްފައިވާއިރު، ގްރޭޑް ފަހަކުން މަތީގެ ކްލާސްތަކަށް ބޭރުގައި ކުރިއަށް ގެންދާ ހަރަކާތްތައްވެސް ހުއްޓާލާން ހަމަޖެހިފައިވާކަމަށެވެ.

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ މެންދުރު 2 ޖެހިއިރު ދިއްލީގެ އެއާ ކޮލިޓީ އިންޑެކްސް 445 އަށް އަރާފައިވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިންވަރެއް ކަމަށްވާއިރު، މިއީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ނާޒުކު ފަރާތްތަކަށް އަދި މާނުރައްކާތެރި މިންވަރެއްކަމަށް ކަމާބެހޭ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ވައި ނުސާފުވެ، ވައި ތަޣައްޔަރުވެ، ވައިގެ ފެންވަރު މިހާ ނުރައްކާތެރި ހިސާބަކަށް ގޮސްފައިވަނީ ދާދި ފަހުން ނިމުނު ދިވާލީ ފާހަގަކުރުމަށް ހަވާ އަރުވާ، އެކި އެއްޗެހި ރޯކޮށް އަދި އުޅަނދުފަހަރުން އަރާ ދުމުން ވައި ތަޣައްޔަރުވުމާއި، އިމާރާތްކުރުމާ ގުޅުން ހުރި އާލާތްތަކުން ވައި ތަޣައްޔަރުވުމާއި، ގަހުގެ އެކި ބައިތައް އަންދާ ހަދާ މިންވަރު އިތުރުވުމުންކަމަށް ކަމާބެހޭ ބައެއް ފަރާތްތަކުން ދެކެއެވެ.

މީގެއިތުރުން، ދުނިޔޭގެ ވައިގެ ފެންވަރު ބަލާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އިންޑިއާގެ ދިއްލީ އަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެންމެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ އެއް ސިޓީގެ ގޮތުގައި ބެލެވޭ ސިޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން