އަވަށްޓެރި ލަންކާއިން ފުރަތަމަ ފަހަރަށް މަންކީޕޮކްސް ޖެހިފައިވާ މީހަކު ފެނިއްޖެއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ މަންކީޕޮކްސް ޖެހިފައިވަނީ 20 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އަދި އޭނާ އަކީ މިހިނގާ ނޮވެމްބަރ މަހު އެއްވަނަ ދުވަހު ޑުބާއީއިން ލަންކާއަށް ދަތުރުކުރި މީހެއްކަމަށްވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ބަލީގެ ބައެއް އަލާމާތްތައް ފެނި މިޒުވާނާ ނޮވެމްބަރު 02 ވަނަ ދުވަހު ނޭޝަނަލް ސެކްޝަލީ ޓްރާންސްމިޓެޑް ޑިޒީޒް (އެސްޓީޑީ) ކްލިނިކަށް ވަނީ ރިފަރ ކޮށްފައެވެ. އަދި އޭނާއަށް މަންކީޕޮކްސް ޖެހިފައިވާކަމަށް ޝައްކު ކުރެވޭތީ، ބައެއް ސާމްޕަލްތައް ނަގައި މެޑިކަލް ރިސާޗް އިންސްޓިޓިއުޓް (އެމްއާރުއައި) އަށް ފޮނުވުނެވެ. އެއަށްފަހު މަންކީޕޮކްސްއަށް ޚާއްޞަ ރިއަލް ޓައިމް ޕީސީއާރު ޓެސްޓެއް ހަދައި، ކޮންމެ ސާމްޕަލެއްގައި ވެސް ބަލީގެ ވަކި ޓާގެޓް ޖީންތަކެއް ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އިތުރަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމަށްފަހު އެޒުވާނާއަަށް މަންކީޕޮކްސް ޖެހިފައިވާކަން ބުރާސްފަތި ދުވަހު ކަށަވަރުވެފައިވާކަމަށް ސިއްހީ ދާއިރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ލަންކާގެ މެޑިކަލް ރިސާޗް އިންސްޓިޓިއުޓްގައި ގާއިމުކޮށްފައިވާ މަންކީޕޮކްސްއަށް ޚާއްޞަ ރިއަލް ޓައިމް ޕީސީއާރު ޓެސްޓުން މިހާތަނަށް ބައްޔަށް ޝައްކުކުރެވޭ ހަމީހަކު ޓެސްޓުކޮށްފައިވާއިރު، މިއީ މިބައްޔަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުން މަންކީޕޮކްސް އަކީ ކްލިނިކަލީ މާ ސީރިއަސް ނޫން ނަމަވެސް ސްމޯލްޕޮކްސް ބަލިމީހުންގެ ކިބައިން ފެންނަ އަލާމާތްތަކާ އެއްގޮތް އެއްގޮތް އަލާމާތްތަކެއް ފެންނަ، ވައިރަލް ޒޫނޯސިސް، ނުވަތަ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ވައިރަހެކެވެ. އަދި މަންކީޕޮކްސް އާންމު ގޮތެއްގައި ފެނިފައިވަނީ އެފްރިކާގެ ބައެއް ސަރަހައްދުތަކުން ކަމަށާއި، ގިނަ ފަހަރަށް މިބަލި ފެނިފައިވަނީ ޓްރޮޕިކަލް ރެއިންފޮރެސްޓްތަކާ ކައިރީގައި ހުންނަ ތަންތަނުން ކަމަށްވިޔަސް، މިހާރު މިބަލި ދަނީ އާބާދީ ބޮޑެތި ސަރަހައްދުތަކުގައިވެސް ގިނައިން ރިޕޯޓުކުރެވެމުންކަމަށް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

މަންކީޕޮކްސް އެންމެ ފުރަތަމަ އިންސާނެއްގެ ފަރާތުން ދެނެގަނެވުނީ 1970 ވަނަ އަހަރު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. އެއިރު މިބަލި ފެނިފައިވަނީ 9 މަހުގެ ކުޑަކުއްޖަކުގެ ފަރާތުންނެވެ.

އަދި 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެފްރިކާގެ އިތުރުން، އިޒްރާއީލް، ޔޫކޭ، ސިންގަޕޫރު، އެމެރިކާ، އިންޑިއާ، އަދި ޔޫރަޕުގެ ގިނަ ގައުމުތަކުގައި މިބަލި ވަނީ ފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން