އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް
އިސްރާއީލުގެ ތަލްއަވީވުގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ އިސްރާއީލުން ވެރިވެގެން އުޅޭ ގުދުސްއަށް ބަދަލުކުރުމުގެ ޕްލޭނެއް ނެތްކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ އެންމެފަހުން ބޮޑުވަޒީރަކަށް ހުންނެވި ލިޒް ޓްރަސްގެ ސަރުކާރުން އިސްރާއީލުގެ ތަލްއަވީވުގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ އިސްރާއީލުން ވެރިވެގެން އުޅޭ ގުދުސްއަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ފަށާފައިވަނިކޮށެވެ.

ލިސް ޓްރަސްގެ ސަރުކާރުން ގުދުސްއަށް އިނގިރޭސި އެމްބަސީ ބަދަލުކުރުމުގެ މަސައްކަތް ފެށިއިރު އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ނިންމައި، އެތަނަށް އެމެރިކާ އެމްބަސީ 2018 ވަނަ އަހަރު ބަދަލުކުރުމުން އިނގިރޭސިވިލާތަކީ އެކަން ކުށްވެރިކުރި ގައުމެކެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާއި މިދިޔަމަހުގެ 25 ވަނަ ދުވަހު ހަވާލުވި ރިޝީ ސުނަކްގެ ސަރުކާރުން މިކަމުގައި އަމަލުކުރާނީ ކިހިނެއްތޯ ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ތަލްއަވީވުގައި ހުރި އިނގިރޭސި އެމްބަސީ އެހެން ތަނަކަށް ބަދަލުކުރުމުގެ ޕްލޭނެއް ނެތްކަމަށެވެ.

އިނގިރޭސިވިލާތުގެ އެމްބަސީ ގުދުސްއަށް ބަދަލުކުރިނަމަ އެއީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އިނގިރޭސިވިލާތުން ގުދުސް ބަލައިގަތުން ކަމުގައި މާނަކުރެވިގެންދާނެއެވެ.

ފަލަސްތީނުގެ ގުދުސްއަށް އިސްރާއީލުން ވެރިވެގެން އުޅޭއިރު، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލަނީ އެމެރިކާއާއި، ހޮންްޑިއުރާސް، ގުއަޓެމާލާ އަދި އެލްސަލްވެޑޯ އެކަންޏެވެ. އަނެއްކޮޅުން ދުނިޔޭގެ ގިނަ ގައުމުތަކުން ގޮވާލަމުން ދަނީ އިސްރާއީލުން ވެރިވެގެން އުޅޭ ފަލަސްތީނުގެ ބިންތަކުން ފޭބުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން