އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލައިގައި ދަޢުލަތުން ކަނޑައެޅިގެން ދޮގު ހަދަމުންދާކަމަށް މައްސަލައިގައި ދަޢުވާ ރައްދުވާ ޙަލީމަތު ލަމްޙާ ބުނެފިއެވެ.

މި މައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ، މޭރީގެ ފިރިމީހާ، ޢުމުރުން 29 އަހަރުގެ މާވިން އެސްވައި ވާގަސްއާއި، އޭނާ ލޯބީގެގޮތުން ގުޅިގެން އުޅުނު ޅ. ހިންނަވަރު، މާފިނި ޢުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށެވެ. މޭރީގެ މަރުގެ މައްސަލާގައި މާވިން އާއި ލަމްހާގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިއަހަރުގެ ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދުވެސް ވަނީ 4 މީހެއްގެ ހެކިބަސް ނަގާފައެވެ. މޭރީ އުޅުނު ގޭގައި ދިރިއުޅޭ އެ 4 މީހުން ހެކިބަސްދެމުން ބުނެފައިވަނީ މޭރީ މަރުވި ދުވަހު އެ ގޭގެ ސިޑިމަތިން އިތުރު މީހަކު ފެނިފައިނުވާކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މޭރީގެ މެޑިކަލް ޗާޓުގެ މައްސަލާގައި ދެފަރާތުންވަނީ ބަހުސްކޮށްފައެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މޭރީގެ މެޑިކަލް ޗާޓު ހޯދަން ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ. އެހެންނަމަވެސް އެޗާޓު މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، މަރުވެގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ މެޑިކަލް ޗާޓެއް ނޯންނާނެ ކަމަށާއި އޮންނާނީ ޑެތު ސަމަރީއެއް ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށެވެ. ދަޢުލަތުން އެގޮތަށް ބުނުމުން މައްސަލަ ރައްދުވާ ޙަލީމަތު ލަމްހާ ބުނެފައިވަނީ "އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށެވެ. އަދި އެ ހުރިހާ ލިޔުންތަކެއް ހުންނާނެ ކަމަށް ލަމްހާވަނީ ބުނެފައެވެ. ލަމްހާ އަކީ މީގެ ކުރިން އައިޖީއެމްއެޗްގައި މަސައްކަތް ކޮށްފައިވާ ނަރުހެކެވެ.

ލަމްހާގެ ވަކީލުން މިއަދުބުނީ މޭރީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައިވެސް ފަރުވާދިން ކަމަށާއި، ހޮސްޕިޓަލުގައިވެސް ފަރުވާދިން ކަމަށެވެ. އަދި އެކަން މޭރީގެ މެޑިކަލް ޗާޓުން ސާބިތުވާނެކަމަށް ވަކީލުންވަނީ ބުނެފައެވެ. މާވިންވެސް ބުނެފައިވަނީ މެޑިކަލް ޗާޓު އައިޖީއެމްއެޗުގައި އޮންނާނެކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ދަޢުލަތުން އެކަމުގައި އަމަލުކޮށްފައިވަނީ ކޯޓުގެ އަމުރާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ޒިންމާދާރުކަމާއެކު އެކަން އިތުރަށް ބެލުމަށް ޤާޟީ ވަނީ ދަޢުލަތަށް އަންގަވާފައެވެ.

މި މައްސަލާގައި ހިމެނޭ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި، ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ވަނީ ދަޢުލަތުން އުފުލާފައިވާ ދަޢުވާތަކަށް އިންކާރުކޮށްފައެވެ. އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ވަނީ 110 ހެކި ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 74 ޝަފަހީ ހެއްކާއި 36 ކިތާބީ ހެއްކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދަޢުވާ މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަލީމަތު ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދަޢުވާ އެވެ.

ލަމްހާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. ލަމްހާއަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. ލަމްހާއަށް ކުރާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި 4 ދައުވާއަކީވެސް ގުޅިފައިވާ އަމަލުތަކެއްގެ މައްޗަށް ބިނާވެގެން އައިސްފައިވާ ދައުވާތަކެއް ކަމަށެވެ. މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާފައިވަނީ އޭނާ މަރުވެފައިވަނީ "ބްލަންޓް އިންޖަރީ" ނުވަތަ އެއްޗެއް ބޭނުން ކޮށްގެން މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން