އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި، ޗުއްޓީ ހޭދަކުރުމުގެ އުފާފާޅުކުރަމުން ދިޔަ މީހުން ފުރިފައިވާ ބްރިޖެއް ވެއްޓި ބްރިޖުގައި ތިބި އެތައް ބަޔަކު މަރުވެއްޖެއެވެ.

ވިޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި އިންޑިއާގެ މޮރްބީ ސިޓީގެ މައްޗޫ ކޯރުގެ މަތީގައި ގާއިމުކޮށްފައިވާ ބްރިޖު ހަލާކުވެ އެއްބަޔަކު ކޯރުތެރެއަށް ވެއްޓުނުއިރު، އެއްބަޔަކު ބްރިޖުގެ ކޭބަލްތަކާއި ހަލާކުވެ އެލިފައިވާ ބްރިޖުގެ އެކި ސަރަހައްދުތަކުގައި އެލިގަނެގެން ތިބި ތަން ފެނެއެވެ. އަދި އެމީހުން ސަލާމަތް ކުރުމަށް އެމަޖެންސީ ޓީމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އޮފިޝަލުން ހާމަކުރެއެވެ.

ބްރިޖު ހަލާކުވިވަގުތު ކޯރުތެރެއަށް ވެއްޓުނު ގިނަ މީހުން ފަތާފައި އެއްގަމަށް އަރަން މަސައްކަތް ކުރިއިރު، ގިނަބަޔަކު ގެނބިގެން މަރުވެފައިވާކަމަށް ކަމާބެހޭ ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭކަމަށްވެއެވެ.

ރޭ ހިނގާދިޔަ މިހާދިސާގެ ސަބަބުން އެތައްބަޔަކަށް އަނިޔާވިއިރު، 81 މީހަކު މަރުވެފައިވާކަމަށް މެޑިކަލް އޮފިސަރުން ހާމަކޮށްފައިވެއެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުން، ބްރިޖް ވެއްޓުނު ވަގުތު 400 އަށް ވުރެ ގިނަ މީހުން ބްރިޖް ހިމެނޭ ސަރަހައްދުގައި ތިއްބެވެ. އަދި އެވަގުތު ބްރިޖު މަތީގައި ވެސް 150 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް އިންޑިއާގެ ސްޓޭޓް ހޯމް މިނިސްޓަރު ހަރުޝް ސަންގަވީ ވިދާޅުވެފައިވެއެވެ.

ވެއްޓުނު ބްރިޖަކީ ދިވާލީ، އަދި އެކިކަހަލަ ޕޫޖާތައް ބާއްވާ ބަންދު ދުވަސްތައް ފާހަގަ ކުރާ ދުވަސްވަރު ގިނަބަޔަކު ޒިޔާރަތް ކުރާ ބްރިޖެއްކަމަށްވެއެވެ. 230 މީޓަރުގެ މި ބްރިޖަކީ 19 ވަނަ ގަރުނުގައި އިނގިރޭސީންގެ ވެރިކަމުގެ ދުވަސްވަރު ހަދާފައިވާ ބްރިޖެކެވެ. މިބްރިޖް މަރާމާތު ކުރުމަށް ހަމަސް ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، އާންމުންނަށް ހުޅުވާލައިފައިވަނީ މިދިޔަ ހަފްތާގައެވެ.

މިހާދިސާ ހިނގާ ދިޔައިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުންނެވީ ތިން ދުވަހުގެ ދަތުރުފުޅެއްގައި، މި ބްރިޖް ހިމެނޭ ގުޖުރާތު ސްޓޭޓަށް ވަޑައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ބްރިޖު ބޮޑުމީހާ

31-Oct-2022

މިމީހުން ލައްވާ އަހަރުމެން މި ބްރިޖު އަޅުވަނީ. ގެރެންޓީއެއް އެބައޮތްތަ



ޓްރެންޑިން