އިނގިރޭސިވިލާތުގެ ކިންގް ޗާލްސް އަށް ރަސްމީކޮށް ރަސްކަމުގެ ތާޖު ހަވާލުކުރުމުގެ ހާއްސަ ރަސްމިއްޔާތު ކަމަށްވާ ކޮރޮނޭޝަން ސެރެމޮނީ، އަންނަ އަހަރު މެއި މަހުގައި ބާއްވަން ނިންމައިފިއެވެ.

އެގޮތުން އުމުރުން 73 އަހަރުގެ ޗާލްސް ރަސްމީކޮށް ރަސްކަމުގެ ތާޖު އަޅުއްވާނީ، ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި ބާއްވާ 900 އަހަރަށް ވުރެ ގިނަ ދުވަސް ކުރީހެ ދިގު ތާރީހެއް އޮތް ހާއްސަ ރަސްމިއްޔާތަކަށް ފަހު އެވެ. އަދި މިހަފްލާގައި ރަސްގެފާނުގެ އަނބިކަނބަލުން ރާނީ ކޮންސޯޓް ކެމިލާ، 75، ވެސް ތާޖު އަޅުއްވާނެ ކަމަށް އިނގިރޭސިވިލާތުގެ ޝާޙީ އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިނގިރޭސި ތަޚުތަށް އިސްވެވަޑައިގެންނެވި އެންމެ ދުވަސްވީ ރަސްގެފާނު ޗާލްސް (ތިންވަނަ) އަށް ރަސްމީކޮށް ރަސްކަމުގެ ތަޚުތުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. ރަސްގެފާނު ޗާލްސް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފައިވަނީ ޗާލްސްގެ މަންމާފުޅު، ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ދައުލަތުގެ ވެރިޔާ، ރާނީ އެލިޒަބަތު ހަވަހާރަވުމާއި ގުޅިގެންނެވެ. ރާނީ އަވަހާރަވެފައިވަނީ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ސަގާފީ ރަސްމިއްޔާތެއްގެ ގޮތުގައި ކުރިއަށްދާ ރަސްކަމުގެ ތާޖު އެޅުއްވުމުގެ ރަސްމިއްޔާތަކީ އާ ވެރިއަކު ތަޚުތަށް އިސްވެވަޑައިގަންނަވާ ފަހުން ކުރިއަށްގެންދާ ރަސްމިއްޔާތެކެވެ. އެގޮތުން އެލިޒަބަތު (ދެވަނަ)އަށް ތާޖު ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ރާނީގެ ތަޚުތުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވިތާ 16 މަސް ދުވަސްފަހުންނެވެ. ޖޫން 2، 1953 ގައި ވެސްޓްމިންސްޓަރ އެބީގައި އޮތް މިރަސްމިއްޔާތަކީ، އޭރު ޓީވީން ދެއްކި ފުރަތަމަ ބޮޑު ބައިނަލްއަޤްވާމީ ހަރަކާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން