ދެން އަންނަ އިންތިހާބަކުންވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރެވޭނެކަމަށް މިހާރުގެ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނާއި ޓްރަމްޕްވެސް، 2024 ގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބޭރުގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި، ރިޔާސަތުގެ ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމާފައިވާކަމަށާއި، ޓްރަމްޕާއި ވާދަކުރަން ޖެހިއްޖެނަމަ، ޓްރަމްޕް ބަލިކުރެވޭނެކަމަށްވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ.

"ދެވަނަ ފަހަރަކުންވެސް ޑޮނަލްޑް ޓްރަމްޕް ބަލިކުރެވޭނެ ކަމަށް ގަބޫލުކުރަން." ބައިޑެން ވިދާޅުވިއެވެ.

ނަމަވެސް ފަހުގެ ޕޯލްތަކުން ދައްކާ ގޮތުގައި ގިނަބަޔަކު ބައިޑަން އަލުން އިންތިހާބަށް ކުރިމަތިލާކަށް ބޭނުމެއް ނުވެއެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ، "އެމީހުން ކަންބޮޑުވަނީ އަހަންނަށް މަސައްކަތް ކުރެވޭނެތޯ ނުވަތަ ނޫންތޯ. މިހާރުވެސް ބަލާލެވޭނެ އަހަރެން ކޮށްފައި ހުރި މަސައްކަތް. ފަހުގެ ތާރީޚުގައި އަހަންނަށް ފުރަތަމަ ދެ އަހަރު ކުރެވުނުހާ ގިނަ ކަންތައްތަކެއް ކުރެވިފައިވާ ރައީސެއްގެ ނަން ހާމަކޮށްދެއްވާ؟ މިއީ ސަމާސާއެއް ނޫން. އަހަރެން ކޮށްފައިހުރި މަސައްކަތް ކަމުނުގޮސްފާނެ. ނަމަވެސް އެމެރިކާގެ ގިނަބަޔަކު ދަނީ އަހަރެންގެ މަސައްކަތް ބަލައިގަންނަމުން."

"އަހަންނަށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރަން. އަދި މިހާރުވެސް މިދަނީ މަސައްކަތްކުރެވޭކަން ދައްކަމުން،" ބައިޑެން އިތުރަށް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގެންފައިވަނީ، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ޖޯ ބައިޑެން އަކީ އެމެރިކާގެ 46 ވަނަ ރައީސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން