މަހްސާ އަމީނީގެ މަރާއެކު އީރާނުގައި ކުރަމުންދާ މުޒާހަރާ ތަކުގެ ތެރެއިން 16 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

މަރުވި 16 އަހަރުގެ އީރާނުގެ އަންހެން ކުއްޖާ، ނިކާ ޝަކަރަމީ މަރުވީ، މަހްސާ އަމީނީއެކޭ އެއްފަދައިން އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އީރާނުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ނިކާ މަރުވީ އުސް އިމާރާތަކުން ވެއްޓިގެންނެވެ.

ނަމަވެސް 16 އަހަރުގެ ނިކާގެ މަންމަ ވަނީ އޭނާ މަރުވީ އިމާރާތަކުން ވެއްޓިގެން ކަމަށް ރަސްމީކޮށް ބުނާ ވާހަކަތައް ދޮގުކޮށް، ނިކާ މަރުވީ އޭނާ ހައްޔަރު ކުރި ފުލުހުން ތަޅައި އަނިޔާކޮށްގެންކަމަށް ތުހުމަތުކޮށްފައެވެ.

ނިކާގެ މަންމަ ނަސްރީން ޝަކަރަމީ ބުނީ ކަމާބެހޭ ފަރާތްތަކުން އޭނާގެ އަންހެން ދަރިފުޅު މަރުވިކަން އާއިލާއަށް އަންގަން 10 ދުވަސް ހޭދަކުރިކަމަށާއި، އެއަށްފަހު މޯޗަރީން މަރުވެފައި އޮތް ނިކާގެ ހަށިގަނޑު ނަގައި އާއިލާގެ ރުހުމާ ނުލައި ދުރު އަވަށެއްގައި ވަޅުލާފައިވާ ކަމަށެވެ. އޭނާ ބުނާ ގޮތުގައި ނިކާގެ މަރުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ނިކާގެ ބޮލުގެ ނާށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށާއި އޭނާއަށް ބޮޑެތި އަނިޔާ ތަކެއް ލިބިފައިވަނީ ތަކުރާރުކޮށް ބޮލުގައި ޖަހައިގެންކަމަށެވެ.

މީގެއިތުރުންވެސް، ހުސްވިމަހު 16 އަހަރުގެ ކުއްޖަކު އީރާނުގެ ފުލުހުން ވަނީ މަރާލާފައެވެ. 16 އަހަރުގެ ސަރީނާ މަރާލައިފައިވަނީ 23 ސެޕްޓެމްބަރު ދުވަހު އީރާނުގެ އަލްބޯޒް ޕްރޮވިންސްގައި އޮތް މުޒާހަރާއެއްގައި ބައިވެރިވަމުންދަނިކޮށް، އީރާނުގެ ސަލާމަތީ ބާރުތަކުން ނިކުމެ މުޒާހަރާ ކޮންޓްރޯލް ކުރަމުން ދަނިކޮށެވެ. އެގޮތުން އީރާނުގެ ސަލާމަތީ ބާރުތަކުން ސަރީނާ ގައިގައި ލަޓިބުރިން ތަޅައި އަނިޔާ ކުރިކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ހާމަކޮށްފައިވެއެވެ.

މުޅި އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ކުރިއަށް ގެންދަނީ އަންހެނުންގެ ހައްގުތަކުގެ ގޮވާލާ، މަޖުބޫރުން އަންހެންކުދިން ބުރުގާ އަޅުވާ ގަވާއިދުތަކާ ދެކޮޅަށެވެ. މިމުޒާހަރާތައް ފަށާފައިވަނީ އަންހެނުން ހެދުން އެޅުމުގެ އުސޫލާ ހިލާފުވެގެން ހައްޔަރުކޮށް، އީރާނުގެ ހާއްސަ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އުމުރުން 22 އަހަރުގެ މަހްސާ އަމީނީގެ މަރާއިގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


6

ާއަބުދުﷲމާހިރު

24-Feb-2023

އީރާން ގެ ވެރީންނަށް ނަޞްރު ދެއްވާށި! ﷲ ގެ އަމުރު ނަގަހައްޓާނެ މުސްލިމް ޤައުމު ތައް އިތުރު ކޮށްދެއްވައި ބާރުވެރި ކުރައްވާށި އެ'ވެ. ޢާމީން ޔާރައްބަލް ޢާލަމީން!



ޓްރެންޑިން