މިސައިލު ޓެސްޓު ކުރަމުންދާ އުތުރުކޮރެއާއިން ޖަޕާނުގެ މަތިން މިޑް ރޭންޖް ބެލިސްޓިކް މިސައިލެއް ފޮނުވާލި ކަމަށް ދެކުނު ކޮރެއާ އަދި ޖަޕާނުން ބުނެފިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފޮނުވާލި މިމިސައިލު ދެގައުމުގެ ވައިގެ މަގުންވެސް ދިޔަ ކަމަށް ދެކުނު ކޮރެއާ އަދި ޖަޕާނުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ކޮރެއާއިން އެންމެ ފަހުން ޖަޕާނުގެ ވައިގެ މަގުން މިސައިލެއް ފޮނުވާލައިފައިވަނީ 2017 ވަނަ އަހަރުއެވެ.

މިއަދުގެ މިމިސައިލާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު، ފޫމިއޯ ކިޝީދާ ވަނީ އުތުރުކޮރެއާގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

"ބެލިސްޓިކް މިސައިލެއް އަޅުގަނޑުމެންގެ ގައުމުގެ މަތިން ގޮސް ޕެސިފިކް ކަނޑަށް ވެއްޓިއްޖެ. މިއީ ފަހަކަށް އައިސް ތަކުރާރުކޮށް ބެލިސްޓިކް މިސައިލް ލޯންޗުކޮށް ޓެސްޓު ކުރުމާއި ގުޅިގެން ކުރިކަމެއް ނަމަވެސް މިއީ އަނިޔާވެރި އަމަލެއް. މިކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން،" ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވި އެވެ.

2017 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ހިމެނޭ ގޮތަށް މަނާ ހަތިޔާރުތަކެއްވެސް މިއަހަރު އުތުރުކޮރެއާއިން ޓެސްޓްކޮށްފައިވެއެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް އުތުރުކޮރެއާއިން ވަނީ ހަތަރު ފަހަރެއްގެ މަތިން ކުރު ރާސްތާ ބެލިސްޓިކް މިސައިލްތައް ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން