ހދ. ކުޅުދުއްފުށީގައާއި ސ. ހިތަދޫގައި ތަރައްގީ ކުރަމުންދާ ސަރަހައްދީ ބަނދަރުތައް ނިމުމުން ރަށްރަށުގެ ވިޔަފާރިތަކަށް ދިރުމެއް ލިބިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 36 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރު ކުރުމަށްޓަކައި މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން، އެމަނިކުފާނު ވިދާޅުވީ، ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްގީ ކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަމަށެވެ.

މީގެ އިތުރުން ގދ. ތިނަދޫގައި ވެސް ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި ވެރިރަށް މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަފުސީލުކޮށް އެމަނިކުފާނު ވިދާޅުވެދެއްވެވިއެވެ.

އެގޮތުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގުޅިފަޅުގައި ބަނދަރަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

"ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ހަރަކާތްތައް ހަލުވިވެ، ހިދުމަތްތައް އަވަސްވެގެންދާނެ. އަދި މާލެ ސަރަހައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅިފަޅުގައި ބަނދަރު ތަރައްގީ ކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ހަރަކާތްތަކަށް ވެސް ޖާގަ ލިބޭ ވަރަށް." އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ތިލަފުށީގައި މިހާރު ތަރައްގީ ކުރަމުން އަންނަ ބަލްކު ޓާމިނަލް، މަޝްރޫއު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލުން ތައްޔާރުވަމުންދާ ކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން