ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް ރާއްޖޭގައި ތަރައްގީވެފައި އޮތް ނަމަ، ރާއްޖެއަށް ލިބޭ އާމްދަނީ މިހާރަށްވުރެ އުތުރުވީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 36 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގައި ރާއްޖެ މިއޮތް ތަނުގެ ގޮތުން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސިނާއަތުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ހާސިލު ކުރެވޭނެ ކަމަށެވެ. އެގޮތުން ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް ރާއްޖޭގައި ތަރައްގީވެފައި އޮތް ނަމަ، ރާއްޖެއަށް ލިބޭ އާމްދަނީ މިހާރު ހުންނާނީ މިއަށް ވުރެ މާމަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން މިހާރުވެސް ވަރަށް ބޮޑުކަމަށާއި އެކަމުގެ ސަބަބުން، ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތް ދިނުމުގައި ވަރަށްގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު މާލޭ ވިޔަފާރި ބަނދަރު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައިކަމަށާއި ބަނދަރަށް ޒަމާނީ ބަދަލުތައް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރެވޭނީ، މާލެއިން ބޭރަށް، އަދި ޖާގަ ބޮޑު ތަނަކަށް ބަނދަރު ބަދަލުކޮށްގެން. އެކަމަށް އަޅުގަނޑުމެންނަށް ފެނުނު އެންމެ ރަނގަޅު ތަނަކީ ގުޅިފަޅު. ގުޅިފަޅު ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި މިހާރު އެއޮތީ ހިއްކާ ނިމިފަ. އަނެއްބައި ހިއްކައި ނިމުމާއެކު، ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބީލަމަށް ހުޅުވާލެވޭނެ." ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ އެމްޕީއެލްގެ ދިގު ތާރީހުގައި ރާއްޖެއަށް މުދާ އެތެރެކުރުމަށާއި، ހިދުމަތް ދިނުމުގައި މަސައްކަތް ކޮށްފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން މިހާތަނަށް އެމްޕީއެލްއިން ނުދޭ ބައެއް ހިދުމަތްތައް ދޭން ފަށަން ތައްޔާރު ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިލައާއި ހިލަވެލި ގެނެސް ބޭލުމުގެ މަސައްކަތް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން