ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ލޮޅުމާއެކު އެތައް ދުވަހެއް ހޭދަކުރަން މަޖުބޫޜުވެފައިވާ ލަންކާގެ ގިނަބަޔަކު ކާބޯތަކެއްޗަށް ޖެހެން ފަށައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ލަންކާގައި ކާބޯތަކެތީގެ އަގު ވަނީ 90 އިންސައްތަ އަށް ވުރެ މައްޗަށް އަރާފައެވެ. މީގެތެރޭގައި ހަނޑޫ، ހަކުރު ފަދަ ޒަރޫރީ ކާބޯތަކެތިވެސް ވަނީ އާންމުންނަށް އަތް ފޯރާ ވަރަށް ވުރެ އަގުމަތީގައެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ލަފާކުރާ ގޮތުގައި ލަންކާގެ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ މީހުންނަކީ ކާބޯތަކެތީގެ ރައްކާތެރިކަން ނެތް މީހުން ކަމަށާއި، އަދި ޚަރަދު ކުޑަ ކުރުމުގެ ގޮތުން ލަންކާގެ ހަތަރު މީހަކުން އެކަކު މިހާރު ބައެއް ކާގަޑިތަކުގެ ކެއުން ނުކައި ދޫކޮށްލައެވެ.

ލަންކާއަށް ކުރިމަތިވަމުންދާ ކާބޯތަކެތީގެ ދަތިކަން ގުޅިފައިވަނީ ލަންކާގެ ފެއިލްވެފައިވާ ސިޔާސަތުތަކާއެވެ.

ޒަމާންތަކެއް ވަންދެން ލަންކާގައި ދިގުދެމިގެން ދިޔަ ދާޚިލީ ހަނގުރާމަ ނިމުމުން، ބައިނަލްއަގްވާމީ ބައިވެރިންގެ ފަރާތުން ބޮޑެތި ކްރެޑިޓްތަކާއި ލޯނުތަކުން ފައިސާ ހޯދައިގެން އެއާޕޯޓް ފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް އެގައުމުން ފެށި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލަންކާއަށް ގިނަ އަދަދެއްގެ ދަރަނި ޖަމާވި އެވެ. މީގެތެރޭގައި ހިމެނޭ ދަރަނީގެ 10 އިންސައްތަ ދަރާފައިވަނީ ޗައިނާއަށެވެ.

ލަންކާއިން ބޭރުން އާމްދަނީ ލިބޭ އެންމެ ބޮޑު އެއް މަސްދަރު ކަމަށްވާ ޓޫރިޒަމް ވެސް ވަނީ 2019 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާއި ކޮވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މިއާއެކު ގާތްގަނޑަކަށް ހުސްވި ބޭރު ފައިސާގެ ރިޒާވް އާއެކު އެގައުމަށް ތެޔޮ އެތެރެ ނުކުރެވި، ކާބޯތަކެއްޗާއި ދަތުރުފަތުރަށް ކުރާ ހަރަދުތައް ބޮޑުވުމާއެކު ކާބޯތަކެތީގެ އަގުތައް ބޮޑުވި އެވެ. މީގެއިތުރުން ދުނިޔޭގެ އިންފްލޭޝަން އާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ލަންކާގައި ތެލާއި، ދަނޑުވެރިކަމަށް ބޭނުންވާ ޕެސްޓިސައިޑާއި ފަރޓިލައިޒަރގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ.

އެގޮތުން ހުސްވި މޫސުމުގައި ހަނޑޫ އުފެއްދުންވަނީ 30 އިންސައްތަ އަށްވުރެ ދަށްވެފައެވެ. އަދި އުފެއްދުން މަދުވުމާއެކު ގިނަ ދަނޑުވެރިންނަށް ހަރަދުތައް ފޫބެއްދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މީގެއިތުރުން، ތެޔޮ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުންވެސް ދަނޑުވެރިކަމުގެ ބާވަތްތައް ހޯދުމާއި ގެންދިއުމަށް ވެސް އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން