ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމަކަށް އަންނަ މަންޒަރު ފެންނަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ ހަފްތާއެއްގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ދައްވެފައެވެ. އަދި ދުވާލެއްގެ މައްޗަށް މިބަލި ޖެހޭ މީހުންގެ އަދަދުވެސް މަދުވެފައިވާކަމަށް އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

"ކޮވިޑް ބަލިމަޑުކަމުގައި މިއަށްވުރެ ރަނގަޅު ހާލަތެއްގައި އަދި ފެނިފައެއް ނެތް. މިހާރު މިފެންނަނީ މިޕެންޑެމިކް ނިމުމަކާ ގާތަށް އަންނަތަން،" އެ އިދާރާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެއިސް ވިދާޅުވި އެވެ.



"މެރެތަން ދުވުންތެރިއަކުވެސް ފިނިޝް ލައިން ފެންނަންދެން ހުއްޓާނުލާ، އޭނާގެ ހުރި ހުރިހާ ހަކަތައަކާއެކު ބާރަށް ދުވޭ. އަހަރުމެންވެސް އެހެން ވާންޖެހޭނެ."



ޑރ. އަދަނޮމް ވިދާޅުވީ، ކޮވިޑް ބަލި ކޮންޓްރޯލް ކުރުމުގެ ރޭހުގައި މިހާރު ފިނިޝް ލައިން ފެންނަކަމަށާއި، މިކަން ކާމިޔާބު ވާނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ. އެގޮތުން ފިނިޝް ލައިން ފެނުނަސް، މިވަގުތަކީ އަހަރުމެން ދުވުން ހުއްޓާލަން އެންމެ ގޯސް ވަގުތުކަމަށްވެސް ޑރ. އަދަނޮމް ވިދާޅުވިއެވެ. އަދި މި ފުރުސަތުގެ ބޭނުން ނުހިފާ ދޫދޭނަމަ، މިވައިރަހުގެ ވޭރިއަންޓުތައް އިތުރުވެ، މަރުތައް އިތުރުވެ ހާލަތު ގޯސްވެދާނެކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ކޮވިޑް ބަލިމަޑުކަމަކީ އަދިވެސް "އެކިއުޓް ގްލޯބަލް އެމަޖެންސީއެއް" ކަމަށް އިންޒާރުދީފައެވެ. އަދި މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން މިލިއަނަކަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން އެޖަމިއްޔާގެ ތަފާސް ހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން