އިނގިރޭސި ތަޚުތަށް އިސްވެވަޑައިގެންނެވި އެންމެ ދުވަސްވީ ރަސްގެފާނު ޗާލްސް (ތިންވަނަ) އަށް ރަސްމީކޮށް ރަސްކަމުގެ ތަޚުތު އެރުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވަން ނިންމައިފިއެވެ.

ރަސްގެފާނު ޗާލްސް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފައިވަނީ ޗާލްސްގެ މަންމާފުޅު، ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ދައުލަތުގެ ވެރިޔާ، ރާނީ އެލިޒަބަތު ހަވަހާރަވުމާއި ގުޅިގެންނެވެ. ރާނީ އަވަހާރަވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ރާނީ އަވަހާރަވުމާއެކު، ރަސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތް، އުމުރުފުޅުން 73 އަހަރުގެ ޗާލްސް އަށް ރަސްމީކޮށް ރަސްކަމުގެ ތަޚުތު އެރުވުމުގެ އެކްސެޝަން ކައުންސިލުގެ ހާއްސަ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ ސެއިންޓް ޖޭމްސް ޕެލަސްގައެވެ.

އެކްސެޝަން ކައުންސިލްގައި ހިމެނެނީ ޝާހީ އެހެން ބޭފުޅުންނާއި ސިޔާސީ އަދި ދީނީ ގޮތުން ފާހަގަ ކުރެވޭ މުހިންމު ފަރާތްތަކާއި، ރާނީ ކޮންސޯޓް ކެމިލާ، ޕްރިންސް ވިލިއަމް، އިނގިރޭސިވިލާތު ބޮޑުވަޒީރު ލިޒް ޓްރަސް އަދި ކެންޓަބަރީގެ އާރކްބިޝޮޕް ފަދަ ބޭފުޅުންނެވެ. އެތައް ގަރުނުތަކެއް ވެފައިވާ މި ކައުންސިލް ބައްދަލުވުން ފުރަތަމަ ފަހަރަށް ޓީވީން ލައިވްކޮށް ދެއްކުމަށްވެސް ނިންމާފައިވެއެވެ.

މިރަސްމިއްޔާތު ފެށުމުގެ ކުރިން ޗާލްސްއާ ނުލައި ކައުންސިލުން ސެއިންޓް ޖޭމްސް ޕެލަސްގެ ތެރޭގައި އާރަސްކަލުން އިއުލާން ކުރުމަށް ބައްދަލުވާނެއެވެ. ދެން އެއަށްފަހު ރަސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތް، ޗާލްސް އަށް ރަސްމީކޮށް ރަސްކަމުގެ ތަޚުތު އެރުވުން ރަސްމީކޮށް އިއުލާން ކުރައްވައި ރަސްމީ ލިޔެކިޔުންތަކުގައި އެމަނިކުފާނު ސޮއި ކުރައްވަން ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން