އިބްރާހިމް ފަހީމް   9 ސެޕްޓެމްބަރު 2022 - 3:33
އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު އަވަހާރަ ވެއްޖެއެވެ.

ރާނީ އެލިޒަބަތު އަވަހާރަވެފައި މިވަނީ، އެކަމަނާގެ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ވަރަށް ގޯސްވެ، ރާނީގެ ހާއްސަ ޑޮކްޓަރުންގެ ޓީމުން މިއަދު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އަދި މިއާއެކު ޝާހީ އާއިލާގެ މެމްބަރުން ވަނީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ބެލްމޯރަލް ގަނޑުވަރަށް ޖަމާވާން ފަށާފައެވެ.

ރާނީ އެލިޒަބަތު އަވަހާރަވިކަން ޝާހީ އާއިލާގެ ޓްވިޓަރއިންވެސް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ރާނީ އެލިޒަބަތު އަވަހާރަވެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ބެލްމޯރަލް ގަނޑުވަރުގައިކަމަށް ހާމަކޮށްފައިވެއެވެ.



96 އަހަރުގައި ރާނީ އެލިޒަބަތު އަވަހާރަވީއިރު، ދޮށީ ދަރިކަލުން އަދި އިނގިރޭސި ވަލީއަހުދު ޕްރިންސް އޮފް ވޭލްސް، ޗާލްސް އާއި އެނާގެ އަނބިކަނބަލުން، ރާނީ އަރިހުގައި ތިއްބެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ދައުލަތުގެ ވެރިޔާ، ރާނީ އެލިޒަބަތު އިނގިރޭސިވިލާތުގެ ތަހުތަށް އިސްކުރެވުނީ އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް 6، 1952 ވަނަ އަހަރުގެ ފެބްރުއަރީމަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ރާނީގެ ވެރިކަމުގައި 1874 ވަނަ އަހަރު އުފަންވި ވިންސްޓަން ޗާޗިލް އިން ފެށިގެން 1975 ވަނަ އަހަރު އުފަންވި އަދި މި ހަފްތާގެ ކުރީކޮޅު ރާނީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި ލިޒް ޓްރަސް ހިމެނޭ ގޮތަށް 15 ބޮޑުވަޒީރުން އެކަމަނާގެ ޒަޢާމަތުގައި މަގާމުގެ ހުވާކުރައްވާފައިވެއެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމާއެކު، އާ ރަސްގެފާނު އަދި ދައުލަތުގެ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ، ޕްރިންސް އޮފް ވޭލްސް، ޗާލްސް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން