ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 8 މީހަކު މަރުވެ 14 މީހަކަށް އަނިޔާވެއްޖެއެވެ.

ހޯމަ ދުވަހުގެ ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މަގުތައް އަޑިއަށް ގޮސް، މެޓްރޯ ސްޓޭޝަންތަކުގައި ވެސް ފެންބޮޑުވެ، ސޯލްގެ ބައެއް ސަރަހައްދުތަކާއި އަވަށްޓެރި ސަރަހައްދުތަކުންވެސް ކަރަންޓް ކެނޑިފައިވެއެވެ. މިއީ ހުސްވި ދިހަ އަހަރު ދުވަހުގެ ތެރޭގައި މޫސުން ގޯސްވެ ސޯލްއަށް ބޯކޮށް ވާރޭވެހި މިހާބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައްބުނެއެވެ.

މޫސުމާބެހޭ އޮފިޝަލުން ބުނީ މި ވިއްސާރަ އެތައް ދުވަހެއް ވަންދެން ކުރިއަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ބައެއް މީޑިއާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ސޯލްގެ ބައެއް ސަރަހައްދުތަކުގެ ބިމުއަޑީ މެޓްރޯ ސަރަހައްދާއި، މަގުތަކުގައި ޕާކުކޮށްފައި ހުރި ކާރުތަކުގެ ކުޑަދޮރާ ހަމައަށް ފެންބޮޑުވެފައިވެއެވެ. އަދި ކަކުތާ ފެނުގައި މީހުން މަގުހިނގާ ތަންވެސް މި މީޑިއާ ފޫޓޭޖްތަކުން ފެނިގެންދެއެވެ.

މީގެއިތުރުން ބައެއް ގޭގެއަށް ފެންވަދެ ބޭނުން ނުކުރެވޭވަރުވެފައިވާއިރު، މޫސުން ގޯސްވެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި ގިނަބަޔަކު މަރުވެފައިވަނީ ގެނބިގެންކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިކާރިސާގައި ހަމީހަކު ގެއްލިގެން ހޯދަމުންދާކަމަށްވެސްވެއެވެ.

މީގެއިތުރުން ސޯލް ގައި ދިރިއުޅޭ 163 މީހަކު ވަނީ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން