ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު
އިންޑިއާ އައުޓް ޖަހާފައިވާ ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނު ސަބަބު ހައިކޯޓަށް ސާފު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ޖަހާފައިވާ ބެނާ ނެގުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި ފުލުހުން އެދުނު ސަބަބު ހައިކޯޓުގެ ފަނޑިޔާރުންނަށް ސާފުވެފައި ނުވާކަމަށެވެ. ހައިކޯޓުން އިއްޔެ ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ އިންޑިއާ އައުޓް ބެނާ ތިރިކުރުމަށް ފުލުހުން ހޯދި ކޯޓު އަމުރަކީ ގާނޫނާއި ހިލާފު ބާތިލު އަމުރެއްކަމަށް ކަނޑައަޅާފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި އަމުރު ހޯދަން ފުލުހުން އެދުނީ މައިގަނޑު 6 ސަބަބެއްގެ މައްޗަށް ކަމަށާއި، މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރާއިރު އެ ގާނޫނު އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ނިޔަތް އެ މާނަ ކުރުމުގައި ރަމްޒުވެފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓުގައި އަމުރު ހޯދުމަށް ފުލުހުން އެދިފައިވާ ސަބަބު ހައި ކޯޓަށް އެންމެ ރަނަގަޅަށް ސާފުވެފައި ނުވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެގޮތަށް ހުރި ކަންތައްތައް ހަމަ މަގަށް ގެނައުމަށްޓަކައި ގާނޫނުތައް އިސްލާހު ކުރުމަށް މަޖިލީހުން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމައްސަލައިގައި ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް، ކޯޓުން އެފަދަ އަމުރެއް ނެރެދިނުމުގައި ބަލަން ޖެހޭ ކަންކަމަށް ނުބަލާކަމަށެވެ. އެގޮތުން އަމުރު ދިނުމަށް ފަނޑިޔާރު ނިންމެވި ނިންމުމަށް ވާސިލްވި ގާނޫނީ ސަބަބެއް ބަޔާންކޮށްފައި ނެތްކަމަށާއި، ހަމައެކަނި ފަނޑިޔާރު ގަބޫލު ކުރާ ގޮތް ކޯޓު އަމުރުގައި ލިޔެގެން ނުފެދޭނެކަމަށް ޙުކުމުގައިވެއެވެ.

އަދި އަމުރު ނެރުނު ސަބަބު ސާފުކޮށްދީފައިނުވާނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީޢަތަކަށް ނުވާނެކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ.

ހައިކޯޓުގައި އިސްތިއުނާފީ އަޑުއެހުން ކުރިއަށް ދިޔައިރު ފަނޑިޔާރުން ވަނީ ފުލުހުންނާއި އަދި ދައުލަތާވެސް ގިނަ ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ. ފަނޑިޔާރުންގެ ގާނޫނީ ގިނަ ސުވާލުތަކަށް ދައުލަތަށް ވެސް އަދި ފުލުހުންނަށް ވެސް ޖަވާބުދާރީ ވެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.



ކިޔުންތެރިންގެ ހިޔާލު