އެސްޓަންވިލާ ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

ސިޓީ ޗެމްޕިއަންކަން ހޯދާފައިވަނީ މިރޭ ކުޅުނު ފަހު މެޗުގައި 3-2 އިން އެސްޓަންވިލާ ބަލިކުރުމަށްފަހު 38 މެޗުން 93 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލީގު ނިންމި ލިވަޕޫލަށް ލިބިފައިވަނީ 38 މެޗުން 92 ޕޮއިންޓެވެ. ލީގުގެ ތިންވަނަ ހޯދި ޗެލްސީ އަށް 38 މެޗުން 74 ޕޮއިންޓު ލިބުނުއިރު ހަތަރުވަނަ ހޯދި ޓޮޓެންހަމް އަށް 38 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ފަސްވަނައިގައި ނިންމި އާސެނަލަށް 38 މެޗުން 69 ޕޮއިންޓު ލިބުނުއިރު ހަވަނައިގައި ނިންމި މެންޗެސްޓާ ޔުނައިޓެޑަށް ލިބުނީ 38 މެޗުން 58 ޕޮއިންޓެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 37 ވަނަ މިނެޓްގައި އެސްޓަންވިލާއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މެޓީ ކޭޝްއެވެ. އަދި މެޗުގެ 69 ވަނަ މިނެޓްގައި ލިވަޕޫލަށް ކުރިން ކުޅުނު ފިލިޕޭ ކުޓީނިއޯ ވިލާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ވަނީ ސިޓީ ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.

އެސްޓަންވިލާ އިން ދެ ގޯލުގެ ލީޑެއް ނެގުމާއެކު ސިޓީން ބަދަލުތަކެއް ގެނައިރު، މެޗުގެ 76 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިލްކާއި ގުންޑޮގާން ވަނީ ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެ ދެ މިނެޓްފަހުން ރޮޑްރީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު މެޗުގެ ނަތީޖާ އަނބުރާލީ 81 ވަނަ މިނެޓްގައި ގުންޑޮގާން ކާމިޔާބު ކޮށްދިން ގޯލާއިއެކުއެވެ.

މިއީ ފާއިތުވި ފަސް އަހަރުތެރޭ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ.

ސިޓީއާ އެންމެ ގާތުން ލީގަށް ވާދަކުރި ލިވަޕޫލުން މިރޭ ވަނީ ވުލްވްސްގެ މައްޗަށް 3-1 އިން ކުރި ހޯދާފައެވެ. އަދި ނޯވިޗް ސިޓީ 5-0 އިން ބަލިކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޓޮޓެންހަމް ވެސް ވަނީ ކޮލިފައިވެފައެވެ. އަދި ނިއުކާސަލް އަތުން 1-2 އިން ބަލިވެ ބާންލީ ވަނީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން