ޑރ. މުޙައްމަދު އިޔާޒް   21 އޭޕްރީލު 2022 - 17:43
ނަމާދު ނުކޮށް ހިފާ ރޯދަ ގަބޫލު ކުރައްވާނެތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ނަމާދު އަޅާ މީހުންގެ ކިބައިން އެއްވެސް ޢަމަލެއް ގަބޫލެއް ނުކުރައްވާނެއެވެ. ޒަކާތެއް ރޯދަ އެއް ޙައްޖެއް އެއްވެސް ކަމެކެވެ.

روى البخاري (520) عن بُرَيْدَة قال : قال رسول الله صلى الله عليه وسلم : ( مَنْ تَرَكَ صَلاةَ الْعَصْرِ فَقَدْ حَبِطَ عَمَلُهُ). މާނައަކީ: މާތް ﷲ ރުއްސުންލެއްވި ބުރައިދާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ޢަޞްރު ނަމާދު އަޅައިފމީހާގެ ހުރިހާ ޢަމަލުތަކެއް ފޮހެވިގެން ހިނގައްޖެއެވެ."

މި ޙަދީޘްގެ ޝަރަޙާގައި އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. "ޙަދީޘުން ދޭހަވާނީ ދޫކޮށްލުން ދެބަޔަކަށް ބެހިގެންވާ ކަމެވެ. އެއްގޮތަކަށްވެސް ނަމާދު ނުކޮށް ދޫކޮށްލުން، މިފަދަ މީހުންގެ ހުރިހާ ޢަމަލުތަކެއް ފޮހެވިގެން ދެއެވެ. އަދި ވަކި ނަމާދެއް ވަކި ދުވަހެއްގައި ނުކޮށް ދޫކޮށްލުން، މިފަދަ މީހުން އެދުވަހެއްގައި ކުރާ އެއްވެސް އަޅުކަމެއް ގަބޫލެއް ނުކުރައްވާނެއެވެ."

ނަމާދު އަޅާ މީހާގެ ރޯދަ އާއި ބެހޭ ގޮތުން ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީނާއި ސުވާލު ކުރެވުމުން ވިދާޅުވިއެވެ. "ނަމާދު ދޫކޮށްލާ މީހާގެ ރޯދަ ޞައްޙަ އެއް ނުވާނެއެވެ. އަދި ގަބޫލެއްވެސް ނުކުރައްވާނެއެވެ. ސަބަބަކީ ނަމާދު އަޅާ މީހާކީ މުރްތައްދުވެފައިވާ ކާފަރެކެވެ. ސޫރަތުއް ތައުބާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ) މާނައަކީ: "ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ."

ސޫރަތުއް ތައުބާގެ ފަސްވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّـهَ غَفُورٌ‌ رَّ‌حِيمٌ) މާނައަކީ: " ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاةِ) رواه مسلم (82). މާނައަކީ: "އަޅާ އާއި ކުފްރާއި ޝިރްކާއި ދެމެދުގައިވާ ހުރަހަކީ ނަމާދު ދޫކޮށްލުމެވެ." އަދިވެސް ޙަދީޘް ކުރައްވައެވެ. (الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ) رواه الترمذي (2621) މާނައަކީ: "ތިމަން މެންނާއި އެބައި މީހުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ނަމާދު ދޫކޮށްލައިފި މީހާ ކާފަރުވެއްޖެކަން ކަށަވަރެވެ."

އެހެންކަމުން، ނަމާދު ނުކޮށް ކުރާ އެއްވެސް އަޅުކަމަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލު ވެވިގެންވާ އަޅުކަންތަކެއް ނޫނެވެ. ފުރަތަމަ ކުރަން ޖެހެނީ ނަމާދެވެ. އޭގެ ފަހުގައި އެހެން ކަންތަކެވެ. والله أعلم

ބައްޔެއްގެ ސަބަބުން ކެއުން މަނާ ކުރެވިފައިވާ މީހާ ރޯދަ ހިފުން ވާޖިބުވާނެތޯ؟

އޮޕަރޭޝަނެއް ކުރުމުގެ ސަބަބުން ތިން ދުވަސް ވަންދެން އެއްވެސް އެއްޗެއް ނުކައި ނުބޮއި ހުރުމަށް ޑރ އަމުރު ކުރެއްވިއެވެ. ތިން ދުވަސް ފަހުން ފެނާއި އެނޫންވެސް ޖޫސްފަދަ ދިޔާ ތަކެތި ބުއިމުގެ ހުއްދަ ދެއްވިއެވެ. މިދުވަސްތައް

ނިމި ކެއުމުގެ ހުއްދަ ލިބުނު ދުވަހަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަހެވެ. ބަނޑުހައިވެފައި ހުރި ވަރުން އެދުވަހު ރޯދަ ހިފޭ ގޮތެއް ނުވިއެވެ. އަދި ދެވަނަ ދުވަހުވެސް ރޯދަ ހިފޭ ގޮތެއް ނުވިއެވެ. މިގޮތް ހުއްދަވާނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ތިބާ އަކީ ބަލިވުމުގެ ސަބަބުން ރޯދަ ހިފުމަށް ޢުޛުރުވެރި ވެފައިވާ މީހެކެވެ. ބަލި މީހުންގެ ކިބައިން ރޯދައިގެ ފަރްޟިއްޔަތު ވަނީ ލުއި ކުރައްވާ ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَمَن كَانَ مِنكُم مَّرِ‌يضًا أَوْ عَلَىٰ سَفَرٍ‌ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ‌) މާނައަކީ: " ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ."

އެހެންކަމުން، ތިބާ އޮޕަރޭޝަން ކޮށްގެން އުޅުނު ދުވަސްވަރުގައި ރޯދަ ނުހިފާ ދޫކޮށްލި ދޫކޮށްލުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެދުވަސްވަރުގައި ތިބާ އަކީ ބަލި މީހަކީމެވެ. ބަލި މީހުން ރޯދަ ދޫކޮށްލުމަށްފަހު ރަމަޟާން މަސް ނިމުމުން ގެއްލުނު ރޯދަ ތައް ގަޟާ ކުރާނީއެވެ. އެންމެ ރަގަޅު ގޮތަކީ ލަސްނުކޮށް ވީހާވެސް އަވަހަކަށް ގަޟާ ކޮށް ނިންމުމެވެ. والله أعلم

ރޯދައަށް ހުރެ ލޮލަށް ބޭސް އެޅުން

ރޯދަ އަށް ހުރެ ލޮލަށް ބޭސް އަޅައިފިނަމަ ރޯދަ ގެއްލޭނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ތިޔަ ސުވާލުގެ ޖަވާބުގައި ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

ރޯދަވެރިޔާ ލޮލުގައި އަނދުން އެޅުމާއި، ލޮލަށް ބޭސްތިކި އެޅުމާއި، ކަންފަތަށް ބޭސްތިކި އެޅުމަކީ ހުއްދަވެގެންވާ ކަންތައް ތަކެވެ. ބޭހުގެ ރަހަ ކަރުތެރެއަށް ލީނަމަވެސް ރޯދަ ނުގެއްލޭނެއެވެ. ސަބަބަކީ އެއީ ކައިބޮއި ހަދާ އެއްޗެއް ނޫނެވެ. އަދި ކައިބޮއި ހެދުމުގެ މާނާގައި ބޭނުން ކުރެވޭ އެއްޗެއްވެސް ނޫނެވެ. ދަލީލު އައިސްފައިވަނީ ކާބޯތަކެތީގެ މާނާގައިވާ ތަކެއްޗަށެވެ. އެނޫން ތަކެތި މަނާ ކުރެވޭނެ ދަލީލެއް ނެތެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ވެސް ރައުޔެވެ. والله أعلم

ރޯދަ ވެރިޔާގެ ދަތް ސާފު ކުރުމުން ނުވަތަ ދަތެއް އުފުރާލުމުން ވާނެ ގޮތް

ރޯދަ އަށް ހުއްޓާ ދަތެއްގައި ރިއްސައިގަނެ، ޑރ އަށް ދިޔުމުން ދަތް ސާފުކޮށްލުމަށް ފަހު ދަތެއް އުފުރާލިއެވެ. މީގެ ސަބަބުން ރޯދަ އަށް އެއްވެސް އަޘަރެއް ކުރާނެތޯ؟ ދަތް އުފުރާލުމަށް ޓަކައި އައްސި ކުރާ އިންޖެކްޝަން ޖެހުމުން ރޯދަ ގެއްލޭނެތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ދަތް ސާފު ކުރުމަކުން، ނުވަތަ ދަތެއް އުފުރާލުމަކުން ރޯދަ އެއް ނުގެއްލޭނެއެވެ. އަދިކިއެއްތަ، އެއީ މާފްވެގެންވާ ކަންތައް ތަކެވެ. އެމީހަކު ސަމާލުކަން ދޭންވީ ބޭސްކޮޅެއް ނުވަތަ ލޭފޮދެއްވެސް ދިރުވާ ނުލައިވޭތޯއެވެ. އައްސި ކުރަން ޖަހާ އިންޖެކްޝަނަކީ ކެއުންބުއިމުގެ މާނާގައި ހިމެނޭ އެއްޗެއް ނޫނެވެ. އެހެންކަމުން، އެއިންޖެކްޝަންގެ ސަބަބުން ރޯދަ އެއް ނުގެއްލޭނެއެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން