ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އިސް ލީޑަރުން
ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އިސް ލީޑަރުން
ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނީ ޤާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގެ ރޫހާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެކަމަށް ތާއިދު ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑް 19ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ ސިއްޙީ ކާރިސާއާއި ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފާއިވާ އިސްތިޝާރީ ލަފާގެ ރޫޙާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ތާއިދު ނުކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ ބުނާގޮތުން، މަޖިލީހުން އިސްލާޙު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އެ ހުށަހެޅިފައިވާ އިސްލާހެއް އެކަނި ކަމަށާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މި ޢަމަލު ކުށްވެރި ކުރާ ކަމަށް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާހެއް ހުށަހެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާހު ކުރުމަކީ، ނުވަތަ ހުށަހެޅިފައި ނުވާ މާއްދާއަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައިވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުން، ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، އަދި އެކަން ޙައްލު ކުރެވޭނީ ޤާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާހު ކޮށްގެން ނުވަތަ އަކުރެއް އިތުރުކޮށްގެން ކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އައު ބިލެއް ހުށަހަޅައިގެން ކުރިއަށް ދެވިދާނެކަމަށް ޤަބޫލު ކުރާ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ޤާނޫނުއަސާސީ އިސްލާހުކުރުމާއެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާއިރު، ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް އަލަށް އެކުލަވާލާ ބިލްގައިވެސް ކޯލިޝަނުން ކަންބޮޑުވާ ކަންތައްތައް ހުރިކަމަށެވެ. އަދި އެ ބިލް މިހާރު ބައްޓަންވެފައިވާ ގޮތުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑިގެންގޮސް، ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ބަޔާނުގައި ވެއެވެ.

ޤާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ފާސްކުރާ ބިލެއްގައި، އިސްލާހަކާ ގުޅިގެން ކުރަންޖެހޭ ކަންތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް އިދިކޮޅުން މިރޭ ނެރުނު ބަޔާނުގައި ވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާއި ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބުނާ ގޮތާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަނޭޅޭނެ ކަމަށާއި، ޤާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން ކަމާއި ގުޅުން ނެތް ބިލެއް މަޖިލީހަށް ހުށަހަޅައިގެން ވަގުތު ބޭކާރު ކުރަމުން ގެންދާ ކަމަށް ވެސް އިދިކޮޅު ކޯޅިޝަނުން ވަނީ ބުނެފައެވެ. އަދި ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ސަބަބުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، އެކަން ނުކޮށް ލަސްކޮށްފައިވަނީ މިސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި ރިޔާސަތުން ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިުތރުން ދިވެހިރާއްޖޭގައި ހަދާ އެންމެހާ ޤާނޫނުތައް ހަދަންވާނީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކަމާއި، ޤާނޫނުއަސާސީއާއި ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލު އެއްޗަކަށްކަމަށާއި، އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއްކަމަށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މިހާރު މަޖިލީހުން ކުރަމުން ގެންދާ މަސައްކަތަކީ ޤާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ކުރަމުން ގެންދާ ކަމެއް ކަމުގައި ކޯލިޝަނުން ގަބޫލު ކުރާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ މިހާލަތުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަކީ ވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން