މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަޙީދު ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށް ތުހުމަތުކޮށް ޒަހާގެ އިސްތިއުފާ އަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެމްބަރުން ގޮވާލައްވައިފިއެވެ.

މަސްވެރިކަމާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގަވާއިދު އެ ގާނޫނުގައި ބުނެފައިވާ މުއްދަތަށް ހެދިފައި ނުވާތީ އެކަމާއި ގުޅިގެން ގަވާއިދު ކޮމެޓީން ދިރާސާކުރި މައްސަލައަށް ބަހުސް ކުރައްވަމުން ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ މަސްވެރިކަމާބެހޭ ވަޒީރު، ޒަހާ ވަހީދުގެ އިސްތިޢުފާއަށް ގޮވާލާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ޒަހާ އަށް އެކަމަނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށެވެ. އަދި އެއީ ސަރުކާރަށް ޖެއްސުން ކުރުމަށް ކުރާ ކަމެއް ކަމަށް މެމްބަރު ޝަހީމް ވަނީ ތުހުމަތު ކުރައްވާފައެވެ.

"އަޅުގަނޑުމެން ޤާނޫނު ހަދާ ޙަވާލުކުރީމަ އެކަމާގުޅޭ ޤަވާއިދު ނުހެދޭ ކަމަށް ވާނަމަ ފިޝަރީޒް މިނިސްޓަރުވެސް އިސްތިޢުފާ ދީފަ ވަޑައިގަންނަވާ. މިނިސްޓަރު ބަދަލު ކޮށްގެން ނަމަވެސް ދިވެހިރާއްޖޭގެ މަސްވެރިންނަށް މިނޫން ދުވަހެއް ހޯދައިދިނުމަކީ ނުހަނު އެދޭ ކަމެއް." ބަހުސް ގައި ޝަހީމް ވިދާޅުވިއެވެ.

ރިޕޯޓަށް ބަހުސް ކުރަށްވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ޒަހާ އިސްތިއުފާ ނުދެއްވައިފި ނަމަ ވަރަށް އަވަހަށް ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އެންމެ ރަނގަޅު އަދި ރީތި ގޮތަކީ މަގާމުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދެއްވުން ކަމަށް ރާއީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން އެތައް ވައުދުތަކެއް ވެފައިވާއިރު މިހާތަނަށް އެއްވެސް ވައުދެއް ފުއްދިފައި ނުވާ ކަމަށާއި، އަދި "މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދިއްޖެ ނަމަ ސަރުކާރު ފެއިލްވެ، އެމްޑީޕީވެސް ފެއިލް ވާނެ" ކަމަށެވެ.

މީގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވެސް ވަނީ މިނިސްޓަރ ޒަހާ މަޤާމުން ވަކި ކުރުމަށް ގޮވާލާފައެވެ. ނިހާދު ވިދާޅުވީ، މަސްވެރިކަމުގެ ޤާނޫނާ ގުޅިގެން އެއްވެސް ކަމެއް ކުރެވިފައި ނުވާކަމަށް މިނިސްޓްރީން ސާފުކޮށް ކޮމިޓީގައި ވިދާޅުވެފައިވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓަރ ދެއްކެވީ މެނޭޖްމެންޓް ޕްލޭންވެސް ހަދަން ދެ އަހަރު ބޭނުންވާނެ ވާހަކަ ކަމަށާއި، އެހެންކަމަށް ވާނަމަ މި ގާނޫނުގެ ބޭނުމެއް ނެތް ކަމަށް ނިހާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮމިޓީގައި މިނިސްޓްރީގެ ފަރާތުން ބުނަމުން ދިޔައީ އެކްސްކްލޫސިވް ރައިޓްސްއެއް ވެސް އެއްވެސް މަސްވެރިއަކަށް ދީފައެއް ނެތޭ. އެއްބަސްވުމުގައި އެ ވާހަކައެއް ލިޔެފައެއް ނެތޭ. ޖެހިގެން އައި ދުވަހު މިނިސްޓަރު ޓީވީގައި ވިދާޅުވީ އެކްސްކްލޫސިވް ރައިޓްސް ކޮންޓެކްސްތަކެއް އެބަހުއްޓޭ. އޭގެ ސަބަބުންނޭ މަސްވެރިންނަށް ލިބިންޖެހޭ ފުރުސަތުތައް ނުލިބިގެން މިއުޅެނީ. އެ އެއްބަސްވުންތައް އުވާލުމުގެ މަސައްކަތް ކުރަމުން އެބަދެޔޭ،" ނިހާދު ވިދާޅުވި އެވެ.

އޭގެ އިތުރުން ނިހާދު ވިދާޅުވީ މަސްވެރިންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުން ބުރަ މަސައްކަތްކޮށްފައިވާއިރު އެ މަސައްކަތުގެ ނަތީޖާ ނުފެނުނު ކަމަށެވެ. ހަމައެކަނި ޔޫރަޕަށް މަސް އެތެރެކުރުމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ހުރުމުގެ ބޭނުމެއް ނެތްކަމަށާއި އެހެންކަމުން މިނިސްޓަރު ޒަހާ އިސްތިއުފާ ދިނުން މުހިންމުކަމަށް ނިހާދު ވިދާޅުވި އެވެ.

މިނިސްޓަރ ޒަހާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރެކެވެ. މީގެ ކުރިންވެސް ޒަހާގެ ޕަރފޯމެންސާމެދު މަޖިލީހުގެ ބައެއް މެމްބަރުން ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ޒަހާގެ އިސްތިޢުފާއަށް ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

މުހަންމަދު

31-May-2020

ބޭރުކުރަންވީޒަހާނުން.ބޭރުކުރަންވީޓުރާސްޕޯޓްމިނިސްޓަރު


7

ޗައިވާލާ

31-May-2020

ކޮއްޔޭ ދެހޭ, ކުރިންވެސް އުޅެވުނުއެން ދެންވެސް އުޅެވޭޅެ.



ޓްރެންޑިން