ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީއަކަށް މިއަހަރު ދޫކުރާ ފައިސާގެ އަދަދު ކަނޑައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ދައުލަތުގެ ބަޖެޓް މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައި ކަމަށެވެ. އެއީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި ޕާޓީތަކަށް ދޭނެ ފައިސާގެ އަދަދު ކަނޑައަޅާފައެވެ. އެގޮތުން އެމްޑީޕީއަށް 15 މިލިއަން ރުފިޔާ، ޕީޕީއެމަށް 9.4 މިލިއަން ރުފިޔާ، ޖޭޕީއަށް 5.5 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ބަލާފައިވަނީ މިއަހަރަށް ބަޖެޓް ފާސްކުރިއިރު 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ފައިސާ ދޫކުރާނެ އަދަދުތަކެއް ކަނޑައެޅި ނަމަވެސް ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ބައެއް ޕާޓީތަކުން ހުށަހަޅާފައި ނުވާތީ ފައިސާ ދޫކުރުމަށް ފިނޭންސަށް ހުށަހަޅާފައިނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން