ނަފާ ނަސީމް
ނަފާ ނަސީމް
ރަނގަޅު މީހުން ކާނީ އިންދައި ގޮވާންކޮށްގެން ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ އާއިލާއަށް ހެލްތް އިންޝުއަރެންސް ދިނުމާ ގުޅޭ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންގޮސްގެން ތަޅުމުން ގޮތެއް ނިންމުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ. އެކަމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ ދައުރު ހަމަވާންވާއިރަށް، އާއިލާގެ މެންބަރުންނަށް ޚާއްސަ އިންޝުއަރެންސެއް ދައުލަތުން ދިނުމަށް ފާސްކޮށްގެން ނުވާނެ ކަމަށާއި މިހާރުވެސް މަޖިލީހަށް ކުރާ ޚަރަދު ބޮޑުކަމަށެވެ.

މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވަނީ މިދަނޑިވަޅާ ދިމާކޮށް ވަރަށް މާނަފުން މެސެޖެއް މީސް މީޑިއާއަށް ދޫކޮށްލައްވާފައެވެ. ނަސީމް ވިދާޅުވީ ރަނގަޅު މީހުން ކާނީ އިންދައި ގޮވާންކޮށްގެން ކަމަށާއި ފެލައިގެން ކާނީ ނުބައިމީހުން ކަމަށެވެ.

"ރަނގަޅުމީހުން ކާނީ އިންދައި ގޮވާންކޮށްގެން. ކަންނެތްމީހުން ކާނީ ހޮވައިގެން. ނުބައިމީހުން ކާނީ ފެލައިގެން. ނުލަފާމީހުން ކާނީ ވައްކަންކޮށްގެން." ނަފާ ނަސީމް ވިދާޅުވެފައިވެއެވެ.



ނަސީމް ވަނީ މަޖިލީހުގެ ކުރީގެ މެންބަރުންގެ ޢާއިލާއަށް އިންޝުއަރެންސް ހަމަޖެއްސުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މެންބަރުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް މެޑިކަލް އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަމަލުކުރާނެ ގޮތެއް ހަމަޖައްސަވައި ދެއްވުން އެދިވަޑައިގެން ކޮމިޓީއަށް މައްސަލަ ފޮނުއްވާފައިވަނީ ކުރީގެ މަޖިލިސް މެމްބަރެކެވެ. އެ މައްސަލައިގައިވާ ގޮތުން މެމްބަރުކަން ކުރިން ކުރައްވާފައިވާ ފަރާތްތަކުގެ އާއިލާއަށް މަޖިލީހުގެ ފަރާތުން އިންޝުއަރެންސް ހަމަޖައްސައިދޭނީ އިންޝުއަރެންސްގެ ޕްރިމިއަމަށްވާ ފައިސާ އެ މެންބަރަކު ދެއްކެވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން