އަންނަ އަހަރު އޮންނަ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓްކުރަން ފަށައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނީ މި ކަރުދާސްތައް ޓެސްޓުކުރުމަށްޓަކައި އެ އިދާރާގެ މުވައްޒަފުން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި މިއަދުން ފެށިގެން ހަރަކާތްތެރިވާނެކަމަށެވެ.

ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ބުނީ، މިއީ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން އެޕްރޮގްރާމްގައި ބޭނުންކުރުމަށް ނިންމާފައިވާ ސުވާލުތައް ޓެސްޓުކޮށް މަޢުލޫމާތު ނެގޭ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ޙަރަކާތެއް ކަމަށެވެ. މިކަމުގެ މަޤްސަދަކީ ބޯހިމެނުމުގެ ކުރިން ސުވާލުކަރުދާސް އިތުރަށް ރަނގަޅުކޮށް ފައިނަލްކުރުންކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ.

މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި ޤައުމުގެ ޢާއްމު ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ޙަރަކާތަކަށްވާތީ މިކަމުގައި ޢާއްމުންގެ އެއްބާރުލުން ވީހާވެސް ބޮޑަކަށް ދެއްވުމަށް ބިއުރޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަސައްކަތުގައި ޙަރަކާތްތެރިވާނީ ސްޓެޓިސްޓިކްސް ބިއުރޯގެ މުވައްޒަފުން ކަމަށާއި، އޮފީސް ކާޑާއި މިކަމާ ގުޅޭ ސަރކިއުލާރ މުވައްޒަފުންގެ އަތުގައި އޮންނާނެކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްގައި ވެއެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ. ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން މިހާރު އަންނަނީ އަންނަ 2022 ވަނަ އަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށެވެ. ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން