ދިވެހި ފުލުހުންގެ މައްޗަށް ޢައިރު ގާނޫނީ އަމުރުކޮށްފައި އެންމެފަހު ވަގުތު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފިއްލަވާނެކަމަށް މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދުގައި ޕީޕީއެމުން ބާއްވަން އުޅޭ ޖަލްސާއަށް ފުލުހުން ހުރަސް އަޅަމުންދާކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ޝުޖާއު ވިދާޅުވީ ދިވެހި ފުލުހުން ސީޕީ ހަމީދު ކުރާ ޢައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

"މިވެރިކަން ނިމުމުގެ ކުރިން އެމް.ސީ ހަމީދު ފިލާ ރައްކާވާނެ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ދިވެހި ފުލުހުންގެ މައްޗަށް ޢައިރު ޤާނޫނީ އަމުރުތަކަށް ތަބާވުމުން ދަޢުވާ އުފުލޭތަން ބަލަން އޭނާ ބޭނުންފުޅުނުވާކަމަށެވެ.‎



"ކޮތަރުކޮށި" ޖަލްސާއަށް ފުލުހުން ހުރަސްއަޅާތީ ޤާނޫނީ ގޮތުން ޖަވާބުދާރީ ކުރުވާނެކަމުގެ އިންޒާރު މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ދެއްވާފައެވެ.

މުޢިއްޒު ވިދާޅުވީ ހުޅުމާލެއަކީ މާލޭސިޓީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި އޮންނަ ސަރަޙައްދެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ސިޓީ ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅުއްވަމުންދާތީ ޤާނޫނީގޮތުން ޖަވާބުދާރީ ކުރުވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ކައުންސިލުން ދީފައިވާހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅުއްވަމުންދާތަން ފެންނަމުންދާތީ އެކަމުގައި ޕޮލިސް ޤާނޫނީގޮތުން ޖަވާބުދާރީ ކުރުވާނެ ކަމުގައި ދަންނަވަން." މުޢިއްޒު ވިދާޅުވެފައިވެއެވެ.

އިދިކޮޅު ޕީޕީއެމުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން އުޅުމުން އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނެތި ނުބޭއްވޭނެކަން އެކޯޕަރޭޝަނުން ވަނީ އެ ޕާޓީއަށް އަންގާފައެވެ. އެޗްޑީސީން ބުނީ އެ ޖަލްސާ ބޭއްވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ޚިދުމަތްތަކަށް ހުށައަޅާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން