ރޭގެ ޖަލްސާގަައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން  ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ، ފޮޓޯ ޝޯޝަލް މީޑިޔާ
ރޭގެ ޖަލްސާގަައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ، ފޮޓޯ ޝޯޝަލް މީޑިޔާ
ރައްޔިތުންގެ ޖީބަށް މީގެ ކުރިން ނާންނަވަރުގެ ބޮޑެތި ތަކުލީފުތަކެއް މި ސަރުކާރުގައި އުފުލަން ޖެހިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިހާރު މުހިންމީ މާލޭގެ ހިތްފަސޭހަ ކަމެއް ވެސް ނޫން ކަމަށާއި އެހެނިހެން ރަށްރަށުގައި ހުރި ދަތިކަންކަމެއް ވެސް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެެ.

"އަޅުގަނޑަށް އުފެދޭ ސުވާލަކީ ދިވެހިރާއްޖެ އޮންނާނެ ބާއޭ މި ކުރިއަށް އޮތް ތިން އަހަރު ނިމޭއިރުގައި ދިވެހި ރާއްޖެ އޮންނާނީ ކޮންތާކު ބާއޭ،" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ދަރަނި ނުދެއްކޭ ހިސާބަށް ބޮޑުވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މި ސަރުކާރަށް ދަރަނި ދައްކާނެ ގޮތެއް ވެސް ނޭނގޭތާ ސަރުކާރުން ކަންބޮޑުވާ ތަނެއް ވެސް ނުފެންނަ ކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެތެރޭގެ އިގްތިޞާދު ފުނޑުވެ، ކުދި ވިޔަފާރިތައް ހުއްޓި، ރައްޔިތުންގެ ޖީބަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ޒަމާނެއް މިހާރު އޮތްވަރަށް މީގެ ކުރިން ނެތް ކަމަށެވެ. ހުރިހާ ރައްޔިތުން ދަނީ ބިކަވަމުން ކަމަށާއި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ "ދިރި ތިބެވިދާނެތޯ، އޮތް ކަންބޮޑުވުން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވެސް ޚުދުމުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާކަމަށް ތުހުމަތުކުރައްވައި ފައްޔާޒު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ޚުދުމުހުތާރު ސިފަ ޖެހުމުން ރަނގަޅު ކަންކަން ވެސް ވެފައި ހުރި ނަމަވެސް، އެއީ ވެރިއެއްގެ ކިބައިގައި ބުއްދިއެއް ހުރިނަމަ، ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ކިބައިގައި ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއް ހިންގުމުގެ ވިސްނުން ވެސް ނެތް ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން ބިދޭސީންނާ ސުވާލުކުރަން ރައީސް އެންގެވުމުން އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ފައްޔާޒު ވިދާޅުވީ، ރޭގަނޑު 10 ޖެހުމުގެ ފަހުން މަގުމައްޗަށް ނިކުމެ އުޅޭނަމަ މީގެ އެތައް ޒަމާނެއް ކުރިން ފުލުހުން ސުވާލުކުރި ކަމަށެވެ. އަދި މިއަދު ފެންނަ މަންޒަރަކީ އެކަން އަލުން އިއާދަކުރަން އުޅޭ ތަން ކަމަށާއި، ފުރަތަމަ އެ ކަން އެ ފެށީ ބިދޭސީންނާ ހަމައިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި ބޭނުންވަނީ ދިވެހި ރައްޔިތުން މި ސަރުކާރަށް ރައީސް މުއިއްޒަށް ފާޑުކިޔުމާއި އިދިކޮޅު ހެދުން ހުއްޓުވައިލަން އެކިއެކި ގޮތްގޮތަށް އަމަންއަމާންކަމޭ ރައްޔިތުންނަށް އުނދަގޫވަނީއޭ ކިޔައިގެން މި ގެންނަން އުޅޭ ކަމަކީ ވަރުގަދަ ޚުދުމުހުތާރު ވެރިކަމަކާ ދިމާއަށް،" ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު