ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓާއި ކުލި މިއަދުން ފެށިގެން ކުޑަކޮށްފައި ވާތީ، މިހާތަނަށް ޑިޕޮސިޓް ދެއްކި މީހުންގެ ފައިސާ ކުލިން އުނިކޮށްދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން މިއަދުން ފެށިގެން ފަހި ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ބަދަލުތަކެއް ގެނެސް، އެ އަގުތައް ވަނީ ކުޑަކޮށްފައެވެ.

ހައުސިންގ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފްލެޓަށް 25،000ރ. (ފަންސަވީސް ހާސް ރުފިޔާ) ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކާފައިވާ ފަރާތްތަކުން ކުޑަވެގެންދާ 8،500ރ. (އަށްހާސް ފަސްސަތޭކަ ރުފިޔާ) އުނިކުރުމަށްފަހު، ބާކީ ހުންނަ ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖައްސަވައިދެވޭނެ ކަމަށެވެ. އަދި އެފަދައިން، ދެ ކޮޓަރީގެ ފްލެޓަށް 15،000ރ. (ފަނަރަ ހާސް ރުފިޔާ) ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކާފައިވާ ފަރާތްތަކުން ކުޑަވެގެންދާ 6،000ރ. (ހަހާސް ރުފިޔާ) އުނިކުރުމަށްފަހު، ބާކީ ހުންނަ ފައިސާވެސް ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖައްސަވައިދެވޭނެކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ.

ސަރުކާރުން މިއަދު ތަންފީޒުކުރެއްވި ބަދަލާއެކު، ފަހި ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ މަހު ކުލި 7،000ރ. އިން 6،000ރ. އަށް ވަނީ ކުޑަކޮށްފައެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ކުރިއެކޭ އެއްގޮތަށް 1،000ރ. (އެއްހާސް ރުފިޔާ) ނެގުމަށް ހަމަޖެހިފައިވާތީ، މިއަދުން ފެށިގެން ދެ ކޮޓަރީގެ ފްލެޓުގެ ޖުމްލަ މަހު ކުއްޔަކީ 7،000ރ. (ހަތްހާސް ރުފިޔާ) ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މި ބަދަލު އައުމުގެ ކުރިން މަހު ކުއްޔާއި ޑިޕޮސިޓް އެކު 8،000ރ. (އަށްހާސް ރުފިޔާ) ދައްކަންޖެހެއެވެ.

މީގެ އިތުރުން ތިން ކޮޓަރީގެ ފްލެޓުތަކުގެ މަހު ކުލިވެސް ވަނީ މިއަދުން ފެށިގެން 9،000ރ. (ނުވަހާސް ރުފިޔާ) އިން 8،500ރ. (އަށްހާސް ފަސްސަތޭކަ ރުފިޔާ) އަށް ކުޑަކޮށްފައެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ކުރިއެކޭ އެއްގޮތަށް 1،000ރ. (އެއްހާސް ރުފިޔާ) ނެގުމަށް ހަމަޖެހިފައިވާތީ، މިއަދުން ފެށިގެން ތިން ކޮޓަރީގެ ފްލެޓުގެ ޖުމްލަ މަހު ކުއްޔަކީ 10،000ރ. (ދިހަހާސް ރުފިޔާ) ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ބަދަލު އައުމުގެ ކުރިން މަހު ކުއްޔާއި ޑިޕޮސިޓް އެކު 10،500ރ. (ދިހަހާސް ފަސްސަތޭކަ ރުފިޔާ) ދައްކަންޖެހެއެވެ.

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ގެނެވުނު ބަދަލުތަކާއެކު ފްލެޓުތަކާ ގުޅޭ އާ އެއްބަސްވުންތައް އެކުލަވައިލެވޭނެ ކަމަށެވެ.

މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު ވަނީ ހިޔާ ފްލެޓުތަކުގެ ކުލިވެސް އެކަށީގެންވާ މިންވަރަކަށް ކުޑަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު