މިވަގުތު ވާނުވާ ބަންދުގައި ތިބި މީހުންގެ ބެކްލޮގް، ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. މިސަރުކާރުގެ ދައުރުގެ ތެރޭގައި ވާނުވާގެ މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގައި މިހާރު ތިބި ގިނަ ފަރާތްތަކަކީ މީހުން މެރުމުގެ މައްސަލަތަކާއި، ބޮޑެތި ޑްރަގު ޑީލް ކުރުމުގެ ނުވަތަ ވިއްކުމުގެ މައްސަލަތަކުގައި ތިބި މީހުންނެވެ. އަދި މާރާމާރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މުޖުތަމައަށް ގެއްލުންވާގޮތަށް ހިންގި މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ތިބި މީހުންވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ ހާލަތު ރިވިއު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފައާއެކު، މީހަކު ޓެގް އެޅުވުމަށް ރިވިއު ކުރުމުގެ ޕްރޮސެސް ތެރޭގައި ފުލުހުންގެ އިންޓެލިޖެންސާއި، ފުލުހުންގެ ތަހުގީގުން ބޭނުންވާ މައުލޫމާތުތަކާއެކު ރިވިއުއެއް ހެދޭނެ ކަމަށެވެ. މި ރިވިއުގެ ތެރެއިން، ޑްރަގުގެ ބޮޑު މައްސަލައެއްގައި ވާނުވާ ބަންދުގައި ހުރި މީހެއްގެ ޝަރީއަތް ވަކި ހިސާބަކަށް ގޮސް ދޫކޮށްލުމުގެ ފުރުސަތު ބޮޑުވެއްޖެނަމަވެސް، އެމީހާއަކީ މުޖުތަމައަށް ނުރައްކާވާ ފަދަ އެތައް މައްސަލައެއްގައި ޝާމިލުވާ މީހެއްކަމަށް ވާނަމަ، އެކަން ފުލުހުންގެ ރިވިއުގެ ތެރެއިން ބަލައި، އިތުރު ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލަ މިހާ ހިސާބަށް އައިސްފައި އޮތް އެންމެ ބޮޑު ސަބަބަކީ ކުރީގެ ކްރިމިނަލް ކޯޓުގެ އިންފްރާސްޓްރަކްޗާގެ ދަތިކަމާއި، މައްސަލަތައް ނުބެލި ދިގުލައިގެން ގޮސްފައި އޮތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވާނުވާ ބަންދުގެ މާނައަކީވެސް އެމީހާގެ ޝަރީއަތް އޮންނާނީ ކޮން އިރަކުން ކަމާއި، ޝަރީއަތް ނިމޭނީ ކޮން އިރަކުން ކަން ނޭނގި އެތައް އަހަރެއް ވަންދެން ބަންދުގައި ތިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ސަރުކާރު ހަވާލުވިއިރު ވާނުވާ ބަންދުގައި ތިބި ގިނަ މީހުންގެ ޝަރީއަތްތައް ނިމި، ހުކުމް ކުރެވި، އެމައްސަލަތައް ކުރިއަށް ދާން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އާ އިމާރާތެއް އަޅައި ނިންމާނެ ކަމަށާއި، މިހާރުވެސް އެތަނުގައި ވަރަށް ބާރަށް މައްސަލަތައް ނިންމަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކޯޓުގެ ސްޕޭސްއާ ގުޅޭ މައްސަލަތައް ހައްލުވެ، ކޯޓުތަކުގެ ތެރެއިން މައްސަލަ ހިންގާ ޕްރޮސެސް ވަރަށް ފަސޭހަކަމާއެކު އަދި ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

މި ބެކްލޮގް ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސްތެރޭގައި ހައްލުކުރެވޭނެ ކަމަށް ކޯޓުތަކުންވެސް މައުލޫމާތު ދެމުންދާ ކަމަށާއި، މާތްﷲ އިރާދަފުޅާއެކު މި ސަރުކާރުގެ ދައުރުގެ ތެރޭގައި ވާނުވާގެ މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު