ނަސާރާ ދީން ފަތުރާ މީހުންނާމެދު ފިޔަވަޅު ނާޅަނީ ސަރުކާރު އެކަމާ ރުހޭތީކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ރާއްޖޭގައި ނަސާރާދީން ފެތުރުމުގެ ހަރަކާތްތަކެއް ބަޔަކު ކުރިއަށްގެންދާކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ދާދިފަހުން ވަނީ ކޮލެޖަކުން ބޭއްވި ހަރަކާތެއްގެ ތެރެއިންވެސް ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލައެއް ފެންމަތިވެފައެވެ. އަދި ދާދިފަހުން ސްކޫލެއްގައި ނަޞާރާދީނަށް ހިތްވަރުދޭ ފަދަ ކަންތައްތަކެއް ދަރުވަރުން ލައްވާ ކުރުވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މީގެއިތުރުން ނަޞާރާ ދީން ފަތުރަމުން ގެންދާ މީސް މީޑިއާގެ އޮޅިތައް ބަންދު ކުރުމަށް ކޯޓުން ކުރި އަމުރެއް ތަންފީޒު ނުކުރެވި މުހުލަތު ފާއިތުވެފައިވާއިރު އެކަމާ ގުޅިގެން ވެސް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ޑރ. ޖަމީލު ވިދާޅުވީ ‏އަލަށް ފާސްކުރި ޤާނޫނަށް ބަލާއިރުވެސް، ނަޞާރާދީން ކުރިއަރުވާން މަސައްކަތް ކުރުމަކީ އިސްލާމްދީން ތައުހީންކުރުމުގެ ޢަމަލެއްކަމަށެވެ. އަދި މިއީ އަދަބުދެވެންޖެހޭ ކުށެއްކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.



ޖަމީލު ވިދާޅުވީ އެހެން ދީންތައް ފެތުރުމުގެ މައްސަލާގައި ސަރުކާރުން ޖިނާއީ ތަޙްޤީޤް ހިންގައި އަދަބު ދިނުމަށް ފަސްޖެހެނީ ސަރުކާރު ރުހޭގޮތްކަމަށްވާތީ ކަމަށެވެ.

"‏އަލަށް ފާސްކުރެވުނު ޤާނޫނު 22/2021ގެ ދަށުން ވިޔަސް ނަޞާރާދީން ޕްރޮމޯޓުކުރުމަކީ އިސްލާމްދީން ތައުހީންކުރުމުގެ ޢަމަލެއް. 617(ހ)، 5، 6 ވަނަ މާއްދާތަކުގެ ދަށުން މިއީ އަދަބުދެވެންޖެހޭ ކުށެއް. ޖިނާއީ ތަޙްޤީޤް ހިންގައި އަދަބު ދިނުމަށް ފަސްޖެހެނީ ސަރުކާރު ރުހޭގޮތްކަމަށްވާތީ." ޖަމީލު ވިދާޅުވިއެވެ.

ރާއްޖޭގައި ނަސާރާދީން ފެތުރުމުގެ ހަރަކާތްތަކެއް ބަޔަކު ކުރިއަށްގެންދާކަމުގެ އަޑު ގަދަވެފައިވާއިރު، އެކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ހިންގާ މިފަދަ ކަންކަން ހުއްޓުވުމަށް ވަގުތު ނާގާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން