ސްރީލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗުގެ 500 ޓިކެޓް ހިލޭ ދިވެހިންނަށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ސީޝެލްސްއާއި ރާއްޖެ ބައްދަލުކުރާ މިމެޗު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މިމެޗުން މޮޅުވެގެން ނޫންގޮތަކަށް މުބާރާތުގެ ފައިނަލަކަށް ރާއްޖެއަކަށް ދަތުރެއް ނުކުރެވޭނެއެެވެ. އަދި އެންމެ ފަހުން ބަންގްލަދޭޝާއެކު ކުޅުނުމެޗުން ބަލިވުމުން ދިވެހީންނަށް މުބާރާތުގެ ފައިލަލުގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރު ވަނީ ކެނޑިފައެވެ.

ކުރިއަށް އޮތް މެޗުގެ 500 ޓިކެޓް ދިވެހި ސަޕޯޓަރުންނަށް ހިލޭ ދިނުމުގެ މަސައްކަތްކުރަނީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުގެ އިސްނެންގެވުމާއި އެކުގައެވެ. ލަންކާގައި ދިރިއުޅޭ ގައުމީ ޓީމުގެ ސަޕޯޓަރަކު ބުނީ ލަންކާގައި ދިރިއުޅޭ ދިވެހި ސަޕޯޓަރުން ހިމެނޭ ވައިބަރ ގްރޫޕެއްގައި މިނިސްޓަރ މަހުލޫފު، ސީޝެލްސް މެޗަށް ރާއްޖޭގެ ސަޕޯޓަރުންނަށް ހާއްސަކޮށް 500 ޓިކެޓު ހިލޭ ދެއްވަން ގަސްދު ކުރައްވާފައިވާކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި އެއަށްވުރެ އިތުރަށް ދަނޑަށް ވަޑައިގަންނަވަން ބޭނުންވާ ސަޕޯޓަރުންނަށް އިތުރު ޓިކެޓުތައްވެސް ހޯދައިދޭން މަސައްކަތް ކުރައްވާކަމަށްވެސް މަހްލޫފް ވިދާޅުވެފައިވާކަމަށް އޭނާ ބުންޏެވެ.

ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗު އޮންނާނީ 16 ވަނަ ދުވަހުގެ ހަވީރުއެވެ. ދެ ވަނަ މެޗުގައި އެރޭ ލަންކާ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.

ބަންގްލަދޭޝާއި ސީޝެލްސަށް މެޗުތައް އެއްވަރުކޮށްލައިގެންވެސް ފައިނަލުގެ ޖާގަ ލިބޭނެއެވެ. ރާއްޖެއާއި ލަންކާއަށް ފައިނަލަށް ދެވޭނީ ހަމައެކަނި މޮޅުވެގެންނެވެ. މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ދިވެހި ގައުމީ ޓީމަށް ލިބެމުންދާ ނާކާމިޔާބާމެދު ގިނަ ބައެއްގެ ފަޑުކިއުން އަމާޒުވެފައި ވާއިރު ޔޫތު މިނިސްޓަރ މަހުލޫފުވެސް ވަނީ ދިވެހި ޓީމު ތަކުރާރުކޮށް ބަލިވަމުންދިއުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން