20 ވަނަ އެޕިސޯޑް

==========

މިރޭ ޒޭނާއާއެކު ޑިނަރއަކަށްދާގޮތަށް ހަމަޖައްސާފައި، ކުއްލިއަކަށް ޢައިޝާ ގުޅީމާ، ޢައިޝާއަށް އިސްކަން ދެވުނީވެސް އެއީ ޤުދްރަތުން އެކަންވާން އޮތަތީއެވެ.

[ދަރިފުޅާ...ޒޭނާ..ހާދަ ކަންބޮޑުވެފައި. އަނެއްކާ ކިހިނެއްވީ؟ އަދިވެސް ނާއިލް ނާންނަނީތަ؟] ޒޭނާ ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރުމުން، އޭނާގެ މަންމަ ޒާހިދާ ސުވާލު ކުރިއެވެ. އޭނާ އެސުވާލުކުރީ ދަރިފުޅުގެ އިޙްސާސްތައް ދެނެގެންހުރެއެވެ.

[އާނ، މަންމާ ނާއިލް އަދި ނާދޭ...ފޯނުގެ ޗާޖް ހުސްވެގެން އޮފްވެފައި އޮތީ....އެހެންވެ ނުވެސް ގުޅިގެން މިއުޅެނީ. ކޮންމެވެސް މުހިއްމު ކަމެއް މެދުވެރިވެގެން ނޫނީ ނާއިލް ނައިހެއް ނުހުންނާނެ...] ޒޭނާ ނާއިލަށް ކުރާ އިތުބާރު ނުހަނު ބޮޑެވެ.

[ތިހެންވީއިރު މިރޭ ދެން ގެއިން ކާންވީނު. މަންމަ ނޫޑުލްސް ޕެކެޓެއް ކައްކާލަދެންތަ. މަންމަ މިހާރު މިގޭގައި ހުރި ކާއެއްޗެހި އުކާވެސްލައިފިން.] ޒާހިދާ ޓީ.ވީ ހުޅުވާލަމުން ސޯފާގައި އިށީނެވެ.

[ނާއިލް އަންނާނެޔޭ މަންމާ...ނައިސް މާ ދަންވެއްޖެއްޔާ އަހަރެން އަމިއްލައަށް ސޫޕެއް ހަދާލައިގެން ބޯލަފާނަން، މަންމަ އަޅާނުލާ....] މިހެން ބުނެފައި ޒޭނާވެސް އައިސް މަންގެ ގާތުގައި ސޯފާގައި އިށީނެވެ.

އިށީނުމަށްފަހު އަނެއްކާވެސް ޒޭނާ ޢައިޝާގެ ފޯނަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މިހާރު އެގޮތަށް ޒޭނާ ނާއިލްގެ އިންތިޒާރުގައި އިންނަތާ ދެގަޑިއެއްހާއިރުވީއެވެ. ނާއިލް ގުޅާވެސްނުލައެވެ.

ގަޑީގެ ކަށި އެނބުރެމުން ގޮސް މެންދަމަށް ދެކަށި އެއްވިއިރުވެސް ނާއިލްގެ ޚަބަރެއްނުވިއެވެ. އޭރު ޒޭނާގެ މަންމަވެސް ނިދަން އޮށޯވެއްޖެއެވެ. އެންމެފަހުން ޒޭނާވެސް މާޔޫސްކަމާއެކު ކޮޓަރިއަށް ވަދެއްޖެއެވެ.

ދެން އޭނާ ޢައިޝާގެ ފޯނަށް ގުޅީ އެކެއްޖަހާ ބޮޑުވިފަހުންނެވެ. މިފަހަރު އެކޮޅުން ޢައިޝާ ފޯނު ނެގިއެވެ.

[ޒޭނާ އެބަގުޅާ....އިހަށް ފޯނު އޮފްކޮށްލަންވީދޯ...ނާއިލް...އޯހް...ޝިޓް ފޯނު ނެގިފައޭ މިހުރީ....] މިޖުމްލައާއެކު ޢައިޝާ ފޯނު ނިވާލިއެވެ. ޒޭނާއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު ބޮނޑިއެއް އަޅާލީހެންނެވެ. އެހިނދު އޭނާއަށް ހީވީ މުޅި ދުނިޔެވެސް އޭނާއާއެކު އެނބުރިގަތްހެންނެވެ.

ޢައިޝާގެ ޖުމްލަ، އޭނާގެ ސިކުނޑީގައި ތަކުރާރުކޮށް އެނބުރެމުންދިޔަ ކަހަލައެވެ.

[ނޫން..ނޫން...މިހާ ދަންވަންދެން ނާއިލް ޢައިޝާގެ ކައިރިއަކު ނުހުންނާނެ. އާނ ނުހުންނާނެ. އަހަންނަށް އަޑު އިވުނުގޮތް ގޯހީ.....] ޒޭނާގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. އެކަން ޤަބޫލު ނުކުރެވުނަސް އޭނާގެ ހިތަށް މިހާރު ފިސާރި އަސަރުކޮށްފިއެވެ. ރޯން ބޭނުންނުވި ކަމުގައިވިޔަސް އޭނާއަށް ރޮވިއްޖެއެވެ.

އިރުކޮޅަކުން އަނެއްކާވެސް އޭނާ ގުޅިއެވެ. މިފަހަރު އަދި ޢައިޝާގެ ފޯނު އޮތީ އޮފްކޮށްފައެވެ. ދެން އޭނާ ގުޅީ ނާއިލްގެ ފޯނަށެވެ. އެއަކުންވެސް ޖަވާބެއް ނުދެއެވެ.

[އަޅެ...އަހަރެންގެ ޙަޔާތަށް ކުރިމަތިވާން މިއުޅެނީ ކޮން ކަންތައްގަނޑެއްބާ؟ ނޫން ނާއިލް މިގަޑިއަކު ޢައިޝާއާއެކު ނުހުންނާނެ.] މިޚިޔާލާއެކު ޒޭނާ އެނދުމައްޗަށް ވެއްޓިގެންފިއެވެ.

އެރޭގެ ހަތަރުދަން ވެއަތުވެގެންދިޔައީ މިފަދަ ހާލެއްގައެވެ. އޭނާއަށް ހިނދުކޮޅަކަށްވެސް އެރޭ ނިދޭގޮތެއް ނުވިއެވެ. އެރޭ ކަންތައް ދިމާވިގޮތުން އޭނާ ޖެހިގެން އައި ދުވަހު އިސްވެ ނާއިލަކަށް ނުގުޅައެވެ. ނަމަވެސް ހެނދުނު އިރާއެކުހެން ނޫނީ ވަރަށް ހެނދުނާ ނާއިލް ޒޭނާއަށް ގުޅިއެވެ.

[ޒޭނާ....ރޭގަ ނުދެވުނީ، ސޮރީ އިނގޭ. ޢައިޝާ ގުޅާފައި ވަރަށް އަވަހަށް އައިސްބަލާށޭ ބުނީމާ ދިޔައީ. އެދިޔަގޮތަށް އެތާނގައި އެތައްއިރެއް ވަންދެން ތާށިވީ. އެހެންވެ ފަހުން ނުގުޅުނީވެސް. މިހާރު މިދަނީ ހޮސްޕިޓަލަށް ޑިއުޓީއަށް ދާން. ޑިއުޓީ ނިންމާފައި ގުޅާނަން. ދެން ބާއްވަނީ....އަނެއްކާ ޒޭނާ ރުޅިއައިސްފަތަ؟] ފޯނު ބާއްވަން އުޅެފައި ނާއިލް ޚިޔާލު ތަފާތުވިއެވެ.

[އުނހު ރުޅިއެއް ނޫން. ދެން ޑިއުޓީއަށްދޭ. އަހަރެންވެސް މަންމަ ދައްކާލަން ހޮސްޕިޓަލަށް ދާން މިއުޅެނީ. ދެން ބާއްވަނީ.] ޒޭނާ ފޯނު ބޭއްވިއެވެ. އޭނާގެ ހިތް ނުތަނަވަސްވެފައިވާކަން ކޮންމެހެން ނާއިލަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ.

އެކަމަކު ޙަޤީޤަތުގައި ރޭ ކަންތައް ދިމާވިގޮތުން އޭނާގެ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މީގެކުރިން ނާއިލާމެދު ތުހުމަތެއްވެސް ނުކުރެވޭ ހާލުގައި ވަނިކޮށް، ޢައިޝާގެ ރޭވުންތެރި މަޅީގައި ޢައިޝާގެ ފުރަތަމަ މަސައްކަތާއެކުވެސް އެދެލޯބިވެރިން ޖެއްސީއެވެ.

ކުރިން ދޫދިނަސް މިހާރު ޢައިޝާ މަސައްކަތް ފަށާފައިވަނީ އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި އޭނާގެ ލޯބި ޙާޞިލް ކުރުމަށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާއަކަށް ނާއިލްގެ ލޯތްބާނުލާ ޒަވާޖީ ގުޅުމެއް ނުފެއްޓޭނެއެވެ. އެލޯބި ޙާޞިލް ކުރުމަށް އަލުން އޭނާ މަސައްކަތް ފެށީ، އެހަނދާންތަކުން މިންޖުވޭތޯ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރުމަށްފަހުގައެވެ.

ޙަޤީޤަތުގައި ދެޢާއިލާގެ ވިސްނުން އެނގޭތީއާވެސްއެކު، ނާއިލާމެދު މާބޮޑަށް ފިކުރު ކުރެވި، އޭނާގެ ހިތުގައި ނާއިލަށް މަގާމެއް ކަށަވަރު ކުރެވިފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އޭނާގެ ހިތުގައި ނާއިލްގެ ތަޞްވީރު ކުރެހި، ބިންވަޅު ނެގިފައިވާތާ މިހާރު ހަތަރުވަރަކަށް އަހަރު ވެދާނެއެވެ. އޭނާއައީ އެލޯތްބާމެދު ވަރަށް ފޮނި އުއްމީދުތަކެއްވެސް ކުރަމުންނެވެ. އޭނާ ކުރިން ޔަޤީންކޮށްގެން ހުރީ އޭނާއެކޭ އެއްފަދައިން ނާއިލްވެސް އޭނާގެ ލޯތްބާމެދު ވިސްނާނެ ކަމަށެވެ. ނަމަވެސް، ނާއިލް އޭނާއާމެދު އެފަދަ ނަޒަރަކުން ވިސްނާފައެއްވެސް ނުވެއެވެ.

[އަހަރެން ނާއިލްގެ ލޯބި ޙާޞިލް ކުރާނަން.] ޢައިޝާ ހިތާހިތާ ބުނެލިއެވެ. އެއީ ޢައިޝާގެ ޢަޒުމެވެ. އޭނާ މަސައްކަތް ފަށާފައިވަނީ އެޢަޒުމުގައި ކާމިޔާބުގެ އައްސޭރިއަކަށް ވާސިލްވުމަށެވެ. ނަމަވެސް އެއީ އެހެން ބައެއްގެ ނޫނީ ޙަޤީޤީ ލޯބިވާ ދެލޯބިވެރިއެއްގެ ލޯތްބަށް ހުރަސްއަޅައި، އެދެލޯބިވެރިން މަގު އޮޅުވާލުމަށްފަހުގައެވެ. އޭނާއަށް އޭނާގެ ލޯބި ޙާޞިލް ކުރެވެން އޮތީ އެމަގުން ދަތުރުކޮށްގެންނެވެ.

އެނޫން ގޮތަކަށް ނާއިލްގެ ވިސްނުން ބަދަލުކުރެވުމަކީ އޭނާއަށް ކުރެވޭނޭ ކަމެއް ނޫނެވެ. ޙަޤީޤަތުގައި ނާއިލަކީ މިޒަމާނުގެ ފިރިހެނުންނާ ވަރަށް ބޮޑަށް ތަފާތު ފިރިހެނެކެވެ.

ފަހުގެ ޒަމާނީ ވިސްނުމަށް އައި ބަދަލާއެކު ލައިލާއާއި މަޖުނޫނު ނޫނީ ޝީރީނާއި ފަރުހާދު ފަދައިން، އެންމެ ލޯތްބަކަށްޓަކައި ޤުރްބާނީތަކެއްވާ ބަޔަކު ވަރަށް މަދުން ނޫނީ ނުފެންނަ ވާހަކަ ދެއްކުމަކީ ކުށެއް ނޫނެވެ. އެހެން ނަމަވެސް، ނާއިލްގެ ކިބައިން ފެންނަނީ، އެޒަމާނުގެ ލޯބިވެރިންގެ ކިބައިގައި ހުންނަ ޢިޝްޤީ ޙަރަކާތްތަކެވެ. އޭނާ ހުންނަނީ މާބޮޑަށްވެސް ޒޭނާގެ ޖަޒުބާތުގައި ޖެހިފައެވެ.

[ޢައިޝާ، ނާއިލް އެފަދަ ނަޒަރަކުން ޢައިޝާއާމެދު ނުވިސްނާކަން އެނގިހުރެމެ، ތިކަމަށް އަލުން މަސައްކަތް ކުރުމަކީ ދައްތަ އެހާ ރުހޭ ކަމެއް ނޫން.] ޢައިޝާގެ ބައްޕަޔާ އެއްބަނޑު ބޮޑުދައިތަ ފާކިރާ ޢައިޝާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

[ދައްތާ....ނާއިލްވެސް އަހަންނާމެދު ނުވިސްނި. އޭނާވެސް އިސްކުރީ އޭނާގެ އުފާތައް ޙާޞިލް ކުރުމަށް. ވިސްނާކަށް ބޭނުމެއްނުވި، އަހަރެންގެ ލޯތްބާއި ޖަޒުބާތުތަކާމެދަކު. އަހަރެން މިވާހަކަ ބައްޕައަށް ސިއްރުކުރީ ދެޢާއިލާތެރޭ މައްސަލަ އުފައްދަން ބޭނުންނުވާތީ. ދައްތާ، އަހަރެން ހާދަ ލޯބިވެޔޭ އޭނާދެކެ. އާނ ވަރަށް ލޯބިވޭ....އަހަންނަށް އެހެން މީހަކު ދެކެ ލޯތްބެއް ނުވެސްވެވޭނެ...] ޢައިޝާ ފެންކަޅިވިއެވެ. ފާކިރާ އައިސް ޢައިޝާގެ ބޮލުގައި ފިރުމާލިއެވެ.

[ދައްތަ ތިކަމުގައި އިތުރު އެއްޗެކޭ ބުނާކަށް ނެތިން. ޙަޤީޤަތުގައި ލޯތްބަކީ ވަރަށް ބާރުގަދަ އެއްޗެއް. ދައްތަގެ މައްސަލައަކީ ކުރިން ޢައިޝާ ދޫދިނުން. ދޫދީފައި އަލުން އެދޭތެރެއަށް ވަންނަން އުޅުން ދައްތައަށް ގޯސްވެގެން މިއުޅެނީ. އެދެމީހުން މިހާރު ކައިވެނީގެ ތައްޔާރީތައް ވަމުން އެދަނީ.] ފާކިރާ ބުންޏެވެ.

ޢައިޝާގެ ނިންމުމަށް ތާއީދު ނުކުރެވޭތީ، އޭނާ މަސައްކަތް ކުރަނީ ޢައިޝާގެ ވިސްނުން ބަދަލުކުރެވޭތޯއެވެ.

[އަހަރެންގެ މިވިސްނުން އަހަރެން ބަދަލެއް ނުކުރާނަން. އަހަރެންގެ އަމާޒަށް އަހަރެން ވާސިލްވާނަން.] އޭނާއަށް މިހެން ބުނެވުނު ވަގުތު އޭނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. އެއާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު އަލިވެގެންދިޔައެވެ. ގުޅީ ނާއިލެވެ.

[ކީކޭ ނާއިލް..އައިސްބަލަ....މިގެއަށް ސައިކަލްގައި. އަހަރެން މިއުޅެނީ ސެލޫނަކަށް ނުދެވިގެން. ޕްލީޒް އިނގޭ....] ނާއިލަށް ވާހަކަ ދައްކާނޭ ފުރްޞަތު ނުދީ ޢައިޝާ އެދުނެވެ.

[އަޅެ...އަހަރެން ތަނަކަށްދާން ވެގެނޭ މިގުޅީ. ސެލޫނަށް ދިޔުން ފަސްކޮށްފައި، ކުރިން އަހަރެމެނާއެކު ކައިވެނީގެ ބައެއް ސާމާނު ގަންނަން ހިނގާބަލަ.] ނާއިލް ބުންޏެވެ.

[ޕްލީޒް...ޕްލީޒް...ދެން ފަހުން ދާނީ. މިހާރު ސައިކަލުގައި އައިސްބަލަ. އަހަރެން މިތައްޔާރުވަނީ.] ޢައިޝާ އޭނާގެ ކޮޅު ގަދަކުރިއެވެ. އެންމެފަހުން ނާއިލް އެގޮތް ޤަބޫލުކުރިއެވެ. އެހެން ނަމަވެސް، އެއީ ޒޭނާގެ ހިތުގައި އޭނާއާމެދު ޝައްކެއްވެދާނޭ ކަމެއް ކަމަށް އޭނާ ނުވެސް ވިސްނައެވެ.

ވުމާއެކު ފުރަތަމަ އޭނާ ޒޭނާއަށް ގުޅާފައި ޢައިޝާ ގޮވައިގެން ސެލޫނަކަށް ދާން ޖެހުނު ވާހަކައާއި، އެކަން ނިންމާލާފައި އަންނާނޭ ވާހަކަ ބުންޏެވެ. ޙަޤީޤަތުގައި އެފޯންކޯލްގެ ސަބަބުން ޒޭނާގެ ހިތަށް ވަރަށް އުނދަގޫވިއެވެ.

ޒޭނާ ނާއިލްގެ ފޯނަށް ގުޅީ ނާއިލްމެނަށް ސެލޫނަށް ވަދެވުނުތަނާހެންނެވެ.

[ޒޭނާ އެބަގުޅާ...މަޑުކޮށްލައްޗޭ....] ނާއިލް އެފޯނަށް ޖަވާބު ދިނުމަށްޓަކައި މަޑުޖެހިލިއެވެ. އޭރު ޢައިޝާ ހުރީ އެތާނގެ ކައުންޓަރުގައި ހުރި ނަމޫނާ ފޮތެއް ބަލާށެވެ.

[ނާއިލް..މިއަދު އަހަރެން ރީތިވާން ބޭނުމީ ނާއިލް ބޭނުންގޮތަކަށް. ފޯނު ބާއްވާފައި އައިސްބަލަ. މިތަނުން ރީތި ނަމޫނާއެއް ދައްކާލަން.[ ޤަޞްދުގައި ޒޭނާއަށް އަޑުއިއްވުމުގެ ބޭނުމުގައި ޢައިޝާ ވާހަކަ ދެއްކިއެވެ. އެއަޑު އިވުމާއެކު، އެކޮޅުން ޒޭނާ ފޯނު ކަނޑާލިއެވެ.

ހަމައެކަނި ފޯނު ކަނޑާލީއެއް ނޫނެވެ. އޭނާ ފޯނު ނިއްވާލީއެވެ. އެއީ ޢައިޝާ ބޭނުންވި ގޮތެވެ. އެވަގުތު ކޮންމެހެން ބިއުޓީ ސެލޫނަކަށް އަންނަން އޭނާ ނިންމީވެސް އެފަދަ ފުރްޞަތަކަށް ފަހިކަން ހޯދުމުގެ ބޭނުމުގައެވެ.

ޒޭނާ ފޯނު ނިއްވާލުމުން ނާއިލް ހިސާބަކަށް ކަންބޮޑުވެސްވިއެވެ.

[ނޭނގެ ވީގޮތެއް. ކުއްލިއަކަށް ޒޭނާ ފޯނު ކަނޑާލައިފި. މިހާރު ފޯނު އޮފްވެސް ކޮށްފައި އޮތީ...] ނާއިލް މާޔޫސުފްވެފައި ހުރެ ޢައިޝާއާ ވާހަކަ ދެއްކިއެވެ.

[ވެދާނެއެއްނު ޗާޖް ގޮސްގެން ނިވުނީ ކަމަށްވެސް. އަޅާނުލާ، މިތަނުން ރީތި ނަމޫނާއެއް ދައްކަބަލަ.] ޢައިޝާގެ ރޭވުން ކާމިޔާބުވުމުގެ މަލަ ފެންނަން ފެށުމުން އޭނާ ހުރީ ވަރަށް އުފާވެފައެވެ.

ހިތް ނުތަނަވަސްވެފައި ހުރުމާއެކު، ޒޭނާ ނުކުތީ އޭނާގެ މަންމަ ޒާހިދާއާއެކު ބާޒާރަށް ދިޔުމަށެވެ. ނާއިލަށް ނުދެވޭނެ ކަމަށް ނިންމާފައެވެ.

[ދަރިފުޅާ ނާއިލް ބުންޏެއްނު ބާޒާރު ކުރަންދާން އެބަ އަންނަމޭ. މަންމައާއެކު ގޮސްގެނެއް ނާއިލަށް ކަމުދާ އެއްޗެއް ހޯދާނީ ކިހިނެއް.] ފިހާރައަކަށް ވަންނަމުން ޒާހިދާ ވާހަކަ ދެއްކިއެވެ.

އެމީހުންވަނީ ސޯސަން މަގުގައި ހުރި ފިހާރައަކަށެވެ. އެތަނަކުންވެސް ޒޭނާ ހިތްހަމަޖެހޭ އެއްޗެއް ނުފެނުނެވެ. އެހެންވެ މިތާކު ނެތޭ ބުނެފައި، ޒޭނާ އެފިހާރައިން ނުކުތެވެ. ފަހަތުން ޒޭނާގެ މަންމަވެސް ނުކުމެއްޖެއެވެ. އެއީ ނާއިލާއި ޢައިޝާ ސެލޫނުން ނުކުމެގެން ގޮސް ސައިކަލަށް އަރާ ނައްޓާލި ވަގުތެވެ. ޢައިޝާ އިނީ ނާއިލާ ތަތްވެގެން ކަހަލަ ގޮތަކަށެވެ. އެމަންޒަރު ފެނުމާއެކު ޒޭނާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އޭނާއަށް ގަނޑުވެފައި އިރުކޮޅެއް ވަންދެން ހުރެވުނުވެސްމެއެވެ.

[ކިހިނެއްވީ ދަރިފުޅާ....ކީއްވެތަ ހުއްޓުން އަރާފައި ތިޔަހުރީ؟] ޒާހިދާ އޭނާގެ ދެކޮނޑުގައި ހިފާ ތަޅުވއިގަތެވެ.

[ކަމެއްނުވޭ މަންމާ...މިވަގުތު ހިނގާ ގެއަށް ދާން. ވަރަށް ފޫހިވެއްޖެ.] މަންމައަށް ސިއްރު ކުރަން އުޅުނު ކަމުގައިވިޔަސް، އޭނާއަށް މުޅިން އެކަން ކުރެވޭގޮތެއް ނުވެއެވެ.

[ދަރިފުޅު ކޮންކަމަކާތަ ފޫހިވީ. ބުނެބަލަ، ކޮންމެވެސް ކަމެއް ދަރިފުޅު އެބަ ސިއްރުކުރޭ. ކޮންމެވެސް ކުންޏެއް ޖެހިއްޖެހެން މަންމައަށް ހީވަނީ.] ޒާހިދާ ދަރިފުޅުގެ އިޙްސާސްތައް ދެނެގަތެވެ. ޒޭނާ މަންމަގެ މޫނަށް ބަލައިލުމަށްފަހު އިސްޖަހާލިއެވެ.

[އެއްވެސް ކަމެއް އަހަރެން ސިއްރެއް ނުކުރަން. ދެތިން ފިހާރައަށް ވަދެވުނުއިރުވެސް ހޯދަން އުޅޭ އެއްޗަކާ ދިމާނުވީމާ ފޫހިވާ ވާހަކަ މިބުނީ. ހިނގާ ދާން. ފަހުން އަނެއްކާވެސް ބާޒާރަށް ނުކުންނާނީ.] ޒޭނާ ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. ޒޭނާ އެހެން ބުނީމާ ޒާހިދާ އިތުރަކަށް އެމަޥްޟޫޢަކަށް ވާހަކައެއް ނުދައްކައެވެ.

އެރޭވެސް ޢައިޝާ، އޭނާގެ ރޭވުން ކާމިޔާބުކުރިއެވެ. އެކިއެކި ވާހަކަ ދައްކައިގެން އޭނާ ނާއިލް އެގޭގައި ހިފެހެއްޓިވެސްމެއެވެ. އެރޭ އޭނާ ނާއިލަށް އޮޅުވާލައިގެން ފިނި ބުއިމަކާއެކު ނިދާ ބޭހެއްވެސް ދިނެވެ. ވުމާއެކު، އެރޭ ޢައިޝާގެ ގޭގައި ޢައިޝާގެ ކޮޓަރީގައި އޮއްވާ ނާއިލަށް ނިދުނެވެ.

އެރޭ ޒޭނާ ނާއިލަށް ގުޅީ އެރޭގެ ވަރަށް ދަންވިފަހުންނެވެ. އޭރު ނާއިލަށް އޮތީ ނިދިފައިކަމުން، ފުރްޞަތުގެ ބޭނުންކުރީ ޢައިޝާއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު ޢައިޝާ ފޯނު ނެގިއެވެ.

[ނާއިލް އެބައޮތް ނިދިފައި. މާބޮޑަށް ވަރުބަލިވީކަންނޭނގެ. އަހަރެން ދެތިންފަހަރަކު ގޮވައިވެސްފިން. ނާޒިމާއްތަވެސް ދެފަހަރަކު ގުޅައިފި. އަހަރެން ބުނިން އެބައޮތޭ.] ހިތްހަމަޖެހިފައި ހުރި ޢައިޝާ ވާހަކަ ދެއްކިއެވެ.

[ތިގޭ ކޮންތާކުތަ ނާއިލް ނިދާފައި އޮތީ...] ޒޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.

[އަހަރެންގެ ކޮޓަރީގައި. ނާއިލް ތެދުވީމާ އަހަރެން ބުނާނަން، ޒޭނާ ގުޅި ވާހަކަ. އަހަރެން ގާތުގައި ބުނެފައި އޮތީ އެއްވެސް މީހަކު ގުޅިޔަސް ފޯނު ނުނަގާށޭ. ދެން ބާއްވަނީ.] ޢައިޝާ ފުރްޞަތުގެ ބޭނުން ކުރުމަށްފަހު، ފޯނު ބާއްވާލިއެވެ.

އެއަށްފަހު ޢައިޝާ ނިދާ ހެދުން ލުމަށްފަހު ނާއިލްގެ ގޮތުގައި އޮށޯވެއްޖެއެވެ. އޭރު އޭނާވަނީ ނާއިލް ލައިގެން ހުރި ގަމީސްވެސް ބާލުވާފައެވެ. އިރުކޮޅެއް ވަންދެން ނާއިލްގެ ތަނަވަސް މޭމައްޗަށް ބަލަން އިނދެފައި މުޅި ކޮޓަރިތެރެއަށް ނޫކުލައެއްގެ ނިދާ ބޮތްކެއްގެ އަލި ފަތުރާލުމަށްފަހު، އޭނާ ނާއިލްގެ މޭގެތެރޭގައި ބޮނޑިވެލައިފިއެވެ. އޭރުވެސް ނާއިލް އޮތީ ގަދަ ނިދީގައެވެ. ނަމަވެސް، ޢައިޝާގެ ބައެއް ޙަރަކާތުގެ ސަބަބުންކަންނޭނގެއެވެ. ނާއިލަށް ހޭލެވުމާއެކު، އޭނާގެ ދެއަތް ނިކަން މަސްތީ އަސަރުތަކާއެކު ޢައިޝާ ވަށާލައިފިއެވެ.

ހަމަގައިމުވެސް އޭގެފަހުން ހިނގާދިޔަ ކަންތައްތަކަކީ ނާއިލްގެ ޤަޞްދަކު ކުރެވުނު ކަންތައްތަކެއް ނޫނެވެ. ހުރިހާ ކަމެއްވެސް އަޞްލަކީ ޢައޝާއެވެ. ޢައިޝާ ބުނެފައިވެއެވެ. ލޯބި ޙާޞިލް ކުރުމަށްޓަކައި އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެގޮތުން އެމަގުވެސް ފަހިކުރީ ޢައިޝާއެވެ.

ލޯތްބަށްޓަކައި ތިމާގެ ޢިއްފަތްތެރިކަން ނަގާލުމަކީ ކިހާ މޮޔަ ކަމެއްކަން ބައެއް އަންހެން ކުދިންނަށް ނޭނގޭކަމީ، ޙައިރާންވާންޖެހޭ ކަމެކެވެ. އަދުގެ މުޖްތަމަޢުތަކުގައި އެފަދަ ކިތަންމެ ޙާދިޘާތަކެއް ހިނގާފައިވެއެވެ.

އެފަދަ ޙާދިޘާތަކުގެ ސަބަބުން ވަރަށްގިނަފަހަރު އަންހެން ކުދިންގެ މުޅި ޙަޔާތުގެ ފަހު މަރްޙަލާއަށް ހިޔަނި އެޅިގެންދަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް، ހަމަ ވިސްނުމުގެ އައްސޭރިއަށް އެފަދަ އަންހެން ކުދިންނަށް ވާސިލްވެވެނީ ވަގުތު ފާއިތުވާފަހުންނެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


9

ކަޅުސޮރު

19-May-2020

މަށަޢް ހީވަނީ މިވާހަކައިގަ އެ އުޅޭ ޝާއިރާ އާޢި އައިޝާ ހިންދީ ޑުރާމާތައް ވަރަށް ބަލާ ދެމީހުން ހެން އެހެން ނޫންނަމަ އެ ނުބައިބރޭވުން ރާވާކަށް ނޭނގުނީސް


9

ކަޅުސޮރު

19-May-2020

މަށަޢް ހީވަނީ މިވާހަކައިގަ އެ އުޅޭ ޝާއިރާ އާޢި އައިޝާ ހިންދީ ޑުރާމާތައް ވަރަށް ބަލާ ދެމީހުން ހެން އެހެން ނޫންނަމަ އެ ނުބައިބރޭވުން ރާވާކަށް ނޭނގުނީސް


-6

ސައިފު

19-May-2020

މިހާރު މިވާހަކަ ދުވްހަކު ދެފަހަރަށް ލާންވެއްޖެނޫންތަ ؟ މައަނބި ގޮެއްޔެ ހޭލާ އެބަހުރޭ ވަހަކަ ލަންދެން ތިޔަރަސް އޮންލައިން އަށް ވަދެ


8

އަރޫޝާ

19-May-2020

މީ ވާހަކަ ވާނެ އަހަރެންނަށް ކިޔުނު އެއްމެ ރީތި އެއް ދިވެހިވާހަކައަށް ވަރަށް ފުރިހަމަ


21

މޮހޮދޭ

19-May-2020

ދެންވާނީ ކިހިނެއްބާ ޢައިޝާ ބަނޑު ބޮޑު ވަނާތަ ކަޑަ ނަހަދައްޗޭ


14

ސަމަން

19-May-2020

ޝާއިރާ އަށް ވުރެން އަރާހުރި އަންހެނެއްތާ މި އައިޝާ އަކީ އެ ހިންގާލި ޖަރީމާ އެއް ބަލާބަ


24

ސަ,މާ

19-May-2020

ވަރަށް ސަޅި މިބައިވެސް މާދަމާރެ އަށް އިންތިޒާރުބކުރާނަން



ޓްރެންޑިން