12 ވަނަ އެޕިސޯޑް

==========

އެވަގުތު އިލްޔާސްގެ ސިކުނޑިއަށް ރަނގަޅު ވިސްނުމެއް ވެރިވިއެވެ. އޭނާ މަޑުމަޑުން ނާއިލާއި ނާޒިމާއާ މަޝްވަރާ ކުރުމަށްފަހު، ނާއިލް ގޮވައިގެން އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އިލްޔާސް ގޮސް ވަނީ އޭނާއާއި ޝާޢިރާ އުޅޭ ކޮޓަރިއަށެވެ. އޭނާ އެކޮޓަރިއަށް ވަން ވަގުތަކީ، ޝާޢިރާއަށް ހޭލެވުނު ވަގުތެވެ.

[އިލްޔާސް މިގަޑީގައި ކޮންތާކުން؟] އިލްޔާސް ބޭރުން އައިސް ވަނީމާ ޝާޢިރާ އެއްސެވެ.

[މިއައީ ނާޒިމާގެ ކޮޓަރިން. ފަންޑިތަ ހަދާހަދާވެސް ވީކަމެއް ނެތެއްނު. އަދިވެސް ނާޒިމާއަކަށް ވާހަކައެއް ނުދެއްކޭ. ޝާޢިރާދޭބަލަ، ނާޒިމާއަށް ބޭސްދީފައި އަންނަން. އެތާނގައި ފެންވެސް ހުރީ ހުސްވެފައި.] އިލްޔާސް އެނދުގައި އޮށޯންނަމުން މިހެން ބުނީމާ ފިސާރި އުފާވެފައި ހުރެމެ، ޝާޢިރާ އެތަނުން ނުކުމެއްޖެއެވެ. ޝާޢިރާ ފުރަތަމަ ގޮސްވަނީ އެގޭގައި ހުންނަ އޭނާ އެކަނި ހުޅުވާ ކޮޓަރިއަށެވެ. އެތަނުން ކުޑަވަރެއްގެ ބޭސްފުޅިއެއް ހިފައިގެން އަދި ފެންވެސް ހިފައިގެން އޭނާ މިޞްރާބުޖެހީ ނާޒިމާގެ ކޮޓަރިއާ ދިމާއަށެވެ.

އޭނާ އެކޮޓަރިއަށް ވަންނަންދެން ދުރުގައި މަންޒަރު ބަލަން އިލްޔާސް ހުއްޓެވެ.

[ނާޒިމާ....ހިނގާ ބޭސްބޮމާ....ޒޭނާ ނެތީމާ މިކަން މިއޮތީ އަހަންނަށް ޖެހިފައި...ނާޒިމާ....އަހަރެން އަބަދުވެސް ބުނަމެއްނު....ތިޙާލުގައި އުޅުމަށްވުރެން އަހަރެމެންގެ ޙަޔާތުން ދިޔައްޔާ މާރަނގަޅުވާނޭ. ކަލޭ ހިތުން އަހަރެން ބޭޒާރު ކޮށްލަން އުޅުނީ....އަހަރެން މިއީ ކާކުކަން އަދިވެސް ދަސްނުވާތީތަ؟ މިރޭ އަހަރެން މިއައީ އިލްޔާސް ފޮނުވައިގެން މިބޭސް....މިޒަހަރު ފުޅި....ކަލެއަށްދޭން....] މިހެން ބުނެފައި ޝާޢިރާ މަލާމާތުގެ ފާޑަކަށް ހީނގެންފިއެވެ. އެއަށްފަހު އޭނާ ޒަހަރުފުޅީގެ މަތިގަނޑު ނައްޓާލުމަށްފަހު، ނާޒިމާ އޮތް އެނދާ ދިމާއަށް ގުދުވެލިއެވެ.

އޭރު އެކޮޓަރިތެރޭގައި އިލްޔާސާއި ނާއިލްގެ ދެބަފައިން ތިއްބެވެ. ނާއިލްގެ އަތުގައި ސިޓީއުރައެއްވެސް އޮތެވެ.

ޝާޢިރާ އެނދާ ދިމާއަށް ގުދުވެލީމާ، ނާޒިމާ ހިނިތުންވެލިއެވެ.

[ބަލަ އަހަރެން ކަލެއަށް ޒަހަރުދޭން އުޅޭއިރުވެސް ކަލޭ ބިރެއްވެސް ނުގަނޭތަ؟] ނާޒިމާ ހިނިތުންވެލީމާ، ޝާޢިރާ ކުޑަކޮށް ހުއްޓުންއެރިއެވެ.

[ކުޑަކޮށްވެސް ބިރެއްނުގަނޭ....] ޝާޢިރާ ސިއްސައިގެންދިޔައީ، އޭނާއާ ދާދި ގާތުން އިވުނު އިލްޔާސްގެ އަޑުންނެވެ. ލިބުނު ސިހުމާއެކު، ޝާޢިރާގެ އަތުން ފުޅި ދޫވެގެން ކޮޓަރި ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.

[އިލް....އިލް..ޔާ...ސް.....] ޝާޢިރާ ބިރުން ތުރުތުރުއަޅަން ފެށިއެވެ.

[ޚަބަރުދާރު....ޝާޢިރާ...އަހަރެންގެ ނަންވެސް ކަލޭގެ ދުލުން ކިޔައިގެން ނުވާނެ. ކަލޭތީ އިންސާނެއްގެ ސިފައިގައި ހުއްޓަސް، އިންސާނެއްވެސް ނޫން...] އިލްޔާސް ހޫނު އެތިފަހަރެއް ޝާޢިރާގެ ކަންކަށިމަތީގައި ޖެހިއެވެ.

[އިލްޔާސް....] އިލްޔާސް ޝާޢިރާގެ މޫނުމަތީގައި ޖެހީމާ، ނާޒިމާ ބޭނުންވީ އިލްޔާސް ހުއްޓުވާށެވެ.

[އެއްވެސް މީހަކު މިވަގުތު އަހަރެން ނުހުއްޓުވާތި. އަހަރެން ބޭނުން މިނުލަފާ އަންހެނާ ކުރި ކުށުގެ ޙައްޤު އަދަބުދޭން. ނާޒިމާ މަޢާފް ކުރިޔަސް، އަހަރެން މަޢާފެއް ނުކުރާނަން.] އިލްޔާސް އަނެއްކާވެސް ޝާޢިރާގެ މޫނުމަތީގައި ހޫނު ބޮނޑިއެއް އެޅިއެވެ. ހިތަށްކުރި އަސަރާއެކު، އޭނާގެ ދެލޮލުން ކަރުނައައެވެ. އެވަގުތު ޝާޢިރާގެ ދެކުދިން ކަމުގައިވާ ނާއިޝްއާއި ނަޝާވެސް އެތަނަށް އައިސް ހުއްޓިއްޖެއެވެ.

އިލްޔާސް ޝާއިރާގެ މޫނުމަތީގައި ޖެހި މަންޒަރު ފެނުމުން، ނާއިޝް ގާތަށް ރުޅިވެސް އައެވެ. ނަމަވެސް، އޭނާ ރުޅި ކޮންޓްރޯލް ކޮށްގެން ހުރީ އޭނާއަކީވެސް މަންމަގެ ކުށް ކުރުމުގައި ބައިވެރިވެފައިވާ މީހަކަށްވާތީއެވެ.

[އަހަންނަށް މަޢާފްކުރޭ...އިލްޔާސް...އަހަރެން ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން...އާދޭސް ކުރަން. އަހަންނަށް މަޢާފްކުރޭ....] ޝާޢިރާ ބާރުބާރަށް ރޮމުން ތިރިވެ، އިލްޔާސްގެ ދެފައިގައި ހިފެހެއްޓިއެވެ.

އޭރު އެއްޗެކޭ ނުބުނެ ހުއްޓަސް، ނާއިލްވެސް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އޭނައަކަށްވެސް ޝާއިރާއަކަށް މަޢާފެއް ނުކުރެވޭނެއެވެ.

އެހެން ނަމަވެސް އޭނާ އަދި އޭނާގެ އަތުގައި އޮތް ސިޓީއުރަ، ބައްޕަގެ އަތަކަށް ނުދެއެވެ. މިވަގުތު އެސިޓީއުރަދީގެން، އޭގައި ހުރި ކަންކަން ހާމަވެއްޖެނަމަ، ބައްޕަގެ ރުޅި މާބޮޑަށްވެސް ކޮންޓްރޯލުން ނައްޓާނެކަން އޭނައަށް އެނގެއެވެ.

އޭރު ވާނުވާ ނޭނގިފައި ނަޝާ ހުރީއެވެ.

[ބައްޕާ...އަޅެ ކިހިނެއްތަވީ...ވެގެން އުޅޭ ގޮތެއް ސިއްރުނުކޮށް އަހަރެން ގާތުވެސް ބުނެބަލަ. އަހަރެންނަށް ސިއްރުނުކޮށް ބުނެބަލަ. ބޮޑުމަންމާ...އަޅެ ބުނެބަލަ...] ނަޝާ އައިސް ނާޒިމާ އޮތް އެނދުގެ މަގަތުގައި އިށީނދެ، ނާޒިމާގެ އަތުގައި ހިފަހައްޓާލިއެވެ.

[ދަރިފުޅާ ނަޝާ...ދަރިފުޅުމެންގެ މިމަންމަގެ ސަބަބުން ދަރިފުޅުމެންވެސް ލަދުވެތިވާނެ. އެއީ އަނިޔާވެރި، ރަޙުމްކުޑަ މަންމައެއް.] ނަޝާއަށް ޖަވާބުދިނީ އިލްޔާސެވެ. އިލްޔާސް ހުރީ ދުވަހަކުވެސް ނާންނަވަރަށް ރުޅިއައިސްފައެވެ.

[ކަލޭ، ކަލޭގެ މުދަލެއް ހުރިއްޔާ ހިފައިގެން ހަމަ މިހާރު މިގެއިން ނުކުމޭ. ކަލޭގެ ޙައްޤު އަދަބެއް ނޫން އެއީކީވެސް. އެކަމަކު މިތިބަ ދަރިންގެ ޙައްޤުގައި އަހަރެން ކަލޭ ފުލުހުންނާ ޙަވާލެއް ނުކުރާނަން.] އިލްޔާސް، ޝާޢިރާ އޭނާގެ ދެފައިގައި ހިފެހެއްޓީމާ ފޮޅުވާލިއެވެ.

އެވަގުތު ނާއިލް އެންމެފަހުން ބައްޕައަށް ފަރުވާދިން ޑޮކްޓަރ ދިން ރިޕޯޓް ބައްޕަގެ އަތަށް ދިނެވެ. އިލްޔާސް މިއީ ކޯއްޗެއްހޭ އަހާލުމަށްފަހު، ސިޓީއުރައިގެ އެތެރޭގައިވާ ރިޕޯޓް ކިޔަން ފެށިއެވެ.

އެރިޕޯޓް ކިޔާ ނިމުނުއިރު، އިލްޔާސްގެ ދެލޯ ހުރީ ބޮޑުވެފައެވެ. އޭނާގެ ބޮލަށް ހީވީ އެނބުރުން އެރިހެންނެވެ. މަޑުމަޑުން އޭނާ ބިންމައްޗަށް ތިރިވިއެވެ.

[ބައްޕާ...ބައްޕާ....] އިލްޔާސް އަރިއަޅާލަންދިޔަ ވަގުތު ބައްޕަގެ ގައިގައި ހިފެހެއްޓުނީ ނާއިލާއި ނަޝާއާ ދެކުދިން އެކީގައި ކަހަލަ ގޮތަކަށެވެ.

ޙަޤީޤަތުގައި އެރިޕޯޓްގެ ސަބަބުން އިލްޔާސަށް ލިބުނުވަރުގެ ހިތްދަތިކަމެއް އަދި މިހާތަނަކަށް ލިބިފައެއް ނުވެއެވެ.

[އަހަރެން މިއީ ކިހާބޮޑު ނިކަމެއްޗެއް. އަށާރަ އަހަރަށްވުރެން ގިނަ ދުވަސް ވެގެން ދިޔައީ، ބޮޑު އޮޅުވާލުންގަނޑެއްގެ ތެރޭގައި....] އޭރު އިލްޔާސް މޭގައި އަތް އަޅައިގެން އޮވެ ރޮމުން ދަނީއެވެ.

[ބައްޕާ....ދެން މާބޮޑަށް ތިކަމާ ނުވިސްނަބަލަ.] ނާއިލް އެކޮޓަރިތެރޭ ހުރި ސޯފާގައި ބައްޕަ ބާއްވާލުމަށްފަހު ފަރުވާދޭން ފެށިއެވެ.

[ދަރިފުޅާ...އޭނާ ގާތު....އަހާބަލަ...މިދެކުދިންގެ ބައްޕައަކީ ކާކުހޭ؟ ސުވާލުކޮށްބަލަ. ބައްޕަގެ ގައިގައި އިތުރަށް ސުވާލުކުރާނެ ހިތްވަރެއް ނެތް.] ޙަޤީޤަތުގައިވެސް މިހާރު އޭނާގެ އެއްވެސް ހިތްވަރެއް ނެތެވެ. ނަމަވެސް، އޭނާގެ އެއަޑު އިވުމުން ޝާޢިރާގެ ދެކުދިންނާއި ނާޒިމާއަށްވެސް ލިބުނީ ބޮޑު ޙައިރާން ކަމެކެވެ.

ޝާޢިރާ އިތުރަށް ފަޟީޙަތްވިއެވެ. އޭނާގެ ބަސްހުއްޓި ގަނޑުވިފަދައެވެ. އެއީ ޒަމާނަކުންކުރެ ޒަމާނެއްގައިވެސް ފާޅުވާނެ ކަމަށް އޭނާ ނިންމައިގެންހުރި ސިއްރެއް ނޫނެވެ.

[ބައްޕާ...އިހަށް ހިތްވަރުކޮށްބަލަ. ބައްޕަގެ ޠަބީޢަތު ރަނގަޅުވެގެން ނޫނީ، އެއްވެސް ސުވާލެއް، އެއްވެސް މީހަކާ ނުކުރެވޭނެ.] ނާއިލް ބައްޕައަށް ފަރުވާދެމުން ވާހަކަ ދެއްކިއެވެ.

[ނޫން....ދަރިފުޅާ ހަމަ މިހާރު ޝާޢިރާއާ ސުވާލުކުރޭ. ޝާޢިރާ ކީއްވެތަ އަހަރެން ހީކުރިކަހަލަ މީހަކަށްނުވީ.....މިއަދު އަހަންނަށް ލިބިފައި މިވަނީ ކިހާ ބޮޑު ހިތްދަތިކަމެއް...ދަރިފުޅާ ވަގުތުން ވަގުތަށް ކުށްވެރިޔާއަށް އަދަބު ލިބެންވާނެ.] އިލްޔާސް ހިތްވަރުކޮށްފައި ތެދުވިއެވެ. އިލްޔާސް ތެދުވުމާއެކު ޝާޢިރާ ފަހަތަށް ޖެހެން ފެށިއެވެ.

[ޝާޢިރާ...މުޑުދާރު އަންހެނާ...ކަލޭ ފަހަތަށް ޖެހޭނެ ކަމެއްނެތް. ހަމަ މިހާރު ބުނޭ.....މިތިބަ ދެކުދިންގެ ބައްޕައަކީ ކާކުތަ؟] އިލްޔާސްގެ އަޑު ނިކަން ބާރެވެ.

[މަޢާފްކުރޭ....ތިދެކުދިންވެސް މިމަންމައަށް މަޢާފްކުރޭ....ތިދެކުދިންގެ ބައްޕައަކީ....އިލްޔާސެއް ނޫން...އާނ...ތިދެކުދިންގެ ބައްޕައަކީ މުޙްސިން....] އިސްޖަހާލައިގެން ހުރެ ޝާޢިރާ މިހެން ބުނެފައި ފަހަތަށް ޖެހެން ފެށިއެވެ.

[ޚަބަރުދާރު ޝާޢިރާ! ކަލޭގެ މުޑުދާރު ދުލުން ދެން އަހަރެންގެ ކުރިމަތީގައި އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ....ކަލޭގެ ދަރިން ގޮވައިގެން ހަމަ މިހާރު ކަލޭ މިގެއިން ނުކުމޭ...މީގެފަހުން އަހަރެން ފެންނަ ހިސާބަށް ކަލޭ އައިސްގެންވެސް ނުވާނެ.] އޭރު ނަޝާވެސް ރޮނީއެވެ.

[މަންމަ ތިއީ ކޮންކަހަލަ އަންހެނެއްތަ؟ މަންމަގެ ސަބަބުން އަހަރެމެނަށް މިލިބުނީ ކިހާބޮޑު ނިކަމެތި ކަމެއް.] ނަޝާ ބާރުބާރަށް ރޯން ފެށިއެވެ.

[ޝާޢިރާ ކަލޭ ކައިރި ނުބުނަންތަ، މިގެއިން ނުކުންނާށޭ. ކަލޭގެ ދަރިން ގޮވައިގެން ހަމަ މިހާރު މިގެއިން ނުކުމޭ.....] އިލްޔާސް ޝާޢިރާ ކޮޓަރިން ބޭރަށް ކޮއްޕާލިއެވެ. އެވަގުތު ނާއިޝް މަންމައަށް އަނިޔާ ނުކުރާށޭ ބުނެފައި، އިލްޔާސާ ދިމާއަށް ދެލޯ އަޅާލުމަށްފަހު، މަންމަގެ ގައިގައި ހިފެހެއްޓިއެވެ. އޭރު ރޮމުން ގިސްލަމުން ނަޝާވެސް އެކޮޓަރިން ނުކުންނަނީއެވެ.

[މިއަދުން ފެށިގެން އަހަރެންގެ ބައްޕަ ގެއްލުނު ގޮތަށް މަންމަވެސް އަހަރެންގެ ޙަޔާތުން މަރުވެއްޖެ.] ގިސްލަމުން ގިސްލަމުން ނަޝާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

[ނަޝާގެ މަންމަ މަރެއް ނުވާނެ. ނަޝާ މަޑުކުރޭ. ތިއީ މިމަންމަގެ ދަރިއެއް...] ނަޝާ ހުއްޓުނީ ނާޒިމާގެ އަޑުންނެވެ.

އޭރު ނާޒިމާ ހުރީ އެނދުން ތެދުވެ ކޮއްޅަށެވެ. އެއީ ފާއިތުވެދިޔަ އަށާރަ އަހަރު ދުވަސްތެރޭ ހުރިތަނުން ނާޒިމާ އަމިއްލައަށް ތެދުވި ފުރަތަމަފަހަރެވެ. ވުމާއެކު، އިލްޔާސާއި ނާއިލް އަދި ނަޝާއަށްވެސް ލިބުނީ ވަރަށްބޮޑު އުފަލެކެވެ.

ނަޝާ މަޑުމަޑުން ނާޒިމާއާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު ނާޒިމާ ހުރީ ނަޝާއާ ދިމާއަށް ދެއަތް ދިއްކޮށްގެނެވެ. ނަމަވެސް، ނަޝާ ނާޒިމާއާ އަރާ ހަމަކޮށް، އެދެއަތުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ކުޑަކޮށް މަޑުޖެހިލިއެވެ.

ވެދާނެއެވެ. އޭނާގެ މަންމަގެ ނުބައިކަމުގެ ދަލުގައި ބޮޑުމަންމައަށް ދިމާވި ހިތްދަތިކަމާއެކު، އޭނާ ލަދުވެތިވެ ފަސްޖެހުނީއެވެ. ޙަޤީޤަތުގައި އޭނާގެ މަންމަގެ ސަބަބުން ނާޒިމާގެ ޙަޔާތުގެ ގިނަ ދުވަސްތައް ވޭތުކޮށްފައިވަނީ ކަނު އަނދިރީގެ ތެރޭގައެވެ.

ނަމަވެސް ﷲގެ ރަޙްމަތްފުޅާއެކު، މިއަދު ނާޒިމާގެ ޙަޔާތަށް މިވަނީ އަލުން އަލި ވިލިފައެވެ. ޢާއިލާގެ ލޯތްބާއި އޯގާތެރިކަން ލިބުނު ކަމުގައިވިޔަސް، އޭނާގެ ފަރާތުން އޭނާގެ ދަރިފުޅަށް ލިބެންޖެހޭ އޯގާތެރިކަމާއި ލޯބި ދިނުމުން މަޙްރޫމްވެފައިވާ ހާލުގައި ހޭދަވި ދުވަސްތަކަކީ މިއަދަށްފަހު އޭނާގެ ޙަޔާތުގެ ހިތި މާޒީއެވެ.

[ފަސްނުޖެހޭ ދަރިފުޅާ...މިދެއަތުގެ ތެރެއަށް އައިސް، މިމަންމަގެ މޭގައި ބޮނޑިވެލަން އާދޭ. މިމަންމަ ނާއިލެކޭ އެއްފަދައިން، ތިދަރިފުޅަށް ލޯބިދޭނަން. ތިދަރިފުޅަށް ޝާޢިރާގެ ލޯބި އުނިވިޔަސް، މިމަންމަގެ ލޯތްބާއި އޯގާތެރިކަން ދަރިފުޅަށް ލިބޭނެ.] ނާޒިމާ މިހެން ބުނުމާއެކު، ނަޝާ ރޮމުން ގިސްލަމުން ނާޒިމާގެ ދެއަތުގެތެރޭގައި ބޮނޑިވެލިއެވެ.

އޭރު ނާއިލް ހުރީ ނުހަނު އުފަލާއެކު އެމަންޒަރު ބަލަން ކަމުގައި ވިޔަސް، އިލްޔާސް ހުރީ ގަނޑުވެފައެވެ. އުފަލެއް ލިބުނުއިރު އޭނާއަށް ލިބިފައިވަނީ ދިރިއުޅުން މަތިން މުޅިން ފޫހިވާފަދަ ހިތްދަތި ކަމެކެވެ. އޭނާގެ ލޮބުވެތި ދެކުދިން ކަމުގައި ދެކެމުން، ލޯބިދެމުން އައި ދެބެން މިއަދު މިވީ އޭނައާ އެއްވެސް ގުޅުމެއްނެތް ދެކުދިންނަށެވެ. ހަމަގައިމުވެސް އެއީ އޭނާ ހުވަފެނަކުންވެސް ދެކެން ބޭނުންވި ދުވަހެއް ނޫނެވެ.

ނާއިލެކޭ އެއްފަދައިން ނާއިޝްއާއި ނަޝާއަކީވެސް އޭނާ ނުހަނު ލޯބިން ބަލައި ބޮޑުކޮށްފައިވާ ދެބެންނެވެ. ނާއިޝް ނާއިލާ މިޒާޖް ތަފާތުވިޔަސް، އޭނާ ބައްޕައެއްގެ ޙައިޘިއްޔަތުން އެއްވެސް ކުއްޖަކަށް އެއްވެސް ކަމެއް އުނިކޮށްފައެއް ނުވާނެއެވެ.

އެތައްއިރެއްވީއިރުވެސް ނަޝާ، ނާޒިމާގެ ހަށިގަނޑުގައި ބައްދައިގެންހުރެ ރުޔެވެ.

[މަންމާ...އަހަރެންގެ މަންމަގެ ކުށަށް އަހަރެން މަޢާފަށް އެދެން. އެނގޭ އެވަރުގެ ނުބައި ޢަމަލަކަށް މަޢާފް ނުކުރެވޭނެކަންވެސް...މަންމަ ކުރީކީ އެންމެ ފާފައެއް ދެފާފައެއް ނޫން. ކުށްތައް މަތިމައްޗަށް ކުރަމުން އައިސްފައިވަނީ.] ނަޝާ ރޮމުން ގިސްލަމުން ވާހަކަ ދެއްކިއެވެ.

އެދުވަހަކީ ނާއިލާއި ނާޒިމާއާ ދެމައިންގެ ޙަޔާތަށް އައި އުފާވެރި ދުވަހަކަށްވީއިރު، ލިބުނު ހިތްދަތިކަން އިލްޔާސަށްވީ ބޮޑު ބައްޔަކަށެވެ.

[ނާޒިމާ، އަހަރެން ވަރަށް ދެރަވޭ، ނާޒިމާއަށް ޢާންމު ޙާލަތަށް އާދެވުނުއިރު، ތިއުފަލުގައި ފުރިހަމައަށް ބައިވެރިވުމުގެ ހިތްވަރު މިއަދު އަހަންނަށް ލިބިފައިނުވާތީ.....] އެދުވަހު މެންދުރުވަމުންދިޔަ ވަގުތު އިލްޔާސް، ނާޒިމާއާ ވާހަކަ ދެއްކީ ނާޒިމާގެ ގާތުގައި ކޮޓަރީގައި ހުރެއެވެ.

[ދެން އެކަންތައްތައް ހަނދާން ކޮށްފައި ހިތާމަ ނުކޮށްބަލަ. އިލްޔާސް ނަޝާއާއި ނާއިލް އެތިބީ އިލްޔާސާއެކު. ނާއިޝްއަކީ އޭނާގެ މަންމަގެ މިޒާޖް ލިބިފައިވާ، އެމަންމަ ކަހަލަ އަނިޔާވެރި ކުއްޖެއް...] ނާޒިމާ ފުރަތަމަފަހަރަށް ނާއިޝްގެ ޙަޤީޤަތް އިލްޔާސަށް ކިޔައިދޭން ފެށިއެވެ.

[ކީކޭ!؟ ނާއިޝްވެސް އޭނާގެ މަންމަގެ މަސައްކަތުގައި ބައިވެރިވަނީތަ؟] އިލްޔާސް އެއްސެވެ.

[އާނ...ވަރަށް ބޮޑަށް. ޝާޢިރާގެ ރޭވުންތައް ތަންފީޒު ކުރަން އޭނާ މަސައްކަތް ކުރި....އާނ...އަހަރެން މަރާލަންވެސް މަސައްކަތް ކޮށްފައިވޭ. އޭނާ ގަދަކަމުން އަހަންނަށް ޒަހަރުދޭން އުޅެނިކޮށް އަހަރެން ސަލާމަތްކޮށްދިނީ ނަޝާ.....ނަޝާ އެދުވަހު އޭނައާ ދިމާއަށް ވަރަށް އެއްޗެހިކީ. ނަޝާއަކީ އަބަދުވެސް އަހަންނަށް ހެޔޮއެދޭ ކުއްޖެއް.] ނާޒިމާ ފުރަތަމަފަހަރަށް ނާއިޝްގެ ޙަޤީޤަތް އިލްޔާސަށް ކިޔާދިނެވެ. އެއީ އެކޮޓަރިއަށް ނަޝާވެސް އައިސް ވަން ވަގުތެވެ.

[ދަރިފުޅާ ނަޝާ، ކީއްވެތަ ދަރިފުޅު ބައްޕަ ގާތު ނާއިޝްގެ ވާހަކަ ނުބުނީ....ކީއްވެތަ؟] ނަޝާ އައިސް ވަނީމަ އިލްޔާސް އެއްސެވެ.

[ބައްޕާ...އެދުވަހު އަހަރެން އޭނައަށް ވަރަށް ނަޞޭޙަތްތެރިވިން. އޭނާ ދެވަނަފަހަރަށް އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް ވަޢުދުވީމާ، އަހަރެން ނުބުނީ. އެދުވަހު ބައްޕަ ގާތު ނުބުނެވުނީތީ، އަހަރެން މަޢާފަށް އެދެން.] ނަޝާގެ ދެލޯ ފެންކަޅިވިއެވެ.

[އެންމެ ރަނގަޅު ދަރިފުޅާ...ބައްޕަ ދުވަހަކުވެސް ދަރިފުޅު ދޫކޮށެއްނުލާނަން. ދަރިފުޅުގެ މިހުރި މަންމަވެސް ދަރިފުޅަށް ލޯބިދޭނެ. އެކަމަކު ދަރިފުޅު ބައްޕައާ ވަކިވާ ދުވަހެއް އަތުވެއްޖެނަމަ، ބައްޕަ ވަރަށް ދެރަވާނެ.] އިލްޔާސް ނަޝާ ގެނެސް، އޭނާއާ ގާތްކޮށްލިއެވެ.

[އަހަރެންގެ ބައްޕައާއި މަންމައަކީ ތީ. ދުވަހަކުވެސް އަހަރެން މަންމައާއި ބައްޕައާ ވަތްކެއް ނުވާނަން.]

ޝާޢިރާއާއި ނާއިޝް މާލޭގެ އެންމެ ހަލަބޮލި މަގުތަކުން ހިނގަމުން އެދަނީ، އެހީތެރިކަން ފޯރުކޮށްދޭނޭ މީހަކު، އެއްވެސް ދިމާއަކުން ފެނޭތޯއެވެ. ނަމަވެސް އިރުއޮއްސެން ދިޔައިރުވެސް އޭނައަށް އެހީތެރިކަން ފޯރުކޮށްދޭނޭ މީހަކު ދިމައެއްނުވިއެވެ.

އޭނާގެ އަތުގައި އޮތް މޯބައިލް ފޯނުގެ ޗާޖް ނެތުމުގެ ސަބަބުން މުޙްސިނާ ގުޅޭނެ ގޮތެއްވެސް ނުވިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


14

ޝާނާ

11-May-2020

ވަރަށް ސައުގުވެރިވާހަކަ އެއް ޑުރާމާ ސިލްސިލާ އަކަށް ހަދައިލަން ވަރަށްފައްކާވާނެ


37

ހަސަނު

11-May-2020

ރީތި ދިވެހިވާހަކަ އެއް އަދި މި ކިޔެނީ ކުރިން ގަބޫލެއް ނުކުރަން ރީތިދިވެހި ވާހަކަ ހުންނަ ކަމަކަށް މި ވާހަކަ އޮބި ނޯވޭ


3

ހުސާމް

11-May-2020

ސަޅި ވާހަކަ އެއް މަ މި ސައިޓަށް މި ވަންނަނީ ވާަހަކަ ކިޔަން ހުވާ


20

ސަރުމީލާ

11-May-2020

އަހަރެން ކީ އެއްމެރީތި ދިވެހި އެއްވާހަކަ މީ ކިޔާހިތުންއިންދާ ނިމެނީ


14

ސަމާ

11-May-2020

ވަރަށް ރީތި ވާހަކަ އެއް



ޓްރެންޑިން