އައްޑޫ ސިޓީއަކީ މާލޭ ފިޔަވައި ދެން ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އަތޮޅެވެ. ރާއްޖޭގެ އެވޭލާ ޒަމާނުގެ ތަޢުލީމާ ތަރައްގީގެ މައި ހަބެވެ. އައްޑޫސިޓީއަކީ އެއް އިރެއްގައި ދުނިޔޭގެ ސުޕަރ ޕަވަރގެ ދަރިއެކެވެ. އެއީ އެކަމަކު ތާރީޚެވެ. ނަމަވެސް މިއަދުވެސް އައްޑޫގައި ވިޔަފާރި ވެރިންނެއްވެސް މަދެއް ނޫނެވެ. ތަޢުލީމާ ތަރައްގީވެސް ވަކިން ދަށެކޭ ނުދެންނެވޭނެއެވެ.

ވެރިރަށް މާލޭގައި ވެސް އެއް އަތޮޅަކުން އެންމެ ގިނަ ވާނީ އައްޑޫގެ ދަރީންގެ ވިޔަފާރިތަކޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މިދެންނެވި ވިޔަފާރި ވެރިންގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ތިއްބެވީ މާލެއިން ގެދޮރު ބައްލަވައިގަނެގެން މާލޭގެ ރަށްވެހިންނަށް ވެފައި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިހަގީގަތް މާލޭގެ ތާރީޚަކުން ބަދަލެއް ނުކުރެވޭނެއެވެ.

މިތާނގައި އެއްގޮތަކަށްވެސް ދައްކާން މިއުޅެނީ މާލެއާއި އައްޑޫގެ ވިޔަވާރިވެރިންނާއި ގުޅުން ހުރިވަރުގެ ވާހަކައެއް ނޫނެވެ. އަދި އައްޑޫގެ ތާރީޚީ ވާހަކައެއްވެސް ނޫނެވެ. އަދި މިދެ ސިޓީގައި ހުރި ތަފާތެއްގެ ވާހަކައެއްވެސް ނުމެނޫންމެއެވެ.

ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯރަނާވައިރަހުގެ އަސަރު މިއަދު މިވަނީ މާލެއިން އެންމެ ދެކުނުގައި އޮތް އައްޑޫސިޓީއަށްވެސް ފޯރާފައެވެ. މިނުރައްކާތެރި ރޯގާ އަރައިފި ތަނަކަށް ދެން ވާގޮތް މިތާގައި މިހާރު ލިޔާކަށް ނުވެސް ޖެހޭނެއެވެ. އެހާވެސް މި ރޯގާއަށް އަޅުގަނޑުމެންގެ ރައްޔިތުން ފަރިތަވާނެއެވެ.

މާލެއަށް މިރޯގާ އެރީ ނުވަތަ އަރާ ފެތުރެންފެށީ ދުނިޔޭގައި މިރޯގާ ފެތުރި ގައުމުތައް ފުރަބަންދުގެ ހާލަތުގައި އޮންނަތާ އެތައް ދުވަހެއް ފަހުންނެވެ. ދުނިޔޭގައި މިރޯގާއަށް ވާނުވާ ތަޖުރިބާކޮށް އެތަޖުރިބާގެ އަލީގައި މިކަމަށް ތައްޔާރުވާން ތިން ހަތަރުމަސް ލިބުނެވެ. ރޯގާގެ އަޑުގަދަވާ ވަރަކަށް އަޅުގަނޑުމެންގެ ސަރުކާރުގެ އިސްބޭބޭފުޅުންވެސް ގެންދެވީ މީޑިއާ މެދުވެރިކޮށް ދެއްވާ މައުލޫމާތު ތަކާއި ނޫސްކޮންފަރެންސްތައް އިތުރު ކުރަމުންނެވެ. ހަމަ އަރުއްވާ ކޮންމެ ވަޒީރަކުމެ ވިދާޅުވަނީ "އަޅުގަނޑުމެން މިދަނީ ތައްޔާރު ވަމުން" ކަމަށެވެ. އެންމެ ފަހުން މާލެއާއި ހަމައަށް ބަލި އައިއިރު އަޅުގަނޑުމެންގެ މިދެންނެވި ވަޒީރުން ތިއްބެވީ ނިކަން ރަނގަޅަށް ތައްޔާރުވެފައެވެ.

ވިދާޅުވީ "އަޅުގަނޑުމެން މިތިބީ އެންމެ ވާސްޓް ކޭސް ސިނާރިއޯއަށް ވެސް ތައްޔާރުވެގެން" ކަމަށެވެ. ކުރީކޮޅުގައި ކޯވިޑް މައުލޫމާތު ދޭން ބައްދަލު ކުރެއްވީ ޓޫރިޒަމް މިނިސްޓަރާއި ހެލްތު މިނިސްޓަރެވެ. އެއްބޭފުޅަކު ވިދާޅުވީ ކުރިން މިދެންނެވި ގޮތަށެވެ. އަނެއް ބޭފުޅަކު އިއްޔެއާއި ޖެހެންދެންވެސް އެވިދާޅުވަނީ "އަޅުގަނޑުމެން މިއޮތީ އެންމެ ގޯސް ނުރައްކާ ހާލަތަށް ވެސް ތައްޔާރު ވެފައި" ކަމަށެވެ.

ޓެސްޓް ކިޓޭ ބުނެ ނުނިމެނީސް ޓެސްޓް ކިޓް ވާވަރަށް އެބަހުރި ކަމަށް ވިދާޅުވެއެވެ. ވެންޓިލޭޓަރޭ ހަމަ ބުނާއިރަށް އެވެސް ހަމަ ހުންނާނީ މާލޭ ބަނދަރަށް ވަދެވަދެއެވެ. ކަރަންޓީނޭ ހަމަ ބުނާއިރަށް ހުރިހާ ރިޒޯޓުތައް ހުރީ ތައްޔާރަށް ކަމަށް ވިދާޅުވެއެވެ. ޕީޕީއީއޭ ބުނާއިރަށް އެހުންނަނީ މަދު ނުވާ ވަރަށް ސްޓޮކް ގައެވެ. ހޮސްޕިޓަލޭ އެނދޭ ބުނާއިރަށް އެއްވަޒީރަކު ވިދާޅުވި އަޑު އިވުނީ ފްލޯޓިންގ ހޮސްޕިޓަލެއް ވެސް ތައްޔާރަށް އޮތް ކަމަށެވެ.

ދެން އޮތީ މިހާރުގެ ނަތީޖާއެވެ. މިއަދު ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ހާހަކާއި ގާތް ކުރަނީއެވެ. އެންމެ ގޯސް ނުރައްކާ ހާލަތުގައި މިހާރު އޮތީ ރައްޔިތުން ގޭގައި ކަރަންޓީނުވާ ގޮތަށެވެ. ބަލީގެ ނުރައްކާ އަންދާޒާކުރާ ތަޖުރިބާކާރު ޑޮކްޓަރ ވިދާޅުވީ އެކަށީގެންވާ ވަރަށް ޓެސްޓް ނުކުރެވޭތީ ކަންބޮޑުވެވަޑައިގަންނަވާ ވާހަކައެވެ. ޓާސްކްފޯސް ކޮންމެ ރެއަކު ބައްދަލުވުންތައް ބާއްވަވައި ރައީސް ޞާލިހަށް ވަރަށް ހެއުކޮށް މައުލޫމާތު ދެއްވައެވެ. އެކަމަކު ޓާސްކްފޯހުން އެންމެ ފަހުން އެވިދާޅުވީ، ތަޖުރިބާކާރުން އެވިދާޅުވާ ވަރަށް ޓެސްޓް ކުރެވެން ނެތީ އެބޭފުޅުންގެ ތައްޔާރުވެފައި އޮތަސް ޓެސްޓްކުރާ މެޝިނާއި ޓެސްޓް ކިޓްވެސް މިހާރު ލިބުން ދަތީމާ ކަމަށެވެ.

ކުރިއަށް އޮތީ ބަލީގެ ހާލަތު އެންމެ ނުރައްކަލަށްދާ ދެ ހަފުތާއެވެ. އަތޮޅުތެރޭގައިއެދަނީ ބަލި ފެތުރެމުންނެވެ. އެންމެ ފަހުން އެންމެ ދެކުނުގައި އޮތް އެންމެ އާބާދީ ބޮޑު ރަށަށްވެސް ބަލި އެރީއެވެ. ތައްޔާރުވެފައި ހުރިވަރުންވެސް ކަންނޭގެއެވެ. މިއަދު އެސިޓީން އެވިދާޅުވަނީ އެބުނާ ޕީޕީއީ ނުވަތަ ފްރަންޓްލައިގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ފަދަ ބޭފުޅުންގެ ރައްކާތެރިކަމަށް ބޭނުންވާ ސާމާނުވެސް އެކަށީގެންވާ ވަރަށް ނެތް ކަމަށެވެ.

މިއަދު ހޮސްޕިޓަލަށް ބަލިވެގެން އަންނަ ކޮންމެ މީހަކީ ބަލިޖެހިފައި ހުންނާނެ މީހަކުކަން ބަލަން ޖެހޭނެކަން އަޅުގަނޑުމެންފަދަ އާދައިގެ ތަންދޮރު ނުދަންނަ މީހުންނަށްވެސް އެނގެއެވެ. އެކަމަކު އައްޑޫގެ މައި ހޮސްޕިޓަލްގެ އެތައް ޑޮކްޓަރުންނާއި ނަރުހުންނާއި އަދިވެސް އެދާއިރާގައި މަސައްކަތް ކުރާ އެތައް ބަޔަކު އެތިބީ ބިރުވެރި ކަމުގައި އެކަހެރި ވެގެންނެވެ. އެމީހުން މިހާލަތަށް ދިޔައީ އެބުނާ ބަލި މީހާއަށް ޚިދުމަތް ކުރުމުގައި ރައްކާތެރިވާން ވީ ވަރަށް ރައްކާތެރި ނުވެވިގެންތޯ ނުވަތަ އެބުނާ ޕީޕީއީ ނެތިގެންތޯ ނޫންނަމަ އަދި އެހަދާ އެސްއޯޕީގައި އޮތްގޮތުންތޯ، މިއީ ސާފުނުވާ ކަމެކެވެ.

ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ނިސްބަތަކީ އެންމެ ނުރައްކާ ހާލަތަށް ހިގައްޖެ ނަމަ މަދު އަދަދެއް ކަމަށް ތަޖުރިބާކާރުން އެބަ އަންދާޒާ ކުރެއެވެ. އެހެންވީމާ މިގޮތަށް ޑޮކްޓަރުންނާއި ނަރުހުން އެކަހެރިކޮށް ކަރަންޓީން ކުރާން ޖެހިއްޖެނަމަ އިސާހިތަކު އެމީހުންނަށް ޖެހި، ބޮޑުވެގެންވާ މުސީބާތަކަށް މިކަން ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ދެން އޮތީ އެންމެ ބޮޑަށް ތައްޔާރުވެފައި އޮތްކަމަށް ބުނާ ޓެސްޓް ހެދުމުގެ ވާހަކައެވެ. މާލެ ފިޔަވައި މި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި އަދި އެ ޓެސްޓެއް ހެދޭކަށްނެތެވެ. ތަރުޖަމާނާއި އެސުވާލު ކުރެއެވެ. ކޮންމެ ރެއަކުވެސް ލިބެނީ ހަމަ އެއްޖަވާބެކެވެ. ހުރިހާ ރަށެއްގައިވެސް ސާމްޕަލް ނަގާ ސާމާނު ހުންނާނެ ވާހަކައެވެ. ދެން އެ ސާމްޕަލެއް ނަގައިގެން ކޮންމެ ފަހަރަކު މަތިންދާ ބޯޓެއް ނޫނީ ހެލްތު މިނިސްޓަރ ރަށެއްގެ ހާލަތު ބައްލަވާލައްވަން ވަޑައިގެންނެވި ގޮތަށް، ކޮންމެ ސާމްޕަލެއް ކަނޑަށް ޖައްސާ ބޯޓެއް ކުއްޔަށް ހިފައިގެން މާލެ ގެންނާނީތާއެވެ. ނޫނީ މާލެއަށް އެ ސާމްޕަލް ގެނަސް ޓެސްޓްކޮށް ނަތީޖާ ލިބެންދެން އެމީހަކާއި އޭނާ ކޮންޓެކްޓްވީހެން ހީވާ ބަޔަކު ގޭގައި ތިބެންވީއެވެ.

ރާއްޖެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އެ ސަރަހައްދު ތަކުގައި ބައްޔަށް ޚާއްޞަ ފަރުވާދޭ އައިސީޔޫތަކާއެކު ހޮސްޕިޓާތައް ހަދާ ކަހަލަ ވާހަކައެއް ދެއްކިއެވެ. މިހާރު މިއޮތީ އެންމެ ބިރުވެރި ދުވަސްތަކާއި ކުރިމަތިލާން ޖެހިފައެވެ. އެހެންވިއްޔާ އެންމެ ގޯސް ހާލަތަށް ތައްޔާރުވެފައި ހުރިއްޔާ އެތަންތަން ވެސް މިހާރު ހުންނާނީ ނިމި ހިނގައިގެންފައި ތާއެވެ. ނަމަވެސް އައްޑޫސިޓީން ބުނަނީ އެސިޓީއަކު އެކަހަލަ ތަނެއް ތައްޔާރުވެފައި ނެތް ކަމަށެވެ.

އެހެންވީމާ މިއޮތީ ސަރުކާރުން އެވިދާޅުވާ އެންމެ ގޯސް ހާލަތަށް ތައްޔާރުވެނިމިފައެވެ. އައްޑޫ ސިޓީވެސް އެއޮތީ އެހާލަތަށް ތައްޔާރުވެފައެވެ. އެކަމަކު މިއަދު އައްޑޫ ސިޓީގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަނީ އެގޮތަކަށް ނޫނެވެ. އެބޭފުޅުން ގަބޫލު ކުރައްވަނީ ކޯވިޑް އޮނަވިއްސަށް ޓެސްޓް ކުރެވެން އައްޑޫސިޓީގައި ހުންނަން ވާނެ ކަމަށެވެ. އެރަށުން ބައްޔަށް ޝައްކު ކުރެވޭ މީހާގެ ސާމްޕަލް ނަގައިގެން ފްލައިޓެއް ޗާޓަރު ކޮށްގެން މާލެއަށް ގެނަސްގެން އެ ނަތީޖާ ލިބެންދެން ތިބެން ނުޖެހޭނެ ވާހަކައެވެ.

އަޅުގަނޑަށް މިހާތަނުން ކުއްލިއަކަށް ވިސްނުމަށް އައީ ސަރުކާރަށް މިކަން ނުވީ ކަމަށް ބަލާފައި ނަމަވެސް އައްޑޫސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މާލޭގައި ތިއްބެވި ކުރިން ދެންނެވި ވިޔަފާރިވެރިން އިސްނަންގަވައިގެން އެބޭފުޅުންގެ އާއިލާތަކާއި އެއްބަނޑު ތިމާގެ މީހުންނާއި ގާތް ރައްޓެހިންނާއި ރަށުގެ އާންމު ރައްޔިތުންގެ ހައްގުގައިވެސް އެންމެ ކުޑަމިނުން އެބުނާ ކަހަލަ ޓެސްޓް ހެދޭ މެޝިންގަނޑަކާއި ރަށަށް ވާވަރަށް ޓެސްޓް ކިޓްކޮޅެއް ގެނައި ނަމަ ހާދަހާވާ ރަނގަޅު ވީހެވެ.

އަޅުގަނޑު މިހެން މިދެންނެވީ މާލޭގެ މަޖީދީ މަގު އެއްކޮޅުން އަނެއް ކޮޅަށް ހިނގާލިޔަސް އައްޑޫސިޓީއަށް ނިސްބަތްވާ ވިޔަފާރިވެރިންގެ އަދަދު ހަމަ ފާހަގަ ވާހާ ގިނަވީމައެވެ. އަދި ރާއްޖެއަށް ބޭރުން މުދާ އެތެރެކޮށް އެމުދާ ގަނޑުކޮށް ވިއްކުމުގައިވެސް އެންމެ ކުރީގައިއުޅޭ ވިޔަފާރިވެރިންގެ ތެރޭގައި އައްޑޫސިޓީއަށް ނިސްބަތްވާ ނަންތަކެއް މަދު ނުވާނެތީ އެބޭފުޅުންނަށް އެކަން ކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވޭތީއެވެ. ހަމަގައިމުވެސް ބީއެޗްއެމް، ވީބީ، އޮންދިގޯ، ސަނީ، ދަމާސް، ސިމްޑީ، ފްރެޝްމާރކެޓް، ހެޕީމާކެޓް އަދި ފެންޓަސީ ފަދަ ނަންތަކަކީ މާލޭގެ ބާޒާރުމަތިން އަޑުއިވޭތާ ނުވަތަ ފެންނަތާ އެތައް ދުވަހެއްވީ މަޝްހޫރު ނަންތަކެކެވެ.

މީގެއިތުރުން މިގައުމުގެ ރަންބިސްއަޅާ ކުކުޅުގެ ވިޔަފާރިއޭ މިކިޔާ ފަތުރުވެރިކަމުގެ ވިޔަފާރީގައިވެސް ގުނާ ލެވޭ އައްޑޫސިޓީއަށް ނިސްބަތްވާ ނަންތަކެއް މަދެއް ނުވާނެއެވެ. އަލްޓާފް، ދަމާސް، ސިމްޑީ، ތްރީއޭ، ވީބީ، ޕްލެޓިނަމް، ސަންލޭންޑް، ފްރެޝްމާކެޓް، ޖޭ ހޮޓެލްސް، ހެޕީމާކެޓް އަދި އަލީ ޒާހިރު ތްރީ އެސް ފަދަ ނަންތަކަކީ އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ އައްޑޫސިޓީއަށް ނިސްބަތްވާ ދަރީން ހިއްސާވާ ވިޔަފާރިތަކެވެ.

މިނޫނަސް ގެސްޓް ހައުސް ވިޔަފާރިއާއި ޓްރަވަލް އެޖެންސީގެ ވިޔަފަރިއާއި މިހެންގޮސް އައްޑޫސިޓީގެ ދަރީންނަކީ މިރާއްޖޭގައި ވިޔަފާރީގެ ތަރައްޤީގައި ހިއްސާވާ ލިސްޓުގައި ހިމެނޭ އެންމެ ގިނަ ނަންތަކެވެ.

ދަންނަވަން މިއުޅެނީ އެބޭފުޅުން އެބޭފުޅުންގެ ރަށަށް މިހާރުވެސް ކަންކަން ނުކޮށްދެއްވާ ވާހަކައެއް ނޫނެވެ. އަދި އެބޭފުޅުންގެ ރައްޔިތުންނަށް އެހީ ނުވާ ވާހަކައެއްވެސް ނޫނެވެ.

ދަންނަވަން މިއުޅެނީ މިސަރުކާރުގެ ވަޒީރުންގެ ދުވެއްޔާ އެބޭފުޅުން އެވިދާޅުވާ ތައްޔާރީތަކުގެ ނަތީޖާ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުން މީގެތެރޭގައި ތިއްބެވިއިރު ސަރުކާރަށް ބަރޯސާނުވެ، ސަރުކާރުން އެވިދާޅުވާ ތައްޔާރީތަކުގެ ވާހަކަ އަޑު ނާއްސަވާ، އެބޭފުޅުން ގުޅިވަޑައިގެން އިސްނަންގަވައިގެން އެފަދަ މެޝިން ގަނޑެއް ރަށަށް ގެންގޮސް ރަށުގެ އެންމެން ޓެސްޓްކޮށްލެވޭވަރު ކޮށްލެވިފައި ހުރިނަމަ މިއަދު ހާދަހާ ރަނގަޅު ވީހޭ ހިތައް އަރާތީ އެވާހަކައެވެ. މިދަންނަވަނީ އެބޭފުޅުން ކޮންމެހެން މިކަން ކުރަން ޖެހިގެން ކުރާ ވާހަކައެއްވެސް ނޫނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެބުނާ މެޝިނެއްގެ އަގަކީ ވިއްސަކަށް ހާސް ޑޮލަރެވެ. ޓެސްޓް ކިޓެއްގެ އަގު އުޅޭކަމަށްވަނީ ފަސް ޑޮލަރުގައެވެ. އެހެންވީމާ އައްޑޫގެ 35 ހާސް އާބާދީ އެއްކޮށް ޓެސްޓްކޮށްލެވޭ ވަރަށްވެސް އެކަން ކޮށްލުމަކީ ނުކުރެވޭނެ ކަމެއް ކަމަކަށް ނުދެކެމެވެ. އަދި މިއީ އެސަރަހައްދުގައި ދިރިއުޅޭ އެތައް ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމަށްވެސް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާނެކަން ކަށަވަރެވެ.

އަޅުގަނޑުމެންގެ އެންމެންގެ ވެސް ދުޢާއަކީ މި ނުރައްކާތެރި ރޯގާ ބަލިމަޑުކަމުން އަޅުގަނޑުމެންގެ ރައްޔިތުންނާއި ޤައުމު އަވަހަށް ސަލާމަތްކޮށްދެއްވުމެވެ. މިޤައުމު ލޮކްޑައުންގައި މިހެން އޮވެ އަނެއް އާފާތަކަށް ހުށަހެޅި ދިއުމަށް މަގުފަހިވާނެ ދުވަހެއް ނުދެއްކެވުމެވެ.


ކިޔުންތެރިންގެ ހިޔާލު


13

މޫސާ

10-May-2020

އައްޑޫ ވިޔާފާރިވެރިންނަށް ނުވާވަރުގެ ކަމެއް ނޫން ތިބުނީ


21

ސައިދު

10-May-2020

ވަރަށް ރަނގަޅުލިޔުމެއް



ޓްރެންޑިން