ރައީސް ނަޝީދަށް ދިން ޙަމަލާ އާއި ގުޅިގެން ދަޢުވާކުރަން ފޮނުވާފައިވާ މީހުން
ރައީސް ނަޝީދަށް ދިން ޙަމަލާ އާއި ގުޅިގެން ދަޢުވާކުރަން ފޮނުވާފައިވާ މީހުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން، އެ ހަމަލާގެ މޭސްތެރިޔާ ކަމަށް ތުހުމަތުވާ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ތައްޔާރުވާން ފެށީ 2019 ވަނަ އަހަރު ކަމަށެވެ. އަދި ހަމަލާ ރޭވުމުގައި އިސްކޮށްއުޅުނު މީހާ ހައްޔަރުކޮއްފައިވަނީ މިއަދު އައްޑޫސިޓީން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. މިމައްސަލައިގެ ތަހުގީގަށް 103 ތަނެއް ބަލާ ފާސްކުރިކަމަށާއި، އޭގެ ތެރޭގައި ތަންތަނާ އުޅަނދު ފަހަރާއި މީހުން ހިމެނޭކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމަލާ ރޭވުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައި ވަނީ ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމް ކިޔާ މީހެކެވެ. އޭނާ އަކީ 2017 ވަނަ އަހަރު ވެސް ބޮމެއް ހަދަމުން ދަނިކޮށް ހައްޔަރު ކުރި މީހެކެވެ. ނަމަވެސް ކޯޓުން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ ދޫކޮށްލާފައެވެ.

"މީނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ހައްޔަރުކުރެވި ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބަންދުން ދޫކޮށްފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.

މިހާތަނަށް ތަހުޤީޤަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ޙަމަލާ ދިން އަދުހަމް އަހުމަދު ރަޝީދު ހުރީ ޖާނުން ފިދާވެގެންވެސް މިހަމާދޭން ތައްްޔާރުވެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސީޕީ ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދޭން އެންމެ ފުރަތަމަ ތައްޔާރުވީ 2019 ގައި ކަމަށެވެ. އެކަން ރާވައި 2020 ވަނަ އަހަރުގެ ތެޜޭގައި އަމަލީ މަސައްކަތް ފެށި ކަމަށާއި، އެގޮތުން މ. ޔާގޫތުގޭ ކައިރީގައި ސައިކަލެއް ބަހައްޓައިގެންވެސް ގޮއްވާލަން 4 ދުވަހެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ފަހުން މޭރީ ބްރައުން ސަރަހައްދުގައި ހުންނަ ޕާކިން ޒޯނުގައި ސައިކަލު ބަހައްޓައިގެން ހަމަލާ ދިނުމަށްވެސް ރޭވިއެވެ. އަދި މިއީ ރައީސް ނަޝީދަށް ޙަމަލާދޭން މަސައްކަތްކުރި ތިންވަނަ ފަހަރު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ހަމަލާދިން ސައިކަލްގައި ބޮން ހަރުކޮށްފައިވަނީ މެއި 3 ވަނަ ދުވަހު ހުޅުމާލޭ 106 ނަމްބަރު ފްލެޓް ކައިރީގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސައިކަލް އެސަރަހައްދަށް ގެނައީ ތަހުމީން ކަމަށާއި ބޮން ހިފައިގެން އެސަރަހައްދަށް އައީ އަލީ ހައިޝަމް ކަމަށް ފުލުހުން ބުންޏެވެ. އަދި ބޮން ހަރުކުރުމަށްފަހު ހަމަލާދިން ސަރަހައްދަށް ސައިކަލް ގެންދިޔައީ އިސްހާގު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ރައީސް ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ހަމަލާ ދީފައިވަނީ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް އާ ގުޅުން ހުރި ބައެއް ކަމަށެވެ. އަދި އެ ޙަމަލާ ރާވާ ހިންގުމުގައި އިސްކޮށް އުޅުނު 6 މީހެއްގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން މިރޭ ވަނަވަރު އާންމުކޮށްފައިވަނީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ކ. މާލެ ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކު، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވިގޮތުގައި ހަމަލާ ދިނުމަށް އެންމެ އިސް ދައުރެއް އަދާކުރައްވާފައިވަނީ ތަސްލީމް، އިސްހާގު އަދި އަލީ ހައިޝަމެވެ. ފުލުހުން ބުނީ ރައީސް ނަޝީދަށް ޙަމަލާ ދިނުމަށް އެމީހުން ނިންމާފައިވަނީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމަށް ފަހު، އަމިއްލައަށް އެމަނިކުފާނުގެ ލޭ ހުއްދަ ކޮށްގެން ކަމަށެވެ. އަދި އެ މީހުން ގަބޫލުކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށާއި، އެމީހުންނަކީ އައިއެސްގެ ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތްކުރާ ބައެއް ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން