ޞާދިރު ޢަލީދީދީ   7 ޖުލައި 2021 - 8:42
ބޯގަންވިލާ
ބޯގަންވިލާ
23 ވަނަ ބައި
................

"ސާރާ....ނުރޮއެ ސާރާ.....އަހަރުމެނަށް ލޭއަޅާ ކުއްޖެއްގެ ބަދަލުގައި ލޭ ބޯ ކުއްޖަކުވެސް ލިބިދާނެއެއްނު. ސާރާ ބިރެއްވެސް ނުގަނޭތަ ދަރިއަކު ހޯދަން އުޅޭއިރު." އަމީނު ބޭނުންވީ ހިތް ބިރުގަންނަވައިގެން ސާރާގެ ޚިޔާލު ބަދަލުކުރެވޭތޯއެވެ.

"ހެޔޮ މިނިކާ ކުއްޖަކަސް.....އަހަރެން ދަރިއަކު ބޭނުން....ބޭނުން...." ސާރާ ބާރުބާރަށް ރޮއިގެންފިއެވެ.
"އެންމެ ރަނގަޅު ސާރާއަށް ލިބޭ ދަރިފުޅުގެ ސަބަބުން ސާރާ އަހަރެން ކުށްވެރިކޮށްގެން ނުވާނެ. އަހަރެން ޒިންމާއެއް ނުއުފުލާނަން. މިއޮއް ޒަމާނުގައި އެފަދަ ބޮޑު "ރިސްކެއް" ނަގަން ހެޔޮވެސްނުވާނެ...." އަމީން ދެންވެސް މަސައްކަތް ކުރީ ސާރާއަށް ވިސްނައިދެވޭތޯއެވެ.
"ކޮންމެ ކަހަލަ ކުއްޖަކު ލިބުނަސް އަހަރެން އަހަރެންގެ ދަރިފުޅަށް މައިވަންތަ ލޯބިދޭނަން. ހެޔޮ އަމީނު ދުވަހަކު އެކުއްޖާއާ އަޅާނުލިޔަސް." ގޮތްދޫކުރާ ވަރަށްވުރެން ސާރާ ދަރިއަކަށް ބޭނުންވެފައިވާ މިންވަރު ބޮޑެވެ.

"ސާރާ.....ސާރާ ތިވަރަށް އެދެންޏާ އަހަރެން ދެން އެއްވެސް ހުރަހެއް ނާޅާނަން. އެޅޭ ޅައެއްޗަކުން ފަހުން ހިތާމަކުރަން ޖެހިދާނެކަންވެސް ހަނދާން ބަހަޓައްޗޭ." އަމީން އިރުކޮޅެއް ވަންދެން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޒަރު ހުއްޓައިގެން ހުރެ ބުންޏެވެ.

"ދަރިއަކު ލިބިގެން އަހަރެން ހިތާމަކުރާކަށް ނުޖެހޭނެ. މިހާރު އަހަރެންގެ ހުރިހާވެސް އުއްމީދަކީ، ހުރިހާވެސް އުފަލަކީ އެއީ....." ސާރާ ފުން ނޭވާއެއް ލިއެވެ. އަމީނު ވިސްނިއެވެ. އެދެމެދަށް އުފަންވާ ދަރިއަކު އާންމު ލޯތަކަށް ފެންނަފަށުގައި ގެންގުޅެން ޖެހިއްޖެއްޔާ އުޅެންޖެހޭނެ ހާލާ ދޭތެރޭގައެވެ. ކޮންމެގޮތެއްވިޔަސް، އޭނާއަށް ޔަގީންވާ އެއްކަމެއްވެއެވެ. އޭނާއާއި ސާރާގެ ގުޅުމުން އުފަންވާ ދަރިއަކު ވެއްޖިއްޔާ އެހެން އާންމު ކުދިންނާ މާބޮޑަށްވެސް ތަފާތުވާނެއެވެ. އާދަޔާޚިލާފު ކިތަންމެ ކަމެއް އެކުއްޖެއްގެ ކިބައިން ފެންނާނެއެވެ.
އޭނާ ކަންބޮޑުވަނީ އުފަންވާ ދަރިއެއްގެ ސަބަބުން އޭނާ ރާވަމުންދާ މުސްތަޤްބަލަށް ހިޔަނި އެޅިދާނެތީއެވެ. އެއީ އޭނާގެ އެންމެބޮޑު ފިކުރެވެ.

ސާރާއަށް ފިނި ހޫނެއް އިޙްސާސް ވުމާއެކު މަޑުމަޑުން ދެލޯ މަރާލެވުނެވެ. އަމީނު އޭނާގެ ދެއަތް ވަށާ ބާރުކޮށްލިއެވެ. ފަންކާ އެންމެ ބާރުކޮށްފައި ހުއްޓަސް އެއިން މާބޮޑު އިހްސާސެއް އެދެހައްޓަށް ވާހެނެއް ހިއެއް ނުވެއެވެ. ކޮޓަރިތެރޭ ވަށައިގެންވާ އިސްޕީކަރުތަކުން އަންނަމުންދިޔަ އިނގިރޭސި ލަވައެއްގެ ތެރެއަށް ސާރާގެ ހިތްގައިމު އަޑުވެސް ހިނދެމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން އަމީނުގެ އަޑުވެސް އެއަޑާއެކުވެއެވެ. އެލަވައިންވެސް އެމީހުނަށް އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަހަލައެވެ. ގައިމެވެ. ސާރާއާއި އަމީނުގެ ހަރަކާތް ހުރީ އެއިޙްސާސްގައެވެ. ލަވައިގައި ކިޔާ އެއްޗަކާއި ހަރަކާތްތައް އެއްގޮސްނުވި ނަމަވެސް ލަވައިގެ މަންޒަރެއް ސިފަވާހެންވެސް ހީވެއެވެ.

އެލަވަ ނިމި އަނެއް ލަވައަށް ބަދަލުވިހިނދު އަމީނު ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމާއިއެކު ގޮސް ފާޚާނާއަށް ވަނެވެ. ސާރާ އެނދުގެ ހަތަރު ފަރާތުން ބެޑްޝީޓަށް ދަމައި ބެޑްޝީޓުގެ ރޫތައް ފިލުވާލިއެވެ. މިހާރު ސާރާވެސް އިހްސާސް ކުރަމުން އެދަނީ ވަރުބަލިކަމާއި ލޮޑުކަމެވެ.
"ރަނގަޅަށް ނުކަންޏާ ވަރުބަލިވެސްވާނެ." ތޮއްޔިބު ވާހަކަ ދެއްކީ އޭނާގެ ވާންއުޅޭ އަނބިމީހާ އަޒްމާއާއެވެ. އެއީ ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. މިހާރު އެދެލޯބިވެރިންގެ ކައިވެނީގެ ދުވަސް އައިސް ބޯމަތިވަނީއެވެ. އެއީ އެދެފަރާތުގެ އާއިލާއިންވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ދުވަހެކެވެ.

"އަހަރެންގެ މަންމަވެސް މިހާރު ދެތިންދުވަހު ކައިވެނީގެ ވާހަކަ އަހައިފި...ދޭނެ ޖަވާބެއް ނޭނގޭތީ އަހަރެން އެމައުޟޫއަކަށް ވާހަކައެއް ނުދައްކަން." ކައިވެނި ފަސްވަމުންދާތީ އަޒުމާ ހުރީ ހިތްހަމަނުޖެހިފައެވެ.

"އަހަރެން މިހާރު ތާރީޚެއް ކަނޑައަޅައިފިން. ސެޕްޓެމްބަރު އެގާރަ ރަނގަޅެއްނު." ތޮއްޔިބު އަޒުމާ އެންމެ ބޭނުންވާ ޚަބަރު ދިނެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު އަޒުމާގެ މޫނުމަތި ވިދައިގަތެވެ.
"އަސްލުވެސްތަ؟ އަޅެ އަހަރެން ވަރަށް އުފާވެއްޖެ. މިއަދު މަންމަމެންގާތު ތިވާހަކަ ދައްކާނަން." އަޒުމާއަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ.
"އާނ. މަންމަ ގާތުވެސް، ބައްޕަ ގާތުވެސް ބުނޭ....މިހާރު ދެން ލައްކަ ދުވަހު ރައްޓެހިވެގެންވެސް އުޅެވިއްޖެއެއްނު." ތޮއްޔިބު އަޒުމާގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. ދެން ދުރެއް ނުކުރެވޭނެއޭ ބުނާފަދަ ގޮތަކަށެވެ. ދާއިމަށް ތޮއްޔިބާ ގާތްވުމަށް އަޒުމާގެ ހިތް އެދި ގޮވަމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

ދިގު އިންތިޒާރެއްވެސް ކުރެވިއްޖެއެވެ. އެހެންކަމުން ފުރަތަމަ އިސްވެ ކައިވެނީގެ ވާހަކަ ދެއްކުނީވެސް ޚުދު އޭނާއަށެވެ. ތޮއްޔިބާއި އޭނާގެ ލޯބި ދާއިމްވުމަށް ދުވަސްތައް ދިގުލުމަށް އޭނާގެ ހިތްވެސް ނޭދުނީއެވެ.

"މަންމަވެސް ވަރަށް އުފާވާނެ މިއަދު." އަޒުމާ ތޮއްޔިބުގެ ތަނަވަސް މޭގައި މޫނު ކާއްތާލިއެވެ. ތޮއްޔިބު އަޒުމާގެ ފަންފަން ރާޅުބާނި އިސްތަށިގަނޑަށް އަތް ގަންބާލިއެވެ.
އޭގެ ދެތިންދުވަސްފަހުން ނިކަން ކުލަގަދަ ޙަފްލާއަކަށްފަހު ތޮއްޔިބާއި އަޒުމާގެ ކައިވެނިވެސް ކުރެވިއްޖެއެވެ.
"އުފާވެރި ކައިވެންޏަކަށް މަރުޙަބާ." ތޮއްޔިބު ސިއްސައިގެން ދިޔައީ އޭނާގެ ކްލާސްމޭޓެއް ކަމުގައިވާ ޒާހިރުގެ އަޑުންނެވެ.

"އަނހަ ޒާހިރު އާދެވިއްޖެދޯ؟ އަހަރެން ހިޔެއްވެސް ނުކުރަން އަހަރެންގެ ދަޢުވަތަށް ޒާހިރު އިޙްތިރާމް ކުރާނެ ކަމަކަށް.....ދުވަސްތަކެއް ފަހުން ފެނުނީމާ ވަރަށް އުފާވެއްޖެ." ތޮއްޔިބު ގާތުގައި ހުރި އޭނާގެ އަނބިމީހާ ޒާހިރަށް ތަޢާރަފުކޮށްދިނީ އެއަށްފަހުގައެވެ. އެރޭ ފާއިތުވެދިޔައީ ތޮއްޔިބާއި އަޒުމާގެ ޙަޔާތަށް މުޅިން އައު ކަންތައްތަކެއް ތަޖުރިބާ ކުރެވުނު ރެއެއްގެ ގޮތުގައެވެ. ގިނަކަންތައް (އާކަންތައްތައް) ތަޖުރިބާ ކުރެވުނީ ތޮއްޔިބަށެވެ. އެއީ އޭނާގެ އަލަތު ކައިވެންޏަށްވީމައެވެ.

ޑޮކްޓަރ ރާދާ ދިން އުފާވެރި ޚަބަރާއެކު ސާރާ ހޮސްޕިޓަލުން ނުކުތީ އިންތިހާއީ އުފާވެރިކަމާއި ހިތްހަމަޖެހުން ޙިއްޞާކޮށްގެންނެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ކުރި ދިގު އިންތިޒާރަށް ނިމުން އައިސް އުނގު ފަޅުފިލަނީއެވެ. ނަމަވެސް އުނގު ފަޅުފިލާއިރު އިތުރު ވޭނަކާއި ހިތްދަތިކަމެއް ތަހައްމަލް ކުރަން ނުޖެހިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

ގައިމެވެ. ތެލެސީމިއާ ދެކެރިއަރުންނަށް ލިބޭފަދަ ލޭއަޅާ ބަލިކުއްޖަކު ލިބިޖެއްޔާ ބަރުދާސްތު ކުރަން އުނދަގޫވާފަދަ އިޙްސާސްތަކެއް ކުރުވާނެއެވެ. މާބޮޑަށް މަޔަކަށްވުމަށް ބޭނުންވެފައިވާތީ ސާރާއަށް އެހިތްދަތިކަމާ ދޭތެރޭ ނުވިސްނެނީއެވެ. ކިރިޔާވެސް ލޭއަޅަންޖެހޭ ކުދިން އެކުދިންގެ މައިންބަފައިން ގެންގުޅޭ ހާލަތު އިޙްސާސްވާނަމަ، އޭނާ އެދެމެދަށް ދަރިއަކު އުފަންކުރާކަށް ބާރެއް ނޭޅީހެވެ. އެބަހަނާ ދައްކައިގެން އަމީނު ތަކުރާރުކޮށް އެތައްފަހަރަކު އެވާހަކަ ދައްކައި ސާރާއަށް ވިސްނައިދެވޭތޯ މަސައްކަތް ކޮށްފިއެވެ.

"ސާރާ އަދިވެސް އަހަރެން ބުނާނީ ތިދަރިފުޅު ވިހެއުމަކީ ރަނގަޅުކަމެއް ނޫނޭ." އަމީނު ވިސްނަނީ އޭނާގެ އަމިއްލަ މުސްތަޤްބަލަށެވެ.
"ތިބުނީ. އަހަރެންގެ ބަނޑު ދޮވެލާށޭތަ؟ ނުވާނެ ތިކަމެއް.....ކޮންމެ ކަހަލަ ކުއްޖަކު ލިބުނަސް އަހަންނަށް ބެލެހެއްޓިދާނެ" އަމީނު ކިތަންމެ ވިސްނައިދޭން މަސައްކަތް ކުރި ކަމުގައި ވިޔަސް އޭނާ ގޮތްދޫކުރާކަށް ބޭނުމެއް ނުވެއެވެ.
"ލިބެންއުޅޭ ދަރިފުޅު ސާރާއަކަށް ނުބެލެހެއްޓޭނެ. ބަލަހައްޓަންޖެހޭނީ އަހަންނަށް." އަމީނު އުނދޯލީގައި ދެފައި ދަމާލައި އޮށޯވެލަމުން ބުންޏެވެ.

"އަހަރެން އަމީނަކަށް އެއްކަމެއްވެސް ނުޖައްސާނަން..." ސާރާ އެއްމިޔަކަނުން ހީނލަމުން އަމިއްލައަށް ބަނޑުގައި އަތް ކާއްތާލިއެވެ.

ހިތަށް އަރައެވެ. އިންސާނަކާއި ޖަނަވާރެއްގެ ގުޅުމުން ދަރިއަކު އުފަންވެދާނެ ހެއްޔެވެ؟ ވެދާނެ ކަމަށް ގަބޫލުކުރަންވެސްވީ ހެއްޔެވެ؟ ތަންކޮޅެއް ކުރީގައި އިކްލީލު ބުނެފައިވެއެވެ. ސާރާއަކީ އޭނާގެ ދެކުދިންގެ މަންމައެވެ. އެހެންވީއިރު މިހާރު އެކުދިން ކޮބައިހެއްޔެވެ؟ އެކުދިން ގެންގުޅެވެނީ ހަމައެކަނި އޭނާއަށް ފެންނަފަށުގައި ހެއްޔެވެ؟ އެހެންނޫންނަމަ އެދަރިންތައްވެސް މައިމީހާގެ ލޯތްބަށް ބޭނުންވާނެ ނޫންހެއްޔެވެ؟ އޭރު އިކްލީލު ދައްކާފައިވާ ވާހަކައިން ގަބޫލުކުރެވެއެވެ. އިންސާނަކާއި ޖަނަވާރެއްގެ ގުޅުމުން ދަރިއަކު ނުއުފެދުނަސް އިންސިއަކާއި ޖިންނިއެއްގެ ގުޅުމުން ދަރިއަކު އުފަންވެދާނެއެވެ. ނަމަވެސް އެކުއްޖަކު ސައްތައިން ސައްތަ އިންސާނަކަށްވުމީ ވުމަށް ވުރެން ނުވުން ގާތް ކަމެކެވެ. ސާރާއާއި އިކްލީލުގެ ދެމެދަށް ލިބިފައިވާ ދަރިންތައް ސާރާގެ ލޮލަށް ނުފެންނަނީ އެހެންވެގެންކަން ގައިމެވެ. ނަމަވެސް އެކުދިންތައް މިހާރުވެސް ދުރާއި ގާތުން މައިމީހާގެ ހަރަކާތްތައް ބަލާނެއެވެ.
އަމީނު ކަންބޮޑުވަނީ އެކަން އޭނާއަށް ވިސްނޭތީއެވެ. އޭނާއާ ދޭތެރޭ ސާރާ ދެކޭގޮތް ބަދަލުވެ އޭނާގެ މުސްތަޤްބަލު އަނދިރިކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ސާރާގެ ބަނޑަށް ފަސްމަސް ފުރުނުއިރު އޭނާގެ ބަނޑުވެސް އައީ އާދަޔާ ޚިލާފަށް ބޮޑުވަމުންނެވެ. މިހާރުވެސް ބަލާބެލުމަށް ހީވަނީ ދުވަސް ފުރި ވިހަން ތައްޔާރުވެފައި ހުރިހެނެވެ. ސާރާ ބިރުން އެކަން މައްސަލައަކަށް ނެގި ނަމަވެސް އޭނާގެ ޑޮކްޓަރު ރާދާ ބުނީ އެއްވެސް މައްސައެއް ނެތް ކަމަށެވެ. އެކަމުގެ ޙަޤީޤަތް އެނގެނީ ހަމައެކަނި އަމީނުއަށެވެ.
"އަމީނު.....އަހަރެން ބިރުގަނޭ....ފަސްމަސް އަދި ނުފުރޭއިރު މިހިރީ އަހަރެންގެ ބަނޑުވާވަރު. އަޅެ ބަނޑަށް ވަރަށް އުނދަގޫވެސްވެޔޭ.....އެކަމަކު....ރާދާވެސް ބުނެފިއެއްނު އެއްވެސް މައްސަލައެއް ނެތޭ." ސާރާއަށް ރާދާއާ ދިމާއަށްވެސް ކުދިކިޔުނެވެ.

"މިހެން މިކަން ވެދާނެތީއޭ އަހަރެން ދަރިއަކު ނުހޯދަން އުޅުނީ...." އަމީނު ކުށްވެރި ކުރީ ސާރާއެވެ. ސާރާ އިސްއޮބާލަމުން ބަނޑުގައި އަތް ކާއްތާލިއެވެ. ސާރާ ބަލިވެއިން ފަހުން އަމީނުގެ އުޅުމަށް ބަދަލު އަންނަމުން އައިކަން ކުރިންވެސް ފާހަގަކުރެވެއެވެ. ނަމަވެސް އެކަން ސާރާ ފާޅުކުރީ އެދުވަހުއެވެ.
"މިހާރަކަށް އައިސް އަބަދުވެސް ހީވޭ އަމީނު ކޮންމެވެސް ފިކުރެއްގައި ހުންނަހެން. މުޅިންވެސް އަހަންނާ ދޭތެރޭތަ ތިވިސްނަނީ...." ސާރާ އަމީނުގެ ގާތަށް ޖެހި އަމީނުގެ ކޮނޑަށް އަތް ވައްޓާލިއެވެ.
"އާނ...އަބަދުވެސް އަހަރެންގެ ވިސްނުމުގައިވަނީ ސާރާ....އަހަންނާ ސާރާ އެކުވެގެން ރާވާ މުސްތަޤްބަލާ ދޭތެރޭ އަބަދުވެސް ފިކުރުކުރެވޭ....ލިބެންއުޅޭ ދަރިފުޅާ ދޭތެރޭ އެންމެބޮޑަށް ވިސްނައި ފިކުރު ކުރެވެނީ....." އަމީނު ސާރާގެ ދެކޮނޑުގައި ހިފާ ގާތަށް ދަމާލިއެވެ."

"ރަނގަޅު ކުއްޖަކު ލިބޭތޯ ދުޢާކުރޭ އަމީނު. މާތްރަސްކަލާނގެ އިރާދަފުޅުން އަހަރެމެނަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ." ސާރާ އަމީނުގެ ނިތްކުރީގައި ނޭފަތްޖައްސާލިއެވެ.

"ތިދަރިފުޅު އުފަންވާ ވަގުތުވެސް ސާރާއަށް ވަރަށް ބުރަވާނެ. އެކަމަކު ކެތްތެރިވާންވާނެ." އަމީނު ސާރާގެ ބަނޑުގައި އަތް ކާއްތާލިއެވެ.
"ތެލެސީމިޔާ އެހެން ދެކެރިއަރުން އިނދެގެންވެސް މިމައްސަލަތައް ދިމާވޭތަ؟" ސާރާ އެހިއެވެ. އަމީނަށް ހީގަނެވުނެވެ.
"އެހެން މީހުނާ އަހަރެން ތަފާތުވާނެ." އަމީނު ކުރިއަށް ވުރެންވެސް ބާރަށް ހީގަތެވެ.

"ތަފާތުގެ ވާހަކަ ނުދައްކާ ހިނގާ ސައިބޯން....މަންމަ މިހާރު ހުންނާނެ ލަސްވެގެން...." ސާރާއާއި އަމީނު އަތްގުޅުވާލައިގެން ކާގެއާ ދިމާއަށް ހިނގައިގެންފިއެވެ.

ލިބެންއުޅޭ ދަރިފުޅާ ދޭތެރޭ ސާރާ ވިސްނާވަރަށްވުރެން މާބޮޑަށް އަމީނު ވިސްނައެވެ. ދިމާވާނެ މައްސަލަތައް އެނގެނީ އޭނާއަށް ކަމަށްވާތީއެވެ. ނަމަވެސް އެއީ އޭނާވެސް އެދޭގޮތެއް ނޫނެވެ. އެގޮތް މެދުވެރިވެގެން އޭނާގެ ޚިޔާލީ ގަނޑުވަރު ފުނޑުފުނޑުވެ ބިމާ ހަމަވާކަށް ފަހަރެއްގައިވެސް އޭނާ ނޭދެއެވެ.
މިހާރު ފާއިތުވެގެންދާ ކޮންމެ ދުވަހަކީވެސް އަމީނަށް އިތުރު ހާސްކަމާ ކުރިމަތިވާ ދުވަހެކެވެ.
"އަބަދާ އަބަދު ކޮންހާ ފިކުރެއްތަ މިހާރަކަށްއައިސް ތިކުރަނީ؟" ދަރިއަކު ލިބޭތީ އެހެން މީހުން އުފާކުރަނީ.....އެކަމަކު އެހެންނެއްނޫން....އަމީނުގެ ކަމަކީ ފިކުރުކޮށް ވިސްނުން." ތޮއްޔިބާއި އަމީނު ވާހަކަ ދައްކަން ތިބީ އޮފީހުގައެވެ. އެއީ ފަހަކަށް އައިސް އަބަދުވެސް ތޮއްޔިބު ކުރާ ޝަކުވާއެކެވެ.

"ތިޔައީ ތޮއްޔިބުމެނަށް ހީވާ ހީވުމެއް....އަހަރެން އެއްވެސް ފިކުރެއް ނުކުރަން.....ޙަޤީޤަތުގައި އަހަރެން މިހުންނަނީ ހާދަ އުފާވެފަ ހިތްހަމަޖެހިފައޭ...." ހިތާދެކޮޅަށް އަމީނު ބުންޏެވެ.
"އުފާވެފައި ހުންނާތީދޯ އަބަދުވެސް ދަތްދޮޅީގައި އަތް ވިއްދައިގެން ޚިޔާލީ ކަނޑަކަށް ފެތިފައި ހުންނަނީ....." ތޮއްޔިބު ދިމާކުރިއެވެ.
"ތޮއްޔިބަށް ނުވިސްނެނީތަ؟ ބަލަ އަހަރެމެން ދެމީހުންނަކީވެސް ދެކެރިއަރުންނޭ.....ލިބެންއުޅޭ ދަރިފުޅާ ދޭތެރޭ ވިސްނޭނެއެއްނު." އަމީނު ތޮއްޔިބަށް ހަނދާންކޮށްދީ އަނގަ ބަންދުކޮށްލިއެވެ.

"ތެދެކޭދޯ ތިބުނީ، އެކަމަކު ބުނަން އަމީނު ނުބައިގޮތަކަށް ވިސްނާކަށް ނުވާނެ. އުއްމީދުކޮށްބަލަ ރަނގަޅު ކުއްޖަކަށް......" ތޮއްޔިބު ބުންޏެވެ.
"ރަނގަޅު ކުއްޖަކަށްދޯ؟" އަމީނު ބޯކަހާލިއެވެ. އުއްމީދެއްނެތޭ ބުނާފަދަ ގޮތަކަށެވެ.
ތޮއްޔިބުގެ މޯބައިލް ރިންގްވާން ފެށީ އެވަގުތުއެވެ. ޖަވާބުދިނުމުގެ ކުރިން ފުރަތަމަ ތޮއްޔިބު ބެލީ ކާކުގެ ކޯލެއްތޯއެވެ.******************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 89 އިން 92 ށެވެ.

ކިޔުންތެރިންގެ ހިޔާލު