މަސްވެރިކަމުގެ ސިނާއަތުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، 4.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިކަން މިނިސްޓަރު ހާމަކުރެއްވީ ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި، ދެއްވި ޕްރެޒެންޓޭޝަނެއްގައެވެ.

މިނިސްޓަރު ޝިޔާމްގެ ޕްރެޒެންޓޭޝަންގައި ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމަށް ފަސްޖެހިފައިވާ ކަމަށެވެ. އެ ހައްލުތައް ގެނައުމުގައި ދަތިތަކެއް ހުރި ނަމަވެސް، މި ސަރުކާރުން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، މި ދާއިރާގެ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، 4.5 ބިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެއް ކުރައްވަން ނިންމަވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި އިންވެސްޓްމަންޓްތަކާއެކު، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ހުރިހާ ގޮންޖެހުންތަކެއް އިރާދަކުރެއްވިއްޔާ ހައްލުވެ، މަސްވެރި އާއިލާތަކަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު