މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮވެގެންދާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅަކުން މަސްވެރިންނަށް އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އަދި މި ވައުދު ފުއްދުމަށްޓަކައި މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.

އެގޮތުން، އެސް.ޓީ.އޯ.ގެ ފިއުލް ސްޓޭޝަނެއް ދުވާފަރުގައި ޤާއިމުކުރެވި، މިއަދުން ފެށިގެން އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މި ވައުދު ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބާކީ ހުރި ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް އަވަސް މިނެއްގައި ޤާއިމުކުރަމުން ގެންދަވާނެ ކަމަށާއި، އަންނަ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ. ރޭޓުގައި މަސްވެރިންނަށް ތެޔޮ ވިއްކޭނެ މަރުކަޒުތައް ޤާއިމުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މި ބަދަލުގެ ސަބަބުން މަސްވެރިންނަށް ތެޔޮ ލިބޭ އަގަށް އެވްރެޖްކޮށް ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާރި އަގުހެޔޮވާނެ ކަމަށެވެ. އަދި ތިން ޓަނަށްވުރެ ގިނައިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެ ކަމަށާއި މި ބަދަލު މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަންތަކާއި ތެޔޮ ވިއްކާ މަރުކަޒުތަކަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާދަމާއިން ފެށިގެން މިފްކޯއިން ތެޔޮ ވިއްކާނެ އަގުތަކަކީ:

މަސްކިރާ ހުރިހާ ފަރާތްތަކަށް: 13.90 ރުފިޔާ

ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް: 13.72 ރުފިޔާ

ޢާންމު ފަރާތްތަކަށް: 14.43 ރުފިޔާ

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ދެކުނުގެ މަސްވެރިން އެވްރެޖްކޮށް ދުވާލަކު 2000 ރުފިޔާ ތެލަށް ހަރަދުކުރާ ކަމަށެވެ. އެހެންކަމުން، މިހާރު ގެނައި ބަދަލާއެކު އެ ފަރާތްތަކުން ތެލަށް ކުރާ ހަރަދުން އެވްރެޖްކޮށް ދުވާލަކު 1000 ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ އެސް.ޓީ.އޯ.އާއި މިފްކޯއާއި އެފް.އެސް.އެމް.އާއި ގުޅިގެން ގެނައި އިންތިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ މިފްކޯއިން ސީދާ މަސްވެރިންނަށް ތެޔޮ ދޫކުރުމުގައި ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު