ހުޅުމާލޭޭގައި ހުންނަ އަމިއްލަ ފަރާތަކުން ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލް- މިތަން މިހާރު ބޭނުން ކުރަނީ ކޯވިޑް-19 ގެ ބަލިމީހުންގެ ފަރުވާއަށް
ހުޅުމާލޭޭގައި ހުންނަ އަމިއްލަ ފަރާތަކުން ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލް- މިތަން މިހާރު ބޭނުން ކުރަނީ ކޯވިޑް-19 ގެ ބަލިމީހުންގެ ފަރުވާއަށް
ހަލުވި ކަމާއެކު މިހާރު ދުނިޔޭގެ ކަންކޮޅު ތަކުގައި ފެތުރެމުން މިދާ ކޮވިޑް-19 ރޯގާބަލިމަޑުކަން މިދަނީ ކަންބޮޑުވާ މިންވަރަށް ފެތުރެމުންނެވެ. މި ރޯގާބަލިމަޑުކަމުގެ ބިރުވެރިކަން މި ކުޑަކުޑަ ދިވެހިރާއްޖެ ވަށާލާފައިވަނީ އާއްމު ޞިއްޙީ ނިޒާމަށް ކެތްނުކުރެވޭ މިންވަރަކަށެވެ.

އެހްނެކަމުން މިއީ މުޅި ރާއްޖޭގެ ޞިއްޙީ ނިޒާމު އެއް ވިއުގަ އެއްގައި ވަރަށް ރޭވުންތެރި ކަމާއެކު މަސައްކަތް ކުރަންވީ ވަގުތެކެވެ. މިގޮތަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ރާއްޖޭގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ކަމާއި ބެހޭ މާހިރުންވެސް އެއްބަސް ވެއެވެ.

އާއްމުންގެ ފަރާތުން ލިބެންވާ އެއްބާރުލުން ނިހާޔަތަށް ލިބެން ޖެހެއެވެ. ގައިދުރު ކުރުން މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރަން ޖެހެއެވެ. އަމިއްލަ ސާފުތާހިރު ކަމަށް އަހައްމިއްޔަތު ކަން ދޭން ޖެހެއެވެ. ސިއްޙީ މާހިރުން ދެއްވާ އިރުޝާދާ އެއްގޮތަށް އަތްދޮވުމާއި އަދި ޑެލިވެރީ ކުރެވޭ ސާމާނު ރަނގަޅަށް ގެންގުޅެން ޖެހެއެވެ. ފަރުދީ ޒިއްމާ އަދާކުރަން ޖެހެއެވެ.

ހަމަ މިއާއި އެކު ސިއްޙީ ޚިދުމަތްތައްވެސް ރޭވުން ތެރި ކަމާއެކު ރަނގަޅަށް މިދަނޑި ވަޅުގައި އިންތިޒާމު ކުރެވެން ޖެހެއެވެ. މިހެން ބުނަން މިޖެހެނީ މުއައްސާސާތަކުން ގޯސްހެދި، މަދުން ނަމަވެސް ހިތާވެރި ހާދިސާތަކަށް މަގު ހުޅުވޭތީ އެވެ. މިހުރިހާ ކަމަކަށް ނިހާޔަތަށް ކަންބޮޑުވާން ޖެހޭ ސަބަބަކީ ކޮވިޑް-19 ރޯގާބަލިމަޑުކަމުގެ ނުރައްކާތެރިކަން އިންތިހާއަށް އޮތީމައެވެ.

ރާއްޖޭގެ ކޮންމެ ކަމެއްވެސް ކުރަން އަބަދުވެސް މިޖެހެނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ތަކާއި އެއް ފެންވަރަށެވެ. މިއީ ކޮންމެ ދިވެއްސަކުވެސް ބޭނުންވާ ގޮތެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީވެސް ފައްކާވަނީ އެބީދައިންނެވެ. ނަމަވެސް ހިތާމައަކީ އެފަދަ ގައުމު ތަކުން ކުރާ ރަނގަޅު ކަންތައް ތަކުން ފިލާވަޅު ހޯދާ، ހަގީގަތުގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންކަން ކުރުމަށް އަހަރުމެން ނުކުޅެދޭތީއެވެ. މިއީ ޕޮލިސީ ލެވެލްގެ ބޭފުޅުން ކުރަން ޖެހޭ ކަންކަމެވެ. އެއީ ސިޔާސީ ބޭފުޅުން ނެވެ. އެބަޔަކަށް ކުރެވޭނީ އެބައެއްގެ ވިސްނުން ފޯރާ ހިސާބަށޭ ކިޔާތީ އަޑުއިވެނީ ޖޯކަކަށް ނޫނެވެ.

މިހާރު ދުނިޔޭގެ ކަންކޮޅު ތަކުގައި މި ރޯގާބަލިމަޑުކަން ފެތުރެމުން އަންނައިރު ބައެއް ގައުމު ތަކުން އަޅާ ފިޔަވަޅު ތަކަށް ބަލާލަމާ ހިނގާށެވެ. އެފަދަ ގައުމު ތަކުގައި މުޅިސިސްޓަމް ފެއިލް ނުކޮށް ކަންކަން ރޭވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާތަން އެބަފެނެއެވެ. މިސާލަކަށް އެމެރިކާގެ ނިއުޔޯކުގެ ޞިއްޙީ ޚިދުމަތް ރުކުރަވާލާފަ އޮތްގޮތް މިސާލަކަށް ނަގަމާ ހިނގާށެވެ.

ނިއު ޔޯކުގައި ހުރިހާ ހޮސްޕިޓަލް ތަކާއި އަދި ހުރިހާ ކުލިނިކެއް މަސައްކަތް ކުރަނީ އެއްނިޒާމަކަށް ތަރުތީބު ކޮށްގެންނެވެ. ޕްރައިވެޓެއް ޕަބްލިކެއް ތަފާތެއް ނެތެވެ. އެންމެން ގުޅިގެން މަސައަކަތް ކުރަނީ މި ރޯގާބަލިމަޑުކަމުން އަރައި ގަތުމަށް މަސައްކަތް ކުރާއިރު އެހެނިހެން ޞިއްޙީ ޚިދުމަތްތައްވެސް ރައްޔިތުންނަށް ބަރާބަރަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކޮށްދެމުންނެވެ.

ރާއްޖޭގަވެސް ސަރުކާރުގެ ހޮސްޕިޓަލްތައް ރުކުރުވާ ލެވިފަވަނީ ހުރިހާ ޚިދުމަތެއްވެސް ދެވޭ ގޮތަކަށެވެ. ނަމަވެސް މިހާރު ރުކުރަވާލާފައިވާ ގޮތުން ހިތާމަވެރި ކަންކަމާއި ދިމާވަމުން ދާކަމީ ހަގީގަތެކެވެ. މިއަށް ވުރެން ހަރުދަނާ ގޮތަކަށް މިކަން ކުރެވެން ޖެހެއެވެ.

ކޮވިޑް-19 ރޯގާބަލިމަޑުކަން މާލެއަށް ފެތުރިގެން އަންނަނީ ހަލުވިކަމާއި އެކުގައެވެ. މިހާރު ޞިއްޙީ ނިޒާމު ރޭވިފައި އޮތްގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެހެނިހެން ސިއްޙީ ޚިދުމަތް މެދެކެނޑުމަކަށް އައުމަކީވެސް އެކަށީގެންވާ ކަމަކެވެ. އެހެންކަމުން ވަގުތު ފާއިތު ނުވަނީސް ޞިއްޙީ ޚިދުމަތް ތަރުތީބުކޮށް މުޅި ރާއްޖޭގެ ޞިއްޙީ ނިޒާމު އެއްވިއުގައަކަށް ރުކުރަވާލަން އެބަޖެހެއެވެ. ޕްރައިވެޓް ތަންތަނާއި ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގައަކަށް ބަދަލު ކޮށްލަން އެބަޖެހެއެވެ.

ކޮވިޑް-19 އަށް މިހާރު ފަރުވާ ދޭ އެންމެ މައި މަރުކަޒަކީ ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް އެވެ. އަދި މިއާއި އެކު ދަރުމަވަންތަ ހޮސްޕިޓަލެވެ. ފަހުގެ މަރުހަލާއަކަށް ޓްރީޓޮޕް އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ސަރުކާރުގެ ފަރާތުން ވިދާޅުވެއެވެ. ނަމަވެސް ހިތާމައަކީ މިހޮސްޕިޓަލް ތަކުގައި އެހެނިހެން ފަރުވާ ދިނުމަށްވެސް އިންތިޒާމު ހަމަޖެހިފައިވާ ކަމެވެ. މީގެ ބަދަލުގައި ހުރިހާ ހޮސްޕިޓަލް ތަކާއި ކުލިނިކުތައް އެއް ބޮޑީއެއްގެ ގޮތުގައި ޚިދުމަތް ދޭން އެބަޖެހޭ ނޫންތޯއެވެ؟

މިސާލަކަށް އަންހެހުންގެ ޚާއްސަ ބަލިތަކާއި، ވިއްސުމާއި، ކުޑަކުދިންގެ ބަލިތަކުގެ އިތުރުން ކަށީގެ ޚިދުމަތްތައް ދިނުމަށް އޭޑީކޭ އަށް ބަދަލު ކޮށްލަންވީ ނޫންތޯއެވެ. މި ޚާއްސަ ޙާލަތުގައި އެތަނުންވެސް މުޅި ސިއްޙީ ވިއުގައިގެ ޚިދުމަތުގެ އަގު ނަގަންވާނީ މިހާރު ސަރުކާރުގެ ހޮސްޕިޓަލް ތަކުން ނަގާ އަގެވެ. އަދި މިޚަރަދު ކުރަންވާނީ ކޮންމެ ރައްޔިތަކަށް ލިބޭ އާސަންދައިގެ ދަށުންނެވެ.

ދެންވެސް އެހެނިހެން ތަފާތު ބަލި ބައްޔަށް އެހެނިހެން ކްލިނިކްތައް ހަމަޖައްސާ ގިނަ މީހުން އެއްތަކަނަށް ނުދެވޭނެ އިންތިޒާމެއް ހެލްތުމިނިސްޓްރީއިން އިސްނަގައިގެން ހަމަޖައްސަން މިވަގުތައް ވަރަށް މުހިއްމެވެ. އެންމެ ފަހުވަގުތު މިކަންކަން ހަމަޖައްސަން މަޝްވަރާ ކުރަން ނުބާއްވާ މިހާރުން މިހާރަށް ސަރުކާރުން މިކަންކަން ތަރުތީބުކޮށް ހުރިހާ ހޮސްޕިޓަލް އަދި ކްލިނިކް ތަކަށް އަންގަންވީ އެވެ. މިހާރު މިއޮތީ ޞިއްޙީ ކުއްލި ޙާލަތަކަށް ވުމުން ހުރިހާ ފަރާތްތަކުން މިފަދަ ނިޒާމަކަށް އެއްބަސް ވާން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.

މިގޮތަށް ޚިދުމަތްތައް ތަރުތީބު ވުމުން ރައްޔިތުންނަށް ލިބޭ ހިތްހަމަ ޖެހުމުގެ އިތުރުން ދެވޭ ޚިދުމަތްވެސް ނިހާޔަތަށް ރަނގަޅުވާނެކަން ހަމަ ޔަގީނެވެ.

ދެން އޮތީ ކޮވިޑް-19 އަށް ޓެސްޓު ކުރުމެވެ. ހަމަ ޔަގީނުންވެސް މިފަދަ ޓެސްޓްހެދޭނެ މެޝިންތައް ރާއްޖޭގެ ގިނަ ކްލިނިކް ތަކުގައި ހުންނާނެއެވެ. ފަހަރުގައި ބޭނުންވާ ކާޓްރިޖްވެސް އެމީހުން އަތުގައި ހުރުމަކީ ދުރުކަމެއް ނޫނެވެ. ނެތްނަމަ މެޝިންތަކަށް ބޭނުންވާ ކާޓްރިޖް ހޯދުމަށްފަހު އެތަންތަނުންވެސް ކޮވިޑް-19 އަށް ޓެސްޓް ހެދޭނެ ނިޒާމު ހަމަޖައްސަން ވަރަށް މުހިއްމެވެ. ދައުލަތުން ރައްޔިތުންނަށް ޔަގީންކަން ދީފަ އޮތީ ފުރިހަމަޔަށް ތައްޔާރުވެފައި ވާކަމަށެވެ. އެހެން ކަމުން މިފަދަ ޕްލޭނެއްވެސް އޮންނާނެ ތާއެވެ.

ޕްރައިވެޓް ތަންތަނުން ޓެސްޓް ހެދޭ އިންތިޒާމު ހަމަޖައްސާ، ޓެސްޓް ކިޓުތައް އެތަންތަނަށް ފޯރުކޮށްދޭންވީ ވަގުތަކީ މިއެވެ. އަދި ކޮންމެ ޓެސްޓަކަށް އާސަންދައިން އެކްލިނިކް ތަކަށް އަގެއް ހަމަޖައްސާ އެފައިސާ ފޯރޮކޮށްދޭން ވާނެއެވެ. ބިދޭސިންނަކީ ކުންފުންޏެއްގައި ގަވާއިދުން މަސައްކަތް ކުރާ މީހެއްނަމަ އޭނަގެ މެޑިކަލް ބިލް އެކުންފުނި ތަކުން ސަރުކާރަށް ދައްކަން ވާނެއެވެ. އެހެނިހެން މީހުންގެ އެފަދަ ޚިދުމަތް ޒަކާތު ފަންޑުން ހަމަޖެއްސުމަކުން ގޯހެއް ނުވާނެއެވެ.

މިގޮތަށް މުޅި ރާއްޖޭގެ ޞިއްޙީ ނިޒާމު މިވަގުތު މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެހެން ނޫންނަމަ ޞިއްޙީ ހުރިހާ ޚިދުމަތެއް ފެއިލްވެދާނެ ކަމަށް މިހާރު ގަބޫލު ކުރަން ޖެހެއެވެ. މިއަށް ބާރުލިބޭ އެއްކަމަކީ، އެންމެފަހުން ރައީސް ޞޯލިޙް ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ ރިޓަޔާ ކޮށްފައިވާ ބޭފުޅުން ޞިއްޙީ ނިޒާމާއި ގުޅުމަށް އެދުނު އެދުމެވެ. އަދި ސަރުކާރުން ވިދާޅުވަނީ ޓެސްޓިން ކެޕޭސީޓީ ނެތް ކަމަށެވެ. އެހެންކަމުން ޕްރައިވެޓެއް ޕަބްލިކެއް ނުބަލާ، ހުރިހާ ތަނެއް އެއް ފުރާޅެއްގެ ދަށުން ކަންކަން ތަރުތީބުވެ މިހާރުން މިހާރަށް މަސައްކަތް ކުރަން ޖެހެއެވެ. މިއީ ކޮނެމެހެން މަޖިލީސް ޖަސްލާ ބާއްވައިގެން ފާސްކުރަން ޖެހޭ ކަމެއް ނޫނެވެ.

މިދެންނެވި ގޮތަށް މަސައްކަތް ކުރުމަށް އެއްވެސް ޕްރައިވެޓް ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން ދެކޮޅު ހަދާނަމަ ދާއިމަށް އެފަދަ ފަރާތެއްގެ ލައިސެންސް ބާތިލް ކުރަންވީ އެވެ. މިވަގުތަކީ ފައިދާއަށް ވުރެން ގައުމަށް ޚިދުމަތް ކުރަންވީ ވަގުތެވެ. އެފަދަ ތަންތަނުން ދެވޭ ޚިދުމަތަށް ބަރާބަރަށް ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން އާސަންދައިން ޚަރަދު ކުރަން ވާނެއެވެ. އަދި ފީއެއް ނަގާނަމަ އެފީ މިވަގުތަށް ސަސްޕެންޑް ކޮށްލަންވީ ނޫންތޯއެވެ. އަދި އެފަދަ ތަންތަނުގެ ޔުޓިލިޓީ ބިލްތައް ސަރުކާރުން ހަމަޖެއްސުމުން އެތަނުގެ އޮޕަރޭޝަނަށް މަޅިނާރާ ކުރިއަށްދާން ފަސޭހަ ވާނެއެވެ.

މިފަދަ ގޮތަކަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތަކުންވެސް އިސްވެ މަސައްކަތް ފަށަންވީއެވެ. ޤައުމާއި ރައްޔިތުންގެ ޙައްގުގައެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތުން މި ރޯގާބަލިމަޑުކަމުން އަހަރުމެން ރައްކާތެރި ކުރައްވާށިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން