ބަންގްްްލަދޭޝްގައި ހުންނަ ޒަމާނީ މިސްކިތެއް
ބަންގްްްލަދޭޝްގައި ހުންނަ ޒަމާނީ މިސްކިތެއް
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި މީގެ މަސްދުވަސް ކުރިން ބަންދުކުރި ބަންގްލަދޭޝްގެ މިސްކިތްތައް މިއަދު ހުޅުވާލަން ނިންމާފައިވާކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ހާމަކޮށްފިއެވެ.

ރަމަޟާން މަހުގައި ކުރާ ތަރާވީސް ނަމާދު ހިމެނޭގޮތަށް ބޮޑު ޖަމާއަތުގައި ނަމާދުކުރުމަށް ބަންގްލަދޭޝްގެ މިސްކިތްތައް މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުވާލެވޭނެކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ރެލިޖިއަސް އެފެއަރސް އިން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.

ބެނާރްނިއުސް އާއި ވާހަކަދައްކަވަމުން ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ ފޮރ ރެލިޖަސް އެފެއަޒް، ޝެއިޚް އެމްޑީ އަބްދުﷲ ވިދާޅުވީ މިސްކިތްތައް ހުޅުވާލުމަށް ނިންމާފައިވަނި މުސްލިމް މުޖުތަމަޢުގެ ޝައިޚުންގެ ފަރާތުން ވަރަށް ބޮޑަށް އެކަމަށް އެދެމުން ދިޔުމުން ކަމަށާއި، އެމީހުންގެ ފަރާތުން ސަރުކާރަށް އަންނަ ޕްރެޝަރުގެ ބޮޑުކަމުންނެވެ. އަދި މިސްކިތްތައް ހުޅުވާލި ނަމަވެސް، އިޖުތިމާއީ ގައިދުރުކަމުގެ އިރުޝާދުތަކަށް ބޯލަނބަން ޖެހޭނެކަން ފާހަގަކުރައްވާ އިއްޔެ މިނިސްޓަރު ވިދާޅުވީ ބޮޑު ޖަމާއަތުގައި ނަމާދުކުރުމަށް ބުރާސްފަތި ދުވަހު މިސްކިތްތައް ހުޅުވާލެވޭނެކަމަށެވެ.

އިސްލާމިކް އެފެއާޒް މިނިސްޓްރީން މިސްކިތްތައް ބަންދު ކުރުމަށް އެންގީ އޭޕްރިލް 6 ވަނަ ދުވަހުއެވެ. މިސްކިތްތައް ބަންދު ކުރުމަށް ފަހު މިނިސްޓްރީން ވަނީ ގޭގައި ނަމާދު ކުރުމަށް އަންގާފައެވެ.

ރަމަޟާން މަހާއި ގުޅިގެން ހުސްވި އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ބަނގްލަދޭޝްގެ ސަރުކާރުންވަނީ، 2 އިމާމުންގެ އިތުރުން 10 މީހުންނަށްވުރެ ގިނަ ނުވާ އަދަދަކަށް ޖަމާއަތް ހަދައިގެން ތަރާވީސް ނަމާދު މިސްކިތްތަކުގައި ކުރުމުގެ ހުއްދަ ދީފައެވެ.

ބުދަ ދުވަހު އެކަނިވެސް 790 މީހަކު ބަންގްލަދޭޝްއިން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު އެގައުމުން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 12،776 އަށް އަރާފައެވެ. އަދި ބަންގްލަދޭޝްއިން މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 186 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން