ފަހަކަށް އައިސް ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކްލަބްހައުސް އެޕްލިކޭޝަން
ފަހަކަށް އައިސް ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކްލަބްހައުސް އެޕްލިކޭޝަން
ދިވެހިންނަކީ ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމްތަކަށް ވަރަށް ފަރިތަ ބައެކެވެ. އެންމެ ފަހުގެ "ޓްރެންޑް" ތަކާ އެއްގޮތަށް އެއިރެއްގައި އެންމެ މަޝްހޫރު އަދި މީހުންގެ މަގުބޫލުކަން ހޯދަމުންދާ އެޕްލިކޭޝަންތައް ޑައުންލޯޑްކޮށް ބަރާބަރަށް ތަޖުރިބާކުރަމުން ދާ ބައެކެވެ. އެންމެ ބާރަށް މަޝްހޫރުވެގެންދާ އެޕްތަކުގައި ދިވެހީން ފައިހަމަކޮށް ދުނިޔޭގެ ފެންވަރުގައި ވާދަކުރާކަން ހަމައެކަނި ޓިކް ޓޮކަށް ބަލައިލުމުންވެސް ކަށަވަރުވާނެއެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއްނޫނެވެ.

މިގޮތުން ފަހަކަށް އައިސް ދިވެހިންގެ މެދުގައި ވައިގައި ހިފައިގެން އުޅޭ އަދި މިހާރު އެންމެ މަގުބޫލު އެޕްލިކޭޝަނަކީ "ކްލަބްހައުސް" އެވެ. އެކަމަކު މިއީ އަދި ވަރަށް ތަފާތު ޕްލެޓްފޯމެކެވެ. ކްލަބް ހައުސްއަކީ ޓިކް ޓޮކް ފަދަ އެޕްލިކޭޝަނެއް ނޫނެވެ. އެހެންވީމާ މި ޕްލެޓްފޯމުން ގިނައިން ފެންނަނީވެސް ތަފާތު މޫނުތަކެވެ.

"ކްލަބްހައުސް،" މި އެޕަކީ އެމެރިކާ އާއި އިނގިރޭސި ވިލާތަށް ނިސްބަތްވާ ދެމީހަކުވެގެން އެމެރިކާގައި ތައާރަފްކުރި އެޕެކެވެ. މި އެޕަށް އަހަރެއްގެ ތެރޭގައި ބޮޑު މަޤުބޫލްކަމެއް ލިބިފައިވާއިރު މި އެޕަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފޯރިއާއެކެ ބޭނުން ކުރަމުން އަންނަ އެޕެކެވެ.

އަލްފާ އެކްސްޕްލޮރޭޝަން ކޯ ކުންފުނިން އުފައްދައި ހިންގަމުންދާ މިއެޕަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ލިބިގެންދިޔަ އެޕެއް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު މިހާރު ގާތްގަނޑަކަށް 2 މިލިއަނަށް ވުރެ ގިނަ މީހުން މި އެޕް ބޭނުންކުރާކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ. ކްލަބްހައުސް އެޕަކީ އޯޑިއޯ ނުވަތަ ހަމައެކަނި އަޑު ބޭނުންކޮށްގެން މުއާމަލާތްކުރަން ބޭނުން ކުރެވޭ ހާއްސަ އެޕެކެވެ. މޯބައިލް ފޯނުން ހަމައެކަނި އަދި ބޭނުންކުރެވޭ މި އެޕަކީ އައިފޯނުގެ އެޕް ސްޓޯރާއި އެންޑްރޮއިޑުގެ ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެޕެކެވެ.

ކްލަބްހައުސް އެޕް ބޭނުން ކުރުމަށް ފުރަތަމަ ޖެހެނީ އެމީހަކު ބޭނުންވާ ޔޫސަރ ނޭމް އެއް ބޭނުންކޮށްގެން ރަޖިސްޓަރ ވާށެވެ. ބޭނުން ނަމަ އެމީހެއްގެ ޓްވިޓަރ އެކައުންޓާއި ކަނެކްޓްވެސް ކުރެވިދާނެއެވެ. އެއަށްފަހު ގުރޫޕްތައް ހަދައިގެން ކްލަބްހައުސް ގައި "ރޫމްސް" ހަދައި، ނުވަތަ އެވަގުތެއްގައި އާންމުކޮށް ހުޅުވާލައިފައިވާ ރޫމަކަށްވެސް ބައިވެރިވެވިދާނެއެވެ. މިފަދަ ރޫމްސް ތަކުގައި ޚާއްޞަ މައުޟޫ ތަކަށް މަޝްވަރާކޮށް ބަހުސްކޮށް ޚިޔާލުފާޅުކުރުމާއި، އެކުވެރިންނާއި ގުޅުން ބަދަހި ކުރުމާއި، ވާހަކަ ކިޔުމާއި، ލަވަ ކިޔުމާއި މިފަދަ އެތައް ކަމެއް ކުރެވޭނެއެވެ. ކްލަބް ހައުސްގައި ކޮންމެ ފަރާތަކަށްވެސް ކޮޓަރިއެއް އުފައްދާ، ކޮންމެ ކަމަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވޭއިރު، ބައެއް ކޮޓަރިތަކުގައި ހަމަ އެކަނި މިމަޝްވަރާތައް އަޑުއަހާލުމަށް "ލިސްނާ" އެއްގޮތަށްވެސް ބައިވެރިވެވޭނެއެވެ. އަދި މިފަދަ މަޝްވަރާތަކުގައި ބައިވެރިވުމަށް ރޫމް ހިންގާ "މޮޑަރޭޓަރ" ގެ އިޒުނަޔާއެކު "ސްޕީކަރ" އެއް ގޮތުގައިވެސް ބައިވެރިވެވޭނެއެވެ.

ދިވެހިންގެ މެދުގައި މިއަދު ކްލަބްހައުސް އެޕްލިކޭޝަން މިވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެފައެވެ. މިއެޕަށް އެހާބޮޑު މަޝްހޫރުކަމެއް ލިބިގެން ގޮސްފައިވަނީ ހާއްސަގޮތެއްގައި މި އެޕުގެ އެކި ރޫމްސްތަކުގައި ސިޔާސީ، އިޖުތިމާޢީ، އަދި ފަންނީ މާހިރުންނާއިއެކު ހާމަކަން ބޮޑުގޮތެއްގައި، މިނިވަން ކަމާއިއެކު އެކި މަޝްވަރާތައް ކުރެވުމާއި، ޓައިޕް ކުރުމުގެ ބަދަލުގައި އޯޑިއޯ މެސެޖުގެ ޒަރިއްޔާއިން މުއާމަލާތްތައް ކުރިއަށް ގެންދިއުން ފަސޭހަވާތީ ކަމަށް ބެލެވެއެވެ. މިގޮތުން މި އެޕުގެ އެކި ރޫމްސްތަކުގައި، ސިޔާސީ އެކި ކަންކަމާ ގުޅޭގޮތުންނާއި، މުޖްތަމައުގެ އެކި ކަހަލަ މުހިންމު މައްސަލަތަކުގައި ވާހަކަ ދައްކައި ހިޔާލު ބަދު ކުރުމުގައި، ޒުވާނުންނާއި، ސިޔާސީ އެކި ފަރާތްތަކާއި ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ އެކި ވެރިން ބައިވެރިވަމުންދާ މިންވަރު މިހާރު އަންނަނީ އިތުރުވަމުންނެވެ.

ނަމަވެސް އެޕްގެ ޕްރައިވަސީގެ މައްސަލަތަކެއް ހުރުމާއެކު މިހާތަނަށް 12 ގައުމަކުން މިއެޕް ބޭނުން ނުކުރެވޭ ގޮތަށް ވަނީ ބްލޮކް ކޮށްފައެވެ. މީގެ ތެރޭގައި ޗައިނާ، އޮމާން ފަދަ ގައުމުތައް ހިމެނޭއިރު، ފްރާންސްގައި ވެސް މިމައްސަލަ ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސް ރިޕޯޓުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން