ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އަނގަބަންދު ކޮށްގެން ހުރެހުރެ މިހާރު ވަރުބަލިވެއްޖެ ކަމަށާއި، އަބަދަކު އެހެން ނުހުންނެވޭނެ ކަމަށް ވިދާޅުވެ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި މަޤާމުން އެކަހެރި ކޮށްފައިވާ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް އޭނާގެ ދިފާޢުގައި ވާހަކަ ދައްކަވަން ފަށްޓަވައިފިއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ސާބިތުވުމާއި ގުޅިގެން މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ވަނީ ޕީޖީ އޮފީހަށް ހުށައަޅާފައެވެ. ޕީޖީ އޮފީހުން ބުނީ މަޙްލޫފްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ހުށައެޅުމާއި ގުޅިގެން މިހާރު އެމައްސަލަ ދިރާސާކުރަން ފަށާފައިވާކަމަށެވެ. އަދި ދައުވާކުރުމާމެދު ހަފުތާއެއްހާ ދުވަހުގެތެރޭގައި ގޮތެއް ނިންމާނެކަމަށް ޕީީޖީ އޮފީހުން ބުނެފައި ވެއެވެ.

އެކަމާ ގުޅިގެން މަޙްލޫފް މިއަދު ވިދާޅުވީ، ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އޭނާއާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަންކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، "ވަރުބަލިވެއްޖެ" ކަމަށާއި، އޭނާއަށްވެސް އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށް ފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ތިން އަހަރު ވީއިރުވެސް ކޮމިޝަނަށް ފެނުނީ އޭނާގެ ނަން އެކަނި ކަމަށް މަޙްލޫފް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އެ މައްސަލާގައި އޭނާއާއި ދެކޮޅަށް ހޯދިކަމަށްބުނާ ހެކިތަކާއި، ބަޔާނަކީ ކަނޑައެޅިގެން ދިވެހިރާއްޖެއާއި، ސްރީލަންކާގެ ޤާނޫނާ ހިލާފަށް ހޯދައި އަދި ނަގާފައިވާ ހެކިކަމަށާއި، އެހެކިތައް ކޯޓަށް ބަލައިވެސް ނުގަންނާނެ ކަމަށާއި، އަދި އޭގެ ތަފްސީލަށް މިވަގުތު ނުދާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

އޭނާގެ މައްޗަށް މި މައްސަލާގައި ތުހުމަތުތަކެއް ކުރުމުގެ "ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން." ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، އޭނާއަކީ މަޤާމުގައި ބަގުޑިބައްދައިގެން ހުންނަން ބޭނުންވާ މީހެއް ނޫންކަމަށާއި، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް ވޯޓުދިނީ ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތު ކުރި ނަމަވެސް އޭނާ އަކީ އޭރު ޕީޕީއެމްގެ މެންބަރެއް ކަމަށެވެ. އަދި އޭނާ ވޯޓުދިނީ ޕީޕީއެމުން ނެރުނު ތްރީލައިން ވިޕާ އެއްގޮތަށް ކަމަށް މަޙްލޫފް ވިދާޅުވިއެެވެ.

އޭގެ އިތުރުން ޤާނޫނާއި ގަވައިދާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުންނާއި، ޕީޖީ އާއި، އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ އެއްގޮތަށް ތަފާތު ކުރުމެއް ނެތި މައްސަލަ ގެންދާނަމަ ކުރިންވެސް ބުނިގޮތަށް އެންމެ ދުވަހަކުވެސް އިތުރަށް މަޤާމުގައި ނުހުންނާނެ ކަމަށް މިއަދުވެސް މަހްލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް އޭސީސީއަށް ލިބިގެން ނުވާ ކަމަށާއި، އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ޞާލިޙް ނެރުއްވި ޤަރާރުންނާއި، ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފު ކަމަށް މަޙްލޫފް ވިދާޅުވިއެވެ. މަޙްލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި މީގެކުރިން ދައުވާ އުފުލި އެންމެންގެ މައްސަލަތައްވެސް ފޮނުވީ ރިޔާސީ ކޮމިޝަނުން ކަމަށެވެ.

މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޙްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން