ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އިންޑިއާގެ ބެންގަލޫރު އެފްސީ ވީއެންމެ އަވަހަކަށް ރާއްޖެ ދޫކޮށްދާން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް އަންގަވައިފިއެވެ.

އޭއެފްސީ ކަޕުގެ ގުރޫޕު ޑީއަށް ކޮލިފައިވުމަށް ކުޅޭ ފައިނަލް ކޮލިފިކޭޝަން މެޗުގައި ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް އެޓީމުން ވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފުވެ މަގުމައްޗަށް ނުކުމެގެން އުޅެފައެވެ. އެކަމާ ގުޅިގެން މަޙްލޫފް އަންގަވާފައިވަނީ ވީއެންމެ އަވަހަކަށް އެޓީމް ރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށެވެ.

މަޙްލޫފް މިރޭ ވިދާޅުވީ، އީގަލްސްއާއި ބެންގަލޫރު އެފްސީގެ މެޗް ރާއްޖޭގައި ނުކުޅެވޭނެކަން އެފްއޭއެމަށް މިހާރު އަންގާފައިވާ ކަމަށާއި، އަދި އެޓީމު ރާއްޖެއިން ވީއެންމެ އަވަހަކަށް ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެންގެވި ކަމަށެވެ. އަދި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ފަސް ކުރުމަށް އޭއެފްސީއާ މަޝްވަރާ ކުރަށްވާނެ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އާއްމުންގެ ޕްރެޝަރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެސް މުބާރާތް ބޭއްވުމަށް ނިންމީ ބޮޑު ރިސްކެއް ނަގައިގެން ކަމަށާއި، އެކަމަށް ބެންގަލޫރު ޓީމުން އިހްތިރާމް ނުކުރިކަމަށެވެ.



ބެންގަލޫރު އެފްސީ މާލޭގެ ހޮޓަލެއްގައި ކޭމްޕު ކޮށްފައިވާއިރު އެފްއޭއެމުން ބުނެފައި ވަނީ މެޗު ކުޅުމަށް ދެޓީމުގެ އިތުރުން ހުރިހާ ކަމެއްގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭނީ "ބަޔޯ ސެކުއާ ބަބުލް" އެއްގެ ތެރޭގައި ކަމަށެވެ. އީގަލްސްއާއި ބެންގަލޫރު އެފްސީގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ހޯސްޓް ކުރާ އޭއެފްސީ ގުރޫޕު ޑީގެ މެޗުތަކުގެ އިތުރުން ކޮލިފިކޭޝަން މެޗަށްވެސް ސަރުކާރާއި އެޗްޕީއޭއިން ހާއްސަ ހުއްދައެއް ދީފައިވާއިރު، އެ މެޗުތަކާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭއެފްސީން ލަފާދީފައިވަނީ ބަބުލް ސިސްޓަމަށް ޓީމުތައް އެކަހެރިކޮށް، ޓީމުތަކަށް ހިދުމަތް ދޭ ފަރާތްތައްވެސް އެކަހެރި ކޮށްގެން މެޗުތައް ކަނޑައެޅިފައިވާ ތާރީހުގައި ކުރިއަށް ގެންދިއުމަށް ކަމަށް މަޙްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން