އައްޑޫ ސްކޫލެއް | ފޮޓޯ: މީސްމީޑިއާ
އައްޑޫ ސްކޫލެއް | ފޮޓޯ: މީސްމީޑިއާ
އައްޑޫ ސްކޫލެއްގެ ކްލާސްރޫމެއްގައި ދަރިވަރަކާއި ބިދޭސީ ޓީޗަރަކު މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެ، އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ސްކޫލުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި މިވަގުތު މި މައްސަލައިގައި ހިމެނޭ ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މާރާމާރީ ހިންގީ ސްކޫލުގެ ގްރޭޑް 12ގެ ފިރިހެން ދަރިވަރަކާއި އިންޑިއާގެ ފިރިހެން ޓީޗަރަކާ ދެމެދުއެވެ. އަދި އެ މައްސަލައިގައި ހިމެނޭ ޓީޗަރު ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

މި ހާދިސާ ހިނގި ވަގުތު ކްލާސްތެރޭގައި އިން ދަރިވަރަކު ފޯނުން އެ މަންޒަރު ވީޑިއޯކޮށްފައިވާއިރު، އެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ސާނަވީ ގްރޭޑެއްގައި ކިޔަވާ ފިރިހެން ދަރިވަރަކާއި ބިދޭސީ ފިރިހެން ޓީޗަރެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، ދަރިވަރު އަތުގައި އޮތް ފޯނެއް ކަމަށް ބެލެވޭ އެއްޗެއް އަތުލުމަށް ޓީޗަރު ގަދަކަމުން މަސައްކަތް ކުރެއެވެ. އަދި ދަރިވަރު އެ ނުދޭން ބިންމަތީގައި އިށީނުމުންވެސް ޓީޗަރު އެ ކުއްޖާ އަތުން އެ އެއްޗެއް އަތުލަން މަސައްކަތް ކުރެއެވެ.

އޭގެފަހުން ދަރިވަރު ތެދުވެ އެ އެއްޗެއް ޖީބަށްލުމަށްފަހު، ޓީޗަރު ގައިގާ ޖަހާފައިވެއެވެ. އެއަށްފަހު ޓީޗަރުވެސް އެ ކުއްޖާ ގައިގާ ހިފަހައްޓައި އަނިޔާކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ވީޑިއޯގައި ދަރިވަރު ޓީޗަރު ގައިގާ ކޮޅުފައިން ވެސް ޖަހަން އުޅޭތަން ފެނިފައިވެއެވެ. މިގޮތަށް ޓީޗަރާއި ދަރިވަރު އެތައް ފަހަރަކު އެކަކު އަނެކަކު ގައިގާ ޖަހާތަން ވީޑިއޯއިން ފެނެއެވެ.

މި ހާދިސާ ހިނގި ވަކި ގަޑިއެއް ނުވަތަ ތާރީޚެއް ސާފުނުވި ނަމަވެސް، މި ވީޑިއޯތައް އާއްމުވެފައިވަނީ މިއަދުއެވެ.



ކިޔުންތެރިންގެ ހިޔާލު